ވާހަކަ: އަހަރެންގެ ވާހަކަ

ވާހަކަ: އަހަރެންގެ ވާހަކަ

އަހަރެންގެ ވާހަކަ ފަށަން ޖެހެނީ ވާހަކަ ނިމޭ ހިސާބުންނެވެ. ހުރިހާ ކަމެއް ވެ ނިމޭ ހިސާބުންނެވެ. އަހަންނަށް އެންމެ ފުރަތަމަ ވިސްނުނީ މަންމަގެ މުހިއްމުކަމެވެ. ބައްޕަގެ އޯގާތެރިކަމެވެ. އެކުވެރިންނަކީ ބައެއް ނޫންކަމެވެ. އެ މީހުންނަކީ ސައިބޯނި ބޮކިތަކެއް ކަމެވެ. އިރަކު ކުލައެއް އަރާކަމެވެ. އެތައް ކުލައަކަށް ބަދަލުވާކަމެވެ. އެއްޗެއް ބޭނުންވުމުން ތައުރީފު އޮއްސާކަމެވެ. ހުސާމަދުކޮށް ހިތް ފުރައިލަދޭކަމެވެ. ނަމަވެސް، ކަންކަން ބަދަލުވެ ހާލުގައި ޖެހުމުން ފިރުމާން ނުތިބޭކަމެވެ.

ކިޔެވުމުގެ ދައުރަށް ވިހަ ދޫކޮށްލީ އެކުވެރިކަމުގެ ކެމެރާ ހިފައިގެން އައިސް ނާޒިމެވެ. ހަގީގަތުގައި އޭނާ ހިފީ ބަދަލެކެވެ. އޭނާއާ ވާދަކޮށް ގްރޭޑު ނުވައަކުން ވަނައެއް ލިބުނީމަ އެވެ. އެންމެ ފުރަތަމަ އޭނާ ދޫކޮށްލި ވިހަ ޖެހުނީ ކިޔެވުމަށް ހުރި ޝައުގަށެވެ. އެ ހިސާބުން ސްކޫލަށްދާ ހިތް ނުވީއެވެ. ކިޔެވުންމަތިން ފޫހިވީއެވެ. ކުލާހަށް ޒިޔާރަތްކޮށްލާ މެހެމާނަކަށް ބަދަލުވީ އެވެ.

ދެން އައީ ރަވާނެވެ. އޭނާއައީ އޯގާތެރިކަން ބޭނުންވެގެން އައި މީހެއް ފަދައިންނެވެ. އޭނާގެ ބަހަށް ހެއްލި ވައްކަމުގެ ދަންތުރައަށް އަހަރެން މެހުނެވެ. ނުހައްގު ފައިސާއިން އަހަރެން ހިތް ފުރުނުއިރު އޮތީ ދެ އަތުގައި ބިޑިއެޅި ގައިދުޚާނާގެ ތޭރިތަކުގެ ފަހަތުގަ އެވެ.

އަހަރެން ހީކުރީ ޖަލުގައި އުޅޭނީ އިބިލީހަށް ކާން އަޅާ މީހުންކަމަށެވެ. ނަމަވެސް، ނިޔާޒަކީ އެއަށްވުރެ އޯގާތެރި ހެޔޮލަފާ ސާލިހެކެވެ. އޭނާގެ އަތުގައި ހިފުމުން ދުނިޔެއަށް ލޯހުޅުވިއްޖެ އެވެ. އަލުން ދުނިޔޭގެ ކުލަތައް ސާފުވެއްޖެއެވެ. ޤުރުއާނުގެ މާތްކަމާއި މޫރިތިކަމެވެ. އެ ފޮތުގެ ބަރަކާތާއި މަތިވެރިކަމެވެ. އިހުލާސްތެރިކަމާއެކު ކިޔެވުމުން ހިތަށް ލިބެމުންދާ ހިތްހަމަ ޖެހުމެވެ. ބުރަކަން ނެތި މީހާއަށް ތާޒާކަން ލިބޭ ގޮތެވެ. ކޮންމެ ދެ ހަފުތާއަކުން ހަތިމެއް ކުރަމުން ދެވުނީ އެހެންވީމައެވެ.

ނިޔާޒުގެ ބަސްތައް އަހަންނަށްވީ ފޮނިފޮނި މޭވާއަކަށެވެ. އެއިން ކޮންމެ ލަފުޒަކުން އަރުތެރެ ފުރިގެންދެ އެވެ. ނަފުސުގެ ހައިހޫނުކަން ކެނޑި މީހާ ތާޒާވެއެވެ. އޭނާގެ ދަރެސްގާހުން ލިބެމުންދިޔަ މައުލޫމާތުން އަހަރެންގެ މުޅި ހަޔާތް ބަދަލުވިއެވެ. އާހިރަތަށް ގެންދާނެ ކޮއްތު ޖަމާކުރާން ފެށުނެވެ. ދުޢާކުރުމާއި ދެންނެވުން އިތުރުކުރެވުނެވެ. ޒިކުރުމަތީގައި ރޭދުވާ ހޭދަކުރެވުނެވެ. އެންމެފަހުން ހުރިހާ ކަމެއް ބަދަލުވެ ޖަލުގެ ތޭރިތަކަށް އަލްވަދާޢު ކިޔަން ޖެހުނެވެ. ނިޔާޒާއެކު ދޫނިތަކެއް ފަދައިން އަހަރެން އުދުހިގަތީމެވެ.

އެންމެ ފުރަތަމަ ވެސް އަހަރުމެން އެރީ މިސްކިތަށެވެ. ޝުކުރުގެ ސަޖިދަތައް ތަކުރާރުކުރީމެވެ. ހަމްދަށް އުފުލުނު އަތްތަކާއެކު ދިރިއުޅުމުގެ ފަސްލުން އިތުރު ހަރުފަތެއް ކާމިޔާބުކޮށްދެއްވާތޯ ދެންނެވީމެވެ. އިސާހިތަކު އަހަރެންގެ ދުއާ އިޖާބަކުރެއްވި ކަހަލައެވެ. މީހުން ބުނަނީ ތެދެކެވެ. ހާލިސް ހިތަކާއެކު ދަންނަވާ ދެންނެވުން އެކަލާނގެ ރައްދެއް ނުކުރައްވާނެއެވެ. އިޖާބަކުރައްވާނެ އެވެ.

ކަޅެއް ބޮއެލާނެ ފަދައެއް ނެތް، އަތްމަތި ތިޔާގިވާން ފެށި އެވެ. މިސްކިތުން އަހަރުމެންނާ ދިމާވީ ޔައުގޫބެވެ. އެއީ ވިޔަފާރިވެރިއެކެވެ. ދީންވެރި ސޯލިހެކެވެ. އޭނާއަށް އަހަރުމެންގެ ހަރަކާތް ފެނި ހަމްދަރުދީވީކަން ނޭނގެ އެވެ. އޭނާގެ ވިޔަފާރީގެ ކަންކަން ބެލެހެއްޓުމަށް އަހަރުމެން ދެމީހުންނަށް ހަވާލުކުރީ އެވެ. އިތުބާރުގެ ކަމަރު ބަނދެލީ އޭނާގެ ހިތުގަ އެވެ. އިހުލާސްތެރިކަމުގެ ނިޝާން އޭނާ ފާހަގަކުރީ އަހަރުމެންގެ ނިތްމަތީންނެވެ. އަހަރެންގެ ފަސްބައިގެ ކިލަނބުކަމަކަށް އޭނާ ނުބަލަ އެވެ. އޭނާ ބުނިހާ ވެސް ވާހަކައަކީ މާޒީއަކީ މާޒީކަމުގަ އެވެ. މާޒީ އުނގަށް ލައިގެން ކުރިމަގު ނުހޯދޭނެކަމެވެ. ބަދަލަކީ އިންސާނީ ހަޔާތުގެ ނާރެސްކަމުގަ އެވެ. ދިރިއުޅުމުގެ މަންހަޖަކީ ތަޖުރިބާކަމުގަ އެވެ.

އެއީ ހައްގު ތެދެކެވެ. އަހަންނަކީ ތަރުބިއްޔަތުގެ ގޮވަތިން މުއްތިކުރެވުނު މީހެއް ނޫނެވެ. އިލްމުގެ އާރުން ފެންބޮވުނު މީހެއް ނޫނެވެ. ކުރެވުނުހާ ވެސް ކަމަކީ މައިންބަފައިންނާ ދެކޮޅުވުމެވެ. އެ މީހުންގެ ގުރުބާނީގައި ކޮޅުފައިން ޖެހުމެވެ. ނަމަވެސް މިއަދު އަހަންނަށް ވިސްނިއްޖެ އެވެ. އެ މީހުންގެ މުހިއްމުކަމެވެ. ދަރިންނަށްޓަކައި މައިން އެ އުފުލާވޭނެވެ. ދަރިއަކު ދުނިޔެއަށް އުފަން ކުރުމަށް ކަޑައްތު ކުރާ ރާސްތާ އެވެ. އެ ހަނގުރާމައެވެ. ދަރިންގެ ހައްގުގައި ބަފައިން އެވާ ގުރުބާނެވެ. އަތްފައި ފިއްސާ، ލޯބޯ އަންދާ ރަތްދަކަ އަވީގައި ކަނޑުމަތީގައި އެ އުޅޭ އުޅުމެވެ. ފިންޏާއި ހޫނުގައި ދުވަސްތައް ހޭދަކުރާކުރުމެވެ. އެކަން އަހަންނަށް ނުވިސްނުނުކަން އެއީ އަހަރެންގެ ބަދުނަސީބެވެ. ނަމަވެސް މިއަދު އެ ހަނދާން އާކުރުމަކުން ވާނެކަމެއް ނެތެވެ. ހޯދޭނެ މޮޅެއް ނެތެވެ. އެދެ މީހުންގެ ހައްގުގައި އަހަންނަށް ކުރެވޭނެހާ ވެސް ކަމަކީ ދެ އަތް އުފުލާ ދެންނެވުމެވެ. އެކަން ތަކުރާރުކުރެވެ އެވެ.

މިއަދު އަހަންނަކީ ތަނަވަސްކަމާއެކު ދިރިއުޅޭ މީހަކީމެވެ. ދެ ދަރިންނާއި ދެ އަނބިންގެ ޒިންމާތައް ބޮލަށްލައިގެން އެ މީހުންނާއެކު އުފަލުގައި އުޅޭ މީހަކީމެވެ. މި ހަޔާތުން އަހަންނަށް ވިސްނުނީ އެންމެ ކަމެކެވެ. މި ދަތުރުން އަހަންނަށް އެނގުނީ އެއްމެ ކަމެކެވެ. ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ހިކުމަތް ތަކެއްވާނެ ކަމެވެ. ކަންކަން ތަރުތީބުވެ ނިމިދަނީ ހިކުމަތްތަކެއް އެކުލެވިގެންކަމެވެ. އެކަން ދެނެގަނެވޭނީ ހިކުމަތުގެ ބުއްދިން ދުނިޔެ ބަލައިގެންކަމެވެ. އާއެކެވެ. ދިރިއުޅުމުގެ ކުޅިފަސް ބޭނުންނަމަ ޖެހޭނީ ހެޔޮ ނުބައި ވަކި ކުރާން ދަސްކުރާންކަމެވެ. (ނިމުނީ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox