އުރީދޫ މޯލްޑިވްސް އިން ބާއްވާ ތަފާތު އަދި މަޖާ ބަމްޕާ ފުޓްބޯޅަ މުބާރާތް އުރީދޫ "ބޮކި ބޯޅަ" މުބާރާތަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕާ ފުޓްބޯޅަ އެވެ. މި މުބާރާތް އިންތިޒާމްކޮށްފައިވަނީ އުރީދޫ ގެ ބްރޭންޑް އެމްބަސަޑަރު މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާ އެކު ކަމަށް އުރީދޫ އިން ބުނެ އެވެ.
އުރީދޫ އިން ބުނީ ބަމްޕާ ފުޓުބޯޅައިގެ މަޖާ ތަޖުރިބާކުރުމުގެ ފުރުސަތު ހޯދުމަށް ކޯޕަރޭޓްތަކަށް މިހާރު އުރީދޫގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ އެވެ.
އެ މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާގެ މެންދުރު 12:00 އާ ހަމައަށް އުރީދޫއިން ވަނީ އިތުރުކޮށްފަ އެވެ. އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 6 އޭޕްރީލް އިން 8 އޭޕްރިލް އަށް ކަމަށް އުރީީދޫ އިން މައުލޫމާތުދެ އެވެ.
އުރިީދޫ އިން ބުނީ މުބާރާތުން މޮޅުވާ ޓީމްތަކަށް އަގުހުރި އިނާމުތަކެއް ލިބިގެން ދާނެ ކަމަށެވެ. އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް އުރީދޫ އިން ވަނީ ނިންމާފަ އެވެ.
މުބާރާތުގައި ބައިވެރިވާ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެއް ސެމީ ފައިނަލަށް ދަތުރުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ ކަމަށާއި 12 އަށް ވުރެ ގިނަ ޓީމު ރަޖިސްޓްރީކޮށްފި ނަމަ ޓީމުތައް ހޮވާނީ ލަކީ ޑްރޯއަކުން ކަމަށް އުރީދޫ އިން ބުނެ އެވެ.
ކޮންމެ ޓީމެއްގައި 8 ކުޅުންތެރިންނާއި ގިނަވެގެން 3 އޮފިޝަލުން ތިބެންޖެހޭނެ ކަމަަށް އުރީދޫ ބުނެ އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އުރީދޫއިން ވަނީ ރޯދަ މަހު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް އިވެންޓް ކަމަށްވާ އުރީދޫ މަސްރޭސް ބާއްވާފަ އެވެ.
އެހެންނަމަވެސް ކަސްޓަމަރުންނާއި ބައިވެރިންގެ އަގުހުރި ފީޑްބެކްގެ މައްޗަށް ބިނާކޮށް މަސްރޭސް މިއަހަރުގެ ރޯދަ މަހަށްފަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އުރީދޫ އިން ބުނެ އެވެ. އުރީދޫ މޯލްޑިވްސްގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް މަސްރޭހުގެ އާ ތާރީހުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް އުރީދޫ އިން ބުނެ އެވެ.
އުރީދޫ އިން ބުނީ މާޒިޔާއިން އުރީދޫ ބޮކި ބޯޅަ އަކީ ބައިވެރިންނަށް ތަފާތު އަދި މަޖާ މުބާރާތަކަށް ވެގެންދާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ. އަދި ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުޅިން އާ ގޮތަކަށް ކުޅެލުމަށް އުރީދޫގެ މި މުބާރާތުގައި އަވަހަށް ރެޖިސްޓާ ކުރަން އުރީދޫ އިން ވަނީ އެދިފަ އެވެ.










