މި ދުވަސްވަރު ޕީއެސްއެމްގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެދެފި އެވެ.
ބީއެމްއެލް އިން ބުނީ މިފަދަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެންނާއި އޯޓީޕީވެސް ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ގެއްލިގެން އެކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
މި ގޮތުން މިދިޔަ ފަސް ދުވަހުގެތެރޭގައި ދެ ކަސްޓަމަރެއްގެ އަތުން މި ގޮތަށް 50،000ރ. އާއި 75،000ރ. ގެއްލިފައިވާ ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި މައްސަލަތަކަށް ބަލާއިރު ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުކޮށްގެން ވަރަށް ގަބޫލުކުރެވޭ ވާހަކަދައްކާ ކަމަށެވެ.
އަދި އެއަށްފަހު އެސްއެމްއެސް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާނޭމް އާއި ޕާސްވާޑް ހޯދާ ކަމަށާއި ކަސްޓަމަރުންގެ އީމެއިލް އެޑްރެހާއި ފޯނަށް އަންނަ އޯޓީޕީވެސް ކަސްޓަމަރާ ވާހަކަދައްކައިގެން ހޯދާފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންކަމުން ބޮޑު އިނާމެއް ނުވަަތަ ހަދިޔާއެއް ލިބުނުކަމަށް ބުނެ މިހެންކުރާ ކޯލްތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަން. އަދި ބޭންކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް އެއްވެސް ހާލަތެއްގައި އޯޓީޕީ ދޭން ނުޖެހޭނެކަން ހަނދުމަފުޅު ބެހެއްޓެވުމަށްވެސް ދަންނަވަން،" ސައީދު އިތުރަށް ވިދާޅުވި އެވެ.
މީގެ އިތުރުން އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާދެއްކުމަށްފަހު މުދާ އަދި އަނބުރާ ފައިސާވެސް ނުލިބޭ ކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާވެސް ބޭންކަށް ހުށަހެޅިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.











