ބޮލީވުޑުގައި އެންމެ މަގުބޫލު އަޑުގެ ވެރިޔާ، އަރުޖީތު ސިންގުގެ ރަން އަޑާއި އިންޑިއާގެ މަޝްހޫރު ދެ އެކްޓުރެސް، ތަމަންނާ ބާޓިއާ އާއި ރަޝްމިކާ މަންދަނާގެ ނެށުމުގެ ފަރި ހަރަކާތްތަކާއެކު މިރޭ ފެށި އިންޑިއަން ޕްރިމިއާ ލީގުގެ ފެށުމުގެ ރަސްމިއްޔާތު ކިތަންމެހައި ވެސް ފުރިހަމަ އެވެ.
މީޑިއާނެޓުން ވަގުތުން ދުރަށް ދައްކަމުންދިޔަ އެ ރަސްމިއްޔާތުގައި ވަނީ މިދިޔަ ވޯލްޑުކަޕުގައި ފެނުނު ފަދަ ޑްރޯން މިއުޒިކަލް ޝޯވްއެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ކުރިކެޓުގެ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ، އައިޕީއެލްގެ ފުރަތަމަ މެޗު މިހާރު ފެށިގެން ކުރިއަށް ދާއިރު، އެ މުބާރާތުގެ ހުރިހާ މެޗެއް މީޑިއާ ނެޓު މެދުވެރިކޮށް ވަގުތުން ފެންނާނެ އެވެ.
ހަތަރު ފަހަރު އެ މުބާރާތް ކާމިޔާބު ކޮށްފައިވާ، ޗެންނާއީ ސުޕާ ކިންގްސް އަދި ފާއިތުވި އަހަރުގެ ޗެމްޕިއަން، ގުޖުރާތު ޓައިޓަންސްގެ މެޗުން ފެށި އެ މުބާރާތް ޓީވީގެ އިތުރުން އެމްއެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެތާކު ހުރެވެސް ބެލޭނެގޮތް މީޑިއާނެޓުން ވަނީ ހަމަޖައްސައިދީފަ އެވެ.
ކަސްޓަމަރުންނަސް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މުބާރާތަށް ހާއްސަކޮށް އެ ކުންފުނިން ވަނީ "އައި ޕީ އެލް ޕެކް"ގެ ނަމުގައި ހާއްސަ ޕެކެއް ތައާރަފުކޮށްފަ އެވެ. އެންމެ 50 ރުފިޔާއަށް އެ ޕެކު މެދުވެރިކޮށް މުޅި މުބާރާތް އެއްކޮށް ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ. މިއަދުން ފެށިގެން އަންނަ މެއި މަހުގެ 28، ގެ ނިޔަލަށް އެ ޕެކް މީޑިއާނެޓުގެ ކުއިކް ޕޭ އިން ކަސްޓަމަރުންނަށް ގަނެވޭނޭ އެވެ.
މިއީ ދިވެހި ޗެނަލަކުން ދުނިޔޭގެ މަގުބޫލު ކްރިކެޓު މުބާރާތެއް ގެނެސްދޭ ފުރަތަމަ ފަހަރެވެ. މެޗުތައް ދައްކަމުން ދާނީ މީޑިއާނެޓުގެ، އައިސް އެކްސްޓްރާއިންނެވެ. އެ ޗެނަލް ލިބޭނީ އެމްއެސް ޑިޖިޓަލް އެޕު މެދުވެރިކޮށެވެ.









