މިއަދު ހެނދުނު މާލެއަށް ބޯކޮށް ވެހުނު ވާރޭގައި މަގުތަކުގައި ފެންބޮޑުވާން ދިމާވީ ސްޓޯމް ވޯޓާ ޕަމްޕުތައް ޖެއްސުން ލަސްވުމާ ގުޅިގެން ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު 07:15 ހާއިރު ވެހެން ފެށި ބޯ ވާރޭގައި ފެންބޮޑުވެފައި ވަނީ ހަނދުވަރީ ހިނގުމުން ފެށިގެން މާފަންނަށް، އަދި އަމީނީ މަގުގެ ބޮޑު ބައެކެވެ.
މާލޭގައި ފެން ހިންދުމަށް ބޭނުންކުރާ ސްޓޯމް ވޯޓާ ޕަމްޕްތައް ބަލަހައްޓަމުން އަންނަނީ އެމްޑަބްލިޔުއެސްސީންނެވެ.
މުއިއްޒު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޓޯމް ވޯޓާ ޕަމްޕުތައް ބަލަހައްޓާ ފަރާތުން އެ ޕަމްޕުތައް ސްވިޗު އޮން ނުކޮށް ގިނަ އިރަކު ބެހެއްޓުމަކީ ދެރަ ކަމެއް ކަމަށެވެ.
"އަދި ކިިރިޔާ ޕަންޕުތައް ޖެއްސުނީ؟ މާލެ މަގު ހަދަން ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްރޫއު ވެސް އަނބުރާ ގެންދިއުމުގެ ސަބަބުން މަގުތައް ވަނީ ނުހެދިފައި،" ހެނދުނު ކުރެއްވި ޓްވީޓުގައި މުއިއްޒު ވިދާޅުވި އެވެ.

އެހެންނަމަވެސް އޭގެ ފަހުން މުއިއްޒު މީޑިއާތަކަށް ކުރެއްވި މެސެޖެއްގައި ވިދާޅުވީ ސްޓޯމް ވޯޓާ ޕަމްޕުތައް އަދިވެސް ޖެއްސިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"މިހާއިރު ވާއިރު މިހެން އޮންނާނީ ޕަމްޕުތައް ނުޖައްސާ ހުރީމާ ނޫނީ މަސައްކަތް ނުކުރާތީ،" އަމީނީ މަގުގައި ފެންބޮޑުވެފައިވާ މަންޒަރު ހިއްސާކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
ސްޓޯމް ވޯޓާ ޕަމްޕުތައް ބަލަހައްޓާ ފަރާތާ މީގެ ކުރިން ވެސް މުއިއްޒު ވަނީ ޝަކުވާ ކުރައްވައިފަ އެވެ. އަދި ޕަމްޕުތައް ސިޓީ ކައުންސިލާ ހަވާލުކުރުމަށް ގޮވާލާފައިވެ އެވެ.












