އުރީދޫ މޯލްޑިވްސްއިން ރަމަޟާން މަހަށް ހާއްސަކޮށްގެން އިންތިޒާމް ކުރި އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޝަވިޔަނި ޓީމުން ހޯދައިފި އެެވެ.
ހުކުރުދުވަހުގެ ރޭ ވަނީ އެ މުބާރާތް ނިންމާލުމުގެ ހަފްލާ ބާއްވާފަ އެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ގައި ވަނަ ހޯދި ޓީމުތަކަށް މެޑަލް އާއި ތަށީގެ އިތުރުން ފައިސާގެ އިނާމުގެ ރަމްޒީ ލިޔުން ހަވާލު ކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އަބްދުއްލާ މޫސާ އާއި އިބްރާހިމް ފަޔާޒް އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އެވެ.
މި މަހުގެ 7 ވަނަ ދުވަހު ފެށި އެ މުބާރާތުގައި ބައިވެރިވި ޓީމުތަކުން ވާދަވެރި އަދި މަޖާ މެޗުތަކަކަށް ފަހު، ގަދަ ތިން ޓީމު ވަނީ ޖުމްލަ 35،000ރ. ގެ ފައިސާގެ އިނާމެއް ހޯދާފައި ކަމަށް އުރީދޫ އިން ބުނެ އެވެ.
އުރީދޫ އިން ބުނީ ފައިނަލް މެޗުގައި ޝަވިޔަނީ އާއި ބްރޯލާޒް ރޭޖް ފިޓްނަސް ބައްދަލުކުރި މެޗުން ޓީމް ޝަވިޔަނީ ޗެމްޕިއަންކަން ހޯދީ ޓީމް ބްރޯލާޒް އަތުން 1-0 އިން މޮޅުވެގެން ކަމަށެވެ.
އެ މުބާރާތުގެ ޗެމްޕިއަންގެ ގޮތުގައި ޝަވިޔަނިއަށް 20،000ރ.، ރަނަރަޕް ޓީމް ބްރޯލާޒްއަށް 10،000ރ. އަދި ތިން ވަނަ އަށް ހޮވުނު ޓީމު ކްރޮސްރޯޑްސް މޯލްޑިވްސް އަށް 5،000ރ. ލިބިފައިވެއިވާ ކަމަށް އުރީދޫ އިން ބުންޏެވެ.

މި ރަސްމިޔާތުގައި ވާހަކަަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ބޮކި ބޯޅަ މުބާރާތް ކާމިޔާބު ކަމާއެކު ބާއްވާ ޓީމްތަކުން ވާދަވެރި ކުޅުމެއް ދެއްކުމުގެ އިތުރުން، މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހި ކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ފައިނަލުގައި މޮޅު ކުޅުމެއް ދައްކާ އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން ޝަވިޔަނި ޓީމުން މިވަނީ ހޯދާފަ، އެހެންކަމުން ޝަވިޔަނި ޓީމުގެ ހުރިހާ މެމްބަރުންނަށްވެސް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވަން. އަދި ރަނަރަޕް ޓީމް ބްރޯލާޒް ރޭޖް ފިޓްނަސް ގެ އިތުރުން ތިންވަނަ ހޯދި ކްރޮސްރޯޑްސް މޯލްޑިވްސް އިން މުޅި މުބާރާތުގައި ދެއްކި މޮޅު ކުޅުމަށް ވެސް މަރުހަބާ ދަންނަވަން. އަދި ހަމަ އެއާއެކު މުބާރާތް އިންތިޒާމު ކުރުމުގައި މާޒިޔާ ސްޕޯޓްސް ކްލަބުން ދިން އެއްބާރުލުން ފާހަގަކޮށް މާޒިޔާގެ މެނޭޖްމެންޓް އާއި ޓީމަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރަން. އަންނަ އަހަރުވެސް މިއަށްވުރެ ފުރިހަމައަށް އަދި އިތުރު މަޖަލާއި އުފާވެރިކަމާ އެކު އުރީދޫ ބޮކި ބޯޅަ ފެނިގެންދާނެ،" ހަމާދީ ވިދާޅުވި އެވެ.
އުރީދޫއަކީ ކުޅިވަރު ކުރިއެރުވުމަށާއި ދިވެހި ހުނަރުވެރިން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމުން ކުރިއަށް އޮތްތަނުގައިވެސް އުރީދޫ ބޮކި ބޯޅަ މުބާރާތް ފަދަ މަޖާ އަދި އުފާވެރި ހަރަކާތްތައް ތައާރަފްކުރަމުން ގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.











