ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސީއެސްއާރް ޓީމުން ހުޅުމާލޭގެ 704 ފްލެޓު ސަރަހައްދުގައި ޕާކެއް ހަދައި ރަސްމީކޮށް ހުޅުވައިފި އެވެ.
އެ ޕާކު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައިދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. އެ ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފާއި އެހެން އިސްވެރިން ބައިވެރިވެވަޑައިގަތް ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ރަސްމިއްޔާތާއެކު އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް ތަރާވީހެއްވެސް ބާއްވާފަ އެވެ.
ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން އެޗްޑީސީން އެ ޕާކު ހަދާފައި ވަނީ 704 ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލް ފަހަތުގައި ކަމަށް އެޗްޑީސީން ބުންޏެވެ.
ދިވެހި ތާރީހު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއި އެކު ހަދާފައިވާ އެ ޕާކުގެ އެންމެ ހާއްސަ ކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާކޮށްލެވޭ ގޮތަށް ހަފާފައިވާ ހޮޅުއައްޓެކެވެ.

މީގެ އިތުރަށް ކުޑަކުދިން ކުޅެން ހާއްސަކޮށްފައި މިނީ ފުޓްސަލް ދަނޑެއްވެސް ހަދާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އެ ކުންފުނީގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން އެބަހުރި ކަމަށް އެ ކުންފުނިން ބުންޏެވެ.









