ވާހަކަ: ދޮންޕަ

ވާހަކަ: ދޮންޕަ

އެ ޖުމުލަ ހިތަށް އެރުމާއެކު އަހަރެންގެ ހިތްކުދިކުދިވި ކަހަލައެވެ. ނޭވާ އަވަސްވެ ގައިން ހީނބިހި ނަގައިގަތެވެ. ބޭއިހުތިޔާރުގައި އަހަންނަށް ބަލައިލެވުނެވެ. އެ ހިތްދަތި ޖުމުލަ ހިތާއިހިތުން ކިޔައިލެވުނެވެ. ހިތްދަތިކަމާއެކު ހިންދިރުވާލެވުނެވެ. ލަސްލަހުން މަޑުމަޑުންނެވެ.

"ދުވަހަކު ވެސް މައާފެއް ނުކުރާނަން. ދުވަހަކު ވެސް ނުކުރާނަން."

އަހަންނަށް ހީވީ މުސްކުޅި މުސްކުޅި އަޑަކުން އެހެން ބުނެލިހެންނެވެ. އުފުރެމުން ދިޔަ ނޭވާގެ އަޑު ކަންފަތުގައި ގުގުމާ ހެންނެވެ. އެއާއެކު އަހަރެންގެ ދެ ލޯ ކަރުނައިން ފޯވާންފެށި އެވެ. ނޭވާ އަވަސްވެ ހިތުގެ ތެޅުން ބާރުވި އެވެ. އަރު ބެދި މީހާ ހާސްވާކަމުގެ އިހުސާސް ވެސް ކުރެވެމުން ދިޔަ އެވެ. އިރުކޮޅެއް ވަންދެން އެކަން ދެމިގެން ދިޔަ އެވެ. ލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް ހުރަސްކޮށް ތުނބުޅިއަށް ހިނދިގެން ދިޔަ އެވެ.

އެއީ އަހަރެންގެ ކުށުންވީ ކަމެކެވެ. އަހަރެންގެ ވިޔާނުދާ އުޅުމުގެ ނަތީޖާ އެވެ. ބަދަލުގައި މިއަދު އަހަންނަށް ކުރެވޭނެކަމެއް ނެތެވެ. ދެއްކޭނެ ބަހަނާއެއް ވެސް ނެތެވެ. އަހަރެން މިއޮތީ އަތްފައި ގުޑުވާ ނުލެވި ފިނިބަލީގެ ޝިކާރައަކަށްވެފަ އެވެ.

އެއީ ޒުވާންކަމުގެ ޗާލާކީ މޫސުމެވެ. މާބުރުގެ އުސޫލު އަހަންނަށް ދަސްވީ ގޭތެރެއިންނެވެ. އެކަމާ އެންމެ ދެކޮޅު ހެދި އެކަކީ މަންމަ އެވެ. މާބުރުގެ ޝިކާރައަކަށްވި މީހެއްގެ ހައިސިއްޔަތުންނެވެ. އަހަންނަކީ އެކަމުގެ މޭވާ އެވެ. މަންމަގެ ދުނިޔެއަށް ދޮންބައްޕަ ގެނައީ އިތުރު ގޮތެއް ނެތުމުންނެވެ. ދަތިހާލުގައި މަގުމަތިވެ ގަނަތެޅެން ޖެހުމުން އެކަން ފޫބައްދާށެވެ. މަންމައަކީ ކާކުކަން ދޮންބައްޕައަށް ރަނގަޅަށް އެނގެ އެވެ. ނަމަވެސް، އެ ހުރިހާ ކަމެއް ކަނުވީ މަންމަދެކެ ދޮންބައްޕަވީ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެ ލޯބީގެ ނިވަލުގައި މަންމަގެ ޒުވާންކަމުގެ ޖޯޝްގައި ރަނިކަން ކުރީ އެވެ.

އަހަރެންގެ ހަޔާތަށް ދޮންބައްޕަ ތިލަވީ ދޮންޕަގެ ނަމުގައެވެ. ދޮންޕަ ދިނީ ފުތު ލޯތްބެވެ. އޭނާ އަހަންނަށް ދެއްކީ ކުލަ ދުނިޔެއެކެވެ. ގޯސްކަމެއް މަނާކަމެއް ނެތް އާލަމެއްގެ ގޮތުގަ އެވެ. އިމެއް މިނެއް ނެތް ރާސްތާއެއްގެ ގޮތުގަ އެވެ. ފިރިހެނަކަށްވީއިރަށް ފިރިހެންވަންތަ ކަމުގެ ރީތިކަން އަހަންނަށް ތަސްވީރުކޮށްދީ ދަސްކޮށްދިނެވެ. ހައްތަހާ ވެސް ކުރާންވީ ކަންކަމެވެ. ނުކުރާންވީ އެއްވެސް ކަމެއް ނެތެވެ. އެކަން މަންމައަށް އެނގި ހުރެމެ ނޭނގޭ ކަމަށް ހެދިގެން އުޅުނީ އެވެ. އަހަރެންގެ އުމުރުން ފަނަރަ އަހަރުވީ އިރު އަހަންނަކީ ހުރިހާ ކަމެއް ދަންނަ ފުރާ ފުރިހަމަ ވެފައިވާ މީހަކަށްވި އެވެ.

ދިގު އިސްކޮޅާއި ހެދިހުރި ހަށިގަނޑާއި ފުޅާ ބައިމަތީގެ އަވާގައި ޖިންސުންލަތީފުން ހިތް ކަތިލާނެ ގޮތް ކިޔައިދޭ އެދުރަށް އަހަރެން ތަބާވީމެވެ. ދެރައެއް، ގޯސްމަގެއް ނުދައްކާނެ ކަމަށް ދެކިގެންނެވެ.

އަހަރެންގެ ދުރުމީގެ ލެންސު ހެޔޮކޮށްލަން ނޭނގިފައި ހުއްޓާ އެކަން ކުރީ ވެސް ދޮންޕަ އެވެ. ފޫހިކަމުގެ ސްކުރީނަށް ކުލަ ތަސްވީރެއްގެ ފޮޓޯ އަރުވައިދިނީ ދޮންޕަ އެވެ. އެއީ ފަރަހަގެ މައުސޫމު ފޮޓޯއެވެ. ފަރަހަ އަކީ މަންމައާއި އެއްބަނޑު އެއްބަފާ ދޮންތަގެ ދޮށީ ދަރިއެވެ. އަހަރެން ދުށީ ފަރަހައަކީ އާއިލީ ކުއްޖެއްގެ ގޮތުގަ އެވެ. އެއް ލޭ ހިނގާ ދެބެން ކަމުގަ އެވެ. ނަމަވެސް، ފަރަހަގެ ވިސްނުން ހުރީ އެހެންނެއް ނޫނެވެ. ފަރަހައަށް ފޮޅުވަތް އަޅައިދިނީ ކާކުކަމެއް އަހަންނަކަށް ނޭނގެ އެވެ. އަހަންނަށް ފޮޅުވަތް އަޅައިދިނީ އަހަރެންގެ މުދައްރިބެވެ.

އެންމެފަހުން ފަރަހަގެ ހުށަހެޅުމަށް އަހަންނަށް އިޖާބަ ދެވުނެވެ. އަޅަންނުވާ ގޯޅި އެޅުނީ އުމުރުން ވިހި އަހަރު ވެސް ނުފުރެނީހެވެ. އޭރު ހުރިހާ ކަމެއްވެ ނިމިއްޖެއެވެ. ފަރަހަގެ ހަބަރު ރަށުތެރެއަށް ފެތުރުނެވެ. ކޮވެއްޔާއި ކާޅަށް ވެސް އެ ހަބަރު އިވުނެވެ. އަހަރެންގެ ފައިބުޑަށް ފަރަހަ ތިރިވި އެވެ. އާއިލާއާ ވެސް އެކުގަ އެވެ. އަހަރެން ބޭނުންކުރީ ދޮންޕަގެ ޑައިލޮގެވެ.

"ނޭނގެ! މަށަކީ އަދި ކުޑަ ކުއްޖެއް. ބޮޑެތި މީހުން ކުރާ ކަންކަން މަށަށް ނުވެސް އެނގޭ."

ފަރަހަގެ މަންމައާއި ބައްޕައަށް އެ ހަބަރުވީ ޒަހަރަށެވެ. އެމީހުންގެ އިއްޒަތާއި އަބުރު ވެއްޔާ މޮޑެލެވިގެން ދިޔަ އެވެ. އެކަމުގެ ބަދަލުގައި މަންމަ ނުކުތީ ހަތިޔާރު ހިފައިގެންނެވެ. ގަދަކަމުން އަހަރެން އެއްބަސް ކުރުވާށެވެ. ނަމަވެސް، އަހަންނަށް މަންމައަށް ނަގައިދެވޭނެ ފިލާވަޅެއް ނެތެވެ. އޭގެ ކުރިން އަހަރެން ފިލާވަޅު ދަސްކޮށް، ދޮންޕައަށް ކިޔައިދިންކަން މަންމައަށް ނޭނގުމަކީ އަހަރެންގެ ކުށެއް ނޫނެވެ.

"ކަލޭއަކީ މަ ދަރިއެއް ނޫން." މަންމަގެ ވިހަގަދަ ޖުމުލައަށް އަހަރެން ހުރީ ތައްޔާރުވެގެންނެވެ.

"ކަލޭއަކަށް އެނގޭތަ މަށަކީ ކާކު ލެޔެއް ކަމެއް؟" ރުޅިވެރިކަމާއެކު އަހަރެން ބުނެލީމެވެ. "ކަލޭއަކަށް ނޭނގޭތަ ދަރިއަކަށް އެންމެ މުހިއްމުވާނީ އޭނާގެ ހަތަރުކަށިމަތީ މިލްކުވެރިކަން ޔަގީންކުރުން ކަމެއް. ބަލަ އަހަރެން ހިތަށް ލިބުނު ޒަހަމުތަކަށް ކަލެއަށް ފަރުވާ ދެވޭނެތަ؟"

ހުރިހާ ކުޅިވަރެއް ބަލަން ދޮންޕަ ދުރުގައި ހުއްޓެވެ. އޭނާގެ ރަސްމީ ސޫރައިގަ އެވެ. މަޑުމައިތިރި ނިޔަނެތި މީހެއްގެ ގޮތުގަ އެވެ. ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. ކަންތައް މާ މައްޗަށް ނުދަނީސް ދޮންޕަ ލޮލުން ކުރި އިޝާރާތާއެކު އަހަރެން އެތެރެއަށްވަނީމެވެ.

އޭގެފަހުން މަންމައަކީ އަހަރެންގެ ރަދީފުން ފޮހެވުނު ލަފުޒެކެވެ. ދޮންޕަ ވެސް މަޑުމަޑުން އަހަންނާ ދުރުވަމުން ދުރުވަމުން ދިޔަ އެވެ. އަހަރެން ނިންމީ ރިސޯޓަށްދާށެވެ. ދުނިޔެ ބަދަލުކޮށްލާށެވެ. އަހަންނަށް ހަމަވިސްނުން ލިބުނީ އެހައި ހިސާބުންނެވެ. ދިރިއުޅުމުގެ ކަންކަމާއި ހެދުނު ގޯސްތައް ވިސްނުނީ ވެސް އެހައި ހިސާބުންނެވެ. ވާނީ ވެސް އެހެންތާ އެވެ. ބޮކަށް ފެނުގެ މުހިއްމުކަން އެނގޭނީ ކޯރު ހިކުނީމަތާ އެވެ. އަހަންނަށް ވެސް މިވީ އެހެންނެވެ. އާއިލާގެ މުހިއްމު ކަމާއި އާއިލީ ގުޅުންތެރިކަން މި އެނގުނީ މާދުރަށް އާދެވުނީމަ އެވެ.

ދޮންޕައަކީ ކާކުކަން ވިސްނައި މިލެވުނީ ވެސް ހުރިހާ ހަޑިއެއް ހޭވި، ގުޅަވެށުނު ފަހުންނެވެ. މިހާރު އޭގެ ފަހުން ފަނަރަ ވަރަކަށް އަހަރުވީ އެވެ.

މަންމަ ބަލި ބޮޑުވި ހަބަރު ލިބުނެވެ. އަހަރެން ނިންމީ މަންމައަށް ހިދުމަތްކުރާން ރަށަށް ބަދަލުވާށެވެ. ދޮންޕައަކީ ގައިބާރު ދެރަވެ ނިކަމެތި ވެފައިވާ މީހަކަށްވީތީ އެވެ.

ގެއަށް ވަދެ ދަބަސް ކޮނޑުން ދޫކޮށްލުމަށްފަހު އަހަރެން ބޭނުންވީ މަންމަގެ ފައިބުޑަށް ތިރިވާށެވެ. ނަމަވެސް، މަންމަގެ ޖުމުލަތައް އަހަންނާ ދިމާއަށް އައީ އަލިފާން ބޯޅަތަކެއްގެ ސިފައިގަ އެވެ. މުސްކުޅި ހާލުގައި އަނގައިން ބަހެއް ނުބުނެވި، ނޭވާ އުފުރި އުފުރި އޮތް މަންމަ އަހަރެން ފެނުމާއެކު ލަސްލަހުން، ދަތި އުނދަގުލުން ވެސް ބުނީ އެހެންނެވެ.

އަހަރެންގެ ދެ ލޯ ކަރުނައިން ފުރުނެވެ. ކެތް ނުވެގެން އަހަންނަށް ބޭރަށް ނިކުމެވުނެވެ. އިރުކޮޅަކުން އިވުނީ މަންމަ ނިޔާވި ހަބަރެވެ. އަހަރެންގެ ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލަ އެވެ. މައިމީހާގެ ހިތްހަލާސް ނުހޯދުނު ދަރިއަކަށް އޮތީ ކޮން މޮޅެއް ހެއްޔެވެ؟ ސުވަރުގެ އޮތީ މައިމީހާ ފައިތިލަ ދަށުންނެވެ. ނަމަވެސް، އަހަންނަށް މިވީ ކީއް ހެއްޔެވެ؟ މިއީ އަހަރެންގެ ކުށުގެ ސަޒާ ހެއްޔެވެ؟ މިއީ ކާކު ކުށެއްގެ ކައްފާރާއެއް ހެއްޔެވެ؟

މީހަކު އަހަރެންގެ ތުންފަތުގައި ފެންފޮދެއް ޖައްސާލިހެން ހީވެގެން ލޯ ހުޅުވާލެވުނެވެ. އެއީ އަހަރެންގެ އަނބި ކަދީދާއެވެ. އަހަރެންގެ ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ލޯތްބާއެކު އޭނާގެ އަތުންގެ ނުފުށުން ފޮހެލަދިނެވެ.

"އިބްރާހިމާ، ދެން އެ ހިތި މާޒީ ހަނދާން ނުކުރޭ. ކަރުނައެޅުމަކުން ކުރާނެ ކަމެއް ނެތް. މީހެއްގެ ބަހަށް އިބްރާހިމަށް ވެސް ހެއްލެވުނީމަ ވީގޮތް ތީ." ކަދީދާ ބުނެލިއެވެ.

އެއީ ކިހާ ބޮޑު ތެދެއް ހެއްޔެވެ؟ އަހަންނަށް ހެއްލެވުނީއެވެ. ދުނިޔޭގެ ދަޅަތަކަށެވެ. ޒުވާންކަމުގެ ޖޯޝްގަ އެވެ. އިބިލީސް ބޮލަށް ސަވާރުކޮށްދިނީ މަ އެވެ. ނަމަވެސް ކުށްވެރިއަކީ އަހަންނެވެ. އެކަން ކުރުވީ އެހެން މީހެކެވެ.

"ދޮން.. ދޮން.." އަހަންނަށްނަށް ނުބުނެވުނެވެ. "ޖާ...ޖާ.. ޖާހިލ.."

"އާން! އިބްރާހިމްގެ ދޮންބައްޕަވީ ދޮންކުރި ދަނގަޑަކަށް." ކަދީދާގެ ތަކުރާރުވާ ޖުމުލަ އިވުނެވެ.

އާއެކެވެ. ކަދީދާ އެބުނަނީ ތެދެކެވެ. އަހަންނަށް އަހަރެންގެ ދޮންޕަވީ ދޮންދަނގަޑަކަށެވެ. އަހަރުމެންގެ ހަޔާތް ފުނޑުފުނޑުކޮށްލި ހަތުރަކަށެވެ. މަންމައާއި އަހަރެންގެ ގުޅުން ކަނޑުވައިލި އިބިލީހަކަށެވެ. ނުމޮށި ހުރެ ދައިގަނެގެންނެވެ. ބަސްނުކިޔާ ތަދުކުރުވައިގެންނެވެ. ދަތްނާޅާ ވިހަލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox