އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ދެ ހަފުތާގެ މުއްދަތަށް އޮން-އެރައިވަލް ވިސާ ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އެގޮތުން، އޮމާނަށް ދަތުރުކުރާ ދިވެހިންނަށް އެ ގައުމަށް ދިޔުމުން 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އޮން-އެރައިވަލް ވިސާ ލިބޭނީ އޮމާނަށް ދަތުރުކުރާ ދިވެހިންގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓާއި، ކޮންފާމް ކޮށްފައިވާ ހޮޓެލް ބުކިންގެ އިތުރުން ހެލްތު އިންޝޫރެންސާއި ރިޓާން ޓިކެޓު އޮވެގެން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައި ފަހުން ތައިލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ، ޗައިނާ، ތުރުކީ އަދި ކަޒަކިސްތާނާއި ކިރިގިސްތާނަށް ވިސާ ނުލައި ދެވޭނެ ގޮތް ވަނީ ހަދާފަ އެވެ.
މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އޮމާންގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.














