ރިޕޯޓުނުދައްކާ ވާހަކަ ދެއްކުމުގައި ލަތީފާ ފަސްޖެހުމެއްނެތި ކުރިއަށް

ނުދައްކާ ވާހަކަ ދެއްކުމުގައި ލަތީފާ ފަސްޖެހުމެއްނެތި ކުރިއަށް

ކިތަންމެ ފުރައްސާރަ ކުރިޔަސް ދުވަހަކުވެސް މި މަސައްކަތް ހުއްޓާލާނަމެކޭ ލަތީފާގެ ހިތަކަށް ނާރާ. މީހުން އޭނާއާ މެދު ދެކޭގޮތް އެއީ އެހާ މުހިންމު ކަމެއް ނޫންކަން އޭނާ އަމިއްލަ ނަފްސަށް ކިޔައިދޭ. އޭނާއަށް މުހިންމީ ހަމައެކަނި މާތް ރަސްކަލާނގެ އޭނާއާމެދު ދެކެވޮޑެގަންނަވާ ގޮތް.

ލަތީފާ އަދުނާން އަދަދުއަށް އިންޓަވިއު ދެނީ؛ އޭނާ މަޝްހޫރުވެފައި އޮންނަނީ ނުދައްކާ ވާހަކަ ދައްކާ މީހާގެ ގޮތުގައި -- ފޮޓޯ: މިރާން/ އަދަދު
ލަތީފާ އަދުނާން އަދަދުއަށް އިންޓަވިއު ދެނީ؛ އޭނާ މަޝްހޫރުވެފައި އޮންނަނީ ނުދައްކާ ވާހަކަ ދައްކާ މީހާގެ ގޮތުގައި -- ފޮޓޯ: މިރާން/ އަދަދު

ޓިކްޓޮކާއި އިންސްޓަގްރާމުގައި ލަތީފާ އަދުނާން މަޝްހޫރުވެފައި އޮންނަނީ 'ނުދައްކާ ވާހަކަ' ދައްކާ މީހާގެ ގޮތުގަ އެވެ. ލަތީފާގެ ކޮންމެ ސޯޝަލް މީޑިއާ ޕްލެޓްފޯމަކަށް ބަލާލި ނަމަވެސް ފެންނަނީ މުޖުތަމައު ތެރޭގައި އާންމުކޮށް ނުދެކެވޭ، އެހެނަސް ދައްކަން ޖެހޭ މުހިންމު މައުލޫއުތަކާ ބެހޭގޮތުން އާންމުންނަށް މައުލޫމާތު ފެތުރުމުގައި އުޅޭތަނެވެ.

ލަތީފާގެ އެ މައުލޫމާތުތަކުން އެތައް ސަތޭކަ ބަޔަކަށް ފައިދާ ކުރާއިރު، އޭނާ ދައްކާ ވާހަކަ އަޑުއަހަން ބޭނުންނުވެގެން އެކަމާ ދެކޮޅަށް ބަސް ބުނާމީހުން ވެސް މަދެއް ނޫނެވެ. އެމީހަކު އަޑުއަހަން ބޭނުން ނުވާ ވާހަކައަކީ ގޯސް ވާހަކައެއް ކަމަށް ދެކި، ލަތީފާއަށް ފުރައްސާރަކޮށް، އެކި ގޮތްގޮތުން އިންޒާރުދޭ މީހުން ވެސް މަދެއް ނޫނެވެ.

ނަމަވެސް ނުދައްކާ ވާހަކަ ދެއްކުމުގައި އެތައް އަހަރެއް ފަހުން ވެސް ލަތީފާ ކޮޅަށް އެހެރީ އޭނާއަށް އާންމުންގެ ފަރާތުން ލިބޭ ހިތްވަރުގެ ސަބަބުންނެވެ.

ނުދައްކާ ވާހަކަ ދައްކަން ފެށުނީ ކިހިނެތް؟

ދެ ކުދިންގެ މަންމަ، ލަތީފާ މި މަސައްކަތް ފެށީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. ލަތީފާއަކީ މޫނު ބުރުގާ އަޅައިގެން ހުންނަ މީހަކަށް ވެފައި، އޭނާ ވަކާލާތު ކުރާ ކަންކަމުގައި އަބަދުވެސް ދީނީގޮތުުން އެކަން އޮންނަ ގޮތް ކިޔައިދޭން އުޅޭތީ ގިނަ މީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީ އޭނާއަކީ ދީނީ އިލްމު ލިބިގެންހުރި މީހެއް ކަމަށެވެ.

ނަމަވެސް އެ މަސައްކަތް ކުރުމުގައި އޭނާގެ މިހާތަނަށް ހުރި ހަމައެކަނި ކޮލިފިކޭޝަނަކީ ސައިކޮލޮޖީ ދާއިރާގެ ޑިގްރީއެއް އޮތުމެވެ.

ލަތީފާ ކިޔައިދިން ގޮތުގައި އޭނާ ސައިކޮލޮޖީ ކިޔަވަން ހުރިއިރު އެކި ކަންކަމުގައި ރިސާޗު ކުރި އެވެ. އަދި ދުނިޔޭގައި ދުނިޔޭގައި އަންހެނުންގެ ހައްގުތަކާ ބެހޭ މައްސަލަތަކާއި ސިސްޓަމެޓިކް ވަރަށް ބައިވަރު ބޮޑެތި މައްސަލަތައް ހުރިކަން އެނގުނީ ވެސް އޭރު ކަމަށެވެ. އަދި ސައިކޮލޮޖީގެ ސަބަބުން އެކި މައްސަލަތައް އެނގެން އޭނާއަށް ވަރަށް ބޮޑަށް އެހީއަކަށްވި އެވެ.

ސްރީލަންކާއިން ބެޗެލާސް އޮފް ސައިކޮލޮޖީ ކިޔެވި ލަތީފާއަކީ އޭނާއާއެކު ކިޔެވި އެހެން ދަރިވަރުންނާ ހިލާފަށް އެއް އިރެއްގައި ވެސް ސައިކޮލޮޖިސްޓަކަށް ވާން ބޭނުންވި މީހެއް ނޫނެވެ. ލިބިގަތް އިލްމުން އޭނާ ކުރަން ބޭނުންވި ކަމަކީ މުހިންމު އެކި ދާއިރާތަކުން މީހުން ހޭލުންތެރި ކުރުމެވެ.

"ބޭނުންވީ މީހުންނަށް މައުލޫމާތު ދީ، މީހުންގެ ވިސްނުން ބަދަލުކުރަން. ގިނަ ކަންކަން ފެށިފައި އިންނަނީ މީހުންގެ ވިސްނުމާ ހަމައިންނޭ. މީހުންގެ ވިސްނުން ބަދަލުކުރީމަ އޮޓޯއިން ވަރަށް ގިނަ މައްސަލަތަކަށް ހައްލު އަންނާނެ. ވަރަށް ކިޔައިދޭ ހިތްވޭ އަސްލު މީހުންނަށް އެއްޗެހި،" ލަތީފާ ބުންޏެވެ.

އެންމެ ފުރަތަމަ ފޭސްބުކް ސްޓޭޓަސްއަކުން ފެށި މަސައްކަތް ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކަށް ފެތުރިގެން ދިޔައިރު، މިހާރު ލަތީފާ އެންމެ މަޝްހޫރީ ޓިކްޓޮކުގަ އެވެ. އަންހެނުންނަށް ދިމާވާ އެކި މައްސަލަތަކާއި، ކުޑަކުދިންނަށް ސެކްސް އެޑިއުކޭޝަން ދިނުމާއި، ޖިންސީ އަނިޔާ ފަދަ މައުޟޫއުތަކަކީ އޭނާ އަލިއަޅުވާލާފައިވާ މައުޟޫއުތަކެވެ.

ލިސްޓުގެ އެންމެ ކުރިން ގުނާލެވުނު ސެކްސް އެޑިއުކޭޝަން

"ސެކްސް އެޑިއުކޭޝަންގެ ވެސް ދެ ގޮތެއް އޮވޭ. ނުބައި ގޮތާއި ރަނގަޅު ގޮތް. އެކަމަކު އެކްސް އެޑިއުކޭޝަންއޭ ބުނީމަ އެންމެނަށް ވެސް ވިސްނެނީ އެކަން ކުރެވޭނެ ނުބައި ގޮތްތައް،" ލަތީފާ ބުންޏެވެ.

ސެކްސް އެޑިއުކޭޝަނަކީ އޭގައި އެތައް ބައިވަރު ކަމެއް އެކުލެވިގެންވާ ފުޅާ މައުލޫއެކެވެ. ކުޑަކުއްޖަކަށް ސެކްސް އެޑިއުކޭޝަން ދިނުމުގެ މިސާލު ނަގާ ނަމަ އެއީ އެ ކުދިންނަށް އަމިއްލަ ހަށިގަނޑާ ބެހޭގޮތުން ކޮންމެހެން އެނގެން ޖެހޭ މައުލޫމާތު ދީ، އެ ކުއްޖާއަށް ލިބިދާނެ އަނިޔާއަކުން ދުރާލާ ރައްކާތެރިކުރުމެވެ. އަމިއްލަ ހަށިގަނޑު ރައްކާތެރިކުރުމާއި ނޫނެކޭ ބުނަންޖެހޭ ހާލަތްތައް ކިޔައިދިނުމެވެ.

ބެލެނިވެރިންނަށް ނަމަ ސެކްސް އެޑިއުކޭޝަނަކީ ބައުންޑްރީއެއް ކަނޑައެޅުމެވެ. މިސާލަކަށް ޖިންސީ ކުށެއްކޮށްފައިވާ މީހަކު ނުވަތަ ސެކްސް ޕްރެޑޭޓާއެއް ގެއަށް އަންނައިރު ބުނަން ނުކެރިފައި ތިބުމުގެ ބަދަލުގައި އެކަމާ ދެކޮޅަށް ބަސް ބުނަން ދަސްކޮށްދިނުމެވެ.

"މިކަންތައްތައް ވެސް ބަދަލުކުރެވޭނީ ހޭލުންތެރި ކުރެވިގެން. ލައިކް އިޓްސް އޯކޭ ޓު ސްޓޭންޑް އަޕް ފޯ ޔުއާ އޯން ޗިލްޑްރަން. އިޓްސް އޯކޭ ޓު ސޭ ނޫނެކޭ، ތީނަ މަގޭ ދަރި ނުއުރާށޭ. ނޫނީ ތީނަގެ އުނގުގައި މަގޭ ދަރި ބައިންދާކަށް ބޭނުމެއް ނޫނޭ،" ނޫނެކޭ ބުނުމަކީ ހަޑިކަމެއް ކަމަށް ދެކި، އެކަން ނުކޮށް ހުރެއްޖެ އާހިރުގައި ނިކުންނަ ނަތީޖާ ދެރަވާނެކަން ފާހަގަކުރަމުން ލަތީފާ ބުންޏެވެ.

ސެކްސް އެޑިއުކޭޝަނަކީ އެންމެ ކުޑައިރުއްސުރެ ކުއްޖާއަށް ދޭން ޖެހޭ މައުލޫމާތުތައް ދެމުން ދެމުން ގެންދިއުމެވެ. އެންމެ ކުޑަ ދުވަހު ދޭން ޖެހޭ މައުލޫމާތާއި ފުރާވަރަށް ދިއުމުން ދޭން ޖެހޭ މައުލޫމާތާއި 18 އަހަރުވުމުން ދޭން ޖެހޭ މައުލޫމާތު ތަފާތެވެ. ސެކްސް އެޑިއުކޭޝަނަކީ އެއްގޮތަކަށް ވެސް އުމުރާ ނުގުޅޭ މައުލޫމާތުތައް ކުދިންނަށް ދިނުމަށް ކިޔާ އުޅޭ ނަމެއް ނޫނެވެ.

އުމުރުން 18 އަހަރުވުމުން ގުޅުންތައް ކުރިއަށް ގެންދަންވާ ގޮތާއި، ކައިވެނި ކުރުމުގެ ކުރިން އެނގެން ޖެހޭ މައުލޫމާތުތަކާއި ދަރިއަކު ހޯދުމުގެ ކުރިން އެނގެން ޖެހޭ މައުލޫމާތުތައް އަދި، ދިމާވެދާނެ އެކި މައްސަލަތަކާ ބެހޭގޮތުން މައުލޫމާތު އެނގިފައި ހުރުމަކީ މުހިންމު ކަމެކެވެ. ނޫނީ އެ މައުލޫމާތުތައް ނުލިބި ހުރުމުގެ ސަބަބުން އިތުރު މައްސަލަތައް ދިމާވުމާއި، ނުބައި މައުލޫމާތުތައް ލިބުމުގެ ފުރުސަތު ފުޅާވެގެންދެ އެވެ.

"މިކަންކަމާ ބެހޭގޮތުން އަޅުގަނޑުމެންގެ ދަރިންނަށް ދޭ މައުލޫމާތުތަކަކީ އެއީ، ދީނީ ހަމަތަކުގެ ތެރެއިން ދެވޭ މައުލޫމާތުތައްކަން އަޅުގަނޑުމެން ޔަގީންކުރަން އެބަޖެހޭ." ލަތީފާ ބުންޏެވެ.

ކުޑަކުއްޖަކަސް މުސްކުޅިއަކަސް، ފިރިހެނަކަސް އަންހެނަކަސް ސެކްސް އެޑިއުކޭޝަނަކީ ދިރިއުޅުމުގެ ކޮންމެ ހަރުފަތެއްގައި ވެސް މުހިންމު ކަންކަމެވެ.

ކާމިޔާބީ، ހިތްވަރު އަދި ފުރައްސާރައާ ކުރިމަތިލުން

ލަތީފާ އަދަދުއަށް އިންޓަވިއު ދެނީ؛ މި މަސައްކަތުގައި ހުއްޓުމެއް ނެތި އޭނާ ދަނީ ކުރިއަށް -- ފޮޓޯ: މިރާން/ އަދަދު
ލަތީފާ އަދަދުއަށް އިންޓަވިއު ދެނީ؛ މި މަސައްކަތުގައި ހުއްޓުމެއް ނެތި އޭނާ ދަނީ ކުރިއަށް -- ފޮޓޯ: މިރާން/ އަދަދު

ލަތީފާ އަދަދުއަށް އިންޓަވިއު ދެނީ؛ މި މަސައްކަތުގައި ހުއްޓުމެއް ނެތި އޭނާ ދަނީ ކުރިއަށް -- ފޮޓޯ: މިރާން/ އަދަދު

ލަތީފާ ކިޔައިދިން ގޮތުގައި މި މަސައްކަތުގައި އޭނައަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ، އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ ސަބަބުން މީހުން ހޭލުންތެރިވެ، އޭގެ ފައިދާ މީހުންނަށް ކުރުމެވެ. އެގޮތުން، މިދިޔަ އަހަރު ރާއްޖޭގެ ނޫހެއްގައި 'ވެޖިނިސްމަސް' އާ ގުޅޭގޮތުން އޭނާ ޝާއިއުކުރި ލިޔުމެއްގެ ސަބަބުން ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކާ، ސިއްހީ ފަރުވާ ލިބިގަތްކަން އޭނާ ފާހަގަކުރެ އެވެ.

ފުރައްސާރައާއި އިންޒާރުގެ ހާއްޔެއްގެ ތެރެއިން ލަތީފާއަށް އެންމެ ހިތްވަރު ލިބެނީ އޭނާގެ ސަޕޯޓަރުންގެ ފަރާތުންނެވެ. ކިޔައިދޭ ކުޑަކުޑަ އެއްޗެއްގެ ސަބަބުން އެހެން މީހެއްގެ ދިރިއުޅުން ރަނގަޅަށް ބަދަލުކޮށްލެވުމުގެ އުފަލެވެ. އޭނާއަށް ލިބޭ ޝުކުރާއި ހިތްވަރުގެ މެސެޖުންނެވެ. މިދެވެނީ ރަނގަޅު މަގުން ކަމާއި، މިކޮށްދެވެނީ ވަރަށް ބޭނުންތެރިކަމެއްކަން އިހުސާސް ކުރެވެނީ ހަމަ އެ މެސެޖުންނެވެ.

"ވަރަށް ފަސޭހައިން މީހުން އަހަންނާ ދޭތެރޭ ދެކޭގޮތް ބަދަލުކޮށް ލޭބަލްކޮށްލާނެ. އެއްވެސް މީހަކު ބޭނުމެއް ނުވާނެ މިގތަށް ލޭބަލްވާކަށް. އެންމެ އުނދަގޫވަނީ މީހުންނަށް އަންޑަސްޓޭންޑް ނުވެދާނެތީ، މީހުން އެގޮތަށް ދެކޭތީ" މި މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަށް އަލިއަޅުވާލަމުން ލަތީފާ ބުންޏެވެ.

ކިތަންމެ ފުރައްސާރަ ކުރިޔަސް ދުވަހަކުވެސް މި މަސައްކަތް ހުއްޓާލާނަމެކޭ ލަތީފާގެ ހިތަކަށް ނާރަ އެވެ. މީހުން އޭނާއާ މެދު ދެކޭގޮތް އެއީ އެހާ މުހިންމު ކަމެއް ނޫންކަން އޭނާ އަމިއްލަ ނަފްސަށް ކިޔައިދެ އެވެ. އޭނާއަށް މުހިންމީ ހަމައެކަނި މާތް ރަސްކަލާނގެ އޭނާއާމެދު ދެކެވޮޑެގަންނަވާ ގޮތެވެ. އެ ހިތްވަރުގައި ލަތީފާ އެހެރީ ހުއްޓުމެއްނެތި އިތުރަށް ކުރިއަށް ދާށެވެ.

"ﷲސވއ އަހަންނާއެކު ވާނަމަ އަހަންނަށް ކޮންމެ ކަމެއް ވެސް ކުރެވޭނެކަން އެނގޭ." އިންޓަވިއު ނިންމާލަމުން ލަތީފާ ބުންޏެވެ.

ނިމާ ހަސަން

ޖާނަލިސްޓް

ނިިމާ ހަސަނަކީ އިޖުތިމާއީ ދާއިރާގެ ހަބަރުތަކާއި ރިޕޯޓުތަކަށް ހާއްސަ ނޫސްވެރިއެކެވެ. އެ ނޫނަސް އެހެން ދާއިރާތަކަށް ވެސް އޭނާގެ ގަލަން ހިނގަ އެވެ. "ދަޕްރެސް" އިން ނޫސްވެރިކަމުގެ ކެރިއަރު ފެށި ނިމާ ވަނީ 2019 ވަނަ އަހަރު އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޯމިނޭޓުވެފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox