އުރީދޫ މޯލްޑިވްސް އިން ފަން ރަން އެންމެ އުފާވެރި ދުވުން މެއި މަހު ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިއުލާނުކޮށް ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވަމުން އައި އުރީދޫ ކަލާ ރަން އަޕްގްރޭޑްކޮށް ކުލައިގެ އިތުރުން މަޖާ ހަރަކާތްތަކާއެކު ބާއްވާ ދުވުމެކެވެ.
މިދިޔަ އަހަރު އުރީދޫ ކަލާ ރަން، ފަން ރަންއަށް އަޕްގްރޭޑްކޮށް، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ އެ ހަރަކާތްތަކުގައި 5000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ. ފަން ރަން ކުޅުދުފުށި އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ މިއަހަރު ހދ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތައް ވެގެންދާނެ އެވެ.
ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއްކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ.
އުރީދޫ ފަން ރަން – ކުޅުދޫފުށި ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100ރ. އެވެ. ފަން ކިޓު 200ރ. އަށް ލިބޭއިރު އޭގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެ އެވެ.
ހުރިހާ ފަރާތްތަކުންވެސް އިންތިޒާރުކުރާ މި މަޖާ ހަރަކާތް ހދ.ކުޅުދުއްފުއްޓަށް ގެނެސް، ހދ.އަތޮޅުގެ ކުދި ބޮޑު އެންމެހައި ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް އުރީދޫ ފަން ރަންގެ އުފާވެރިކަމާއި މަޖާ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
"ފަން ރަން ގެ އަމާޒަކީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް ހާސިލްކުރުމަށްޓަކައި ދުވުމަކީ މަޖާ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، އުފާވެރި އަދި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް މީހުން އެއްތަނަކަށް ގެނައުން،" ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.











