އީކޮމާސް ޕްލެޓްފޯމް މޫލީ އާއި ހޮރައިޒަން ފިޝަރީޒް ގުޅިގެން ރާއްޖޭގެ މަޝްހޫރު ޓޫނާ ބްރޭންޑެއް ކަމަށްވާ މާންދޫ މަހުގެ އުފެއްދުންތައް ހިމެނޭ ބަންޑަލްޑް ހަދިޔާ ޕެކްތަކެއް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޫލީ ޕްލެޓްފޯމުން ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
އުރީދޫ އިން ބުނީ އެ ޕްރޮމޯޝަނަކީ މި ހިނގާ ރޯދަ މަހު އާންމުކޮށް ބޭނުންވާ ގިނަ އަދަދެއްގެ ޒަރޫރީ ތަކެތި ލިބޭ މޫލީ ރޯދަ ބާޒާރު ޕްރޮމޯޝަންގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
މޫލީ މެދުވެރިކޮށް ކޮންމެތާކު ހުރެގެންވެސް ކަސްޓަމަރުންނަށް މާންދޫގެ ރަހަމީރު މަސްދަޅުތައް ހިމެނޭ އެ ހަދިޔާ ޕެކްތައް ކޮންމެ ވަގުތެއްގައިވެސް ގަނެ، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވާ ކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ތަފާތު ހަތަރު ހަދިޔާ ޕެކް މޫލީއިން ގަންނަން ލިބޭއިރު، އެ ހަދިޔާ ޕެކްތަކުގެ އަގުތައްހުރީ 145ރ. އާއި 160ރ. އާ ދެމެދުގައި ކަމަށް އުރީދޫ އިން ބުނެ އެވެ.
ރޯދަ ހަދިޔާ ޕެކް 1 ގައި ހަބަނޭރޯގައި ހަދާފައިވާ ތިން ދަޅު، ހިކި މިރުހުގައި ކަނޑުމަސް ހަދާފައިވާ ދެ ދަޅު، ކަނޑުމަސް ސަންފްލާވާ އޮއިލް (އެސްއެފްއޯ) އަދި ކަނޑުމަސް ބްރައިންގައި ހަދާފައިވާ އެއް ދަޅުގެ އިތުރުން މަސްހުނި އެކްސްޓްރާ އޮއިލް، މަސްހުނި ނޯމަލް އަދި މަސްހުނި ޒީރޯ ޗިލީ ގެ ދަޅު ހިމަނާފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ. މި ޕެކް ގެ އަގަކީ 150ރ. އެވެ.
އުރީދޫ އިން ބުނީ ރޯދަ ހަދިޔާ ޕެކް 2 160ރ. އަށް ލިބޭއިރު، އެ ޕެކްގައި ހިމެނެނީ އޮލިވް އޮއިލްގައި ހަދާފައިވާ ކަޅު ބިލަ މަސް، ސަންފްލާވާ އޮއިލް އަދި ސަންޑްރައިޑް ޓޮމާޓޯގައި ހަދައިފައިވާ ކަނޑުމަސް، ސަންފްލާވާ އޮއިލް، ލެމަން އެންޑް ޕެޕާގައި ހަދާފައިވާ ކަނޑުމަސް، ސަންފްލާވާ އޮއިލް، ލެމަން އަދި ތައިމްގައި ހަދައިފައިވާ ކަނޑުމަހުގެ އިތުރުން ލޮނުމެދާއި ހާބް އަދި ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް ދަޅު ކަމަށެވެ. އެ ޕެކްގައި މީން ކޮންމެ ވައްތަރަކުން ދެ ދަޅު ހިމެނެ އެވެ.
ރޯދަ ހަދިޔާ ޕެކް 3 ގެ އަގަކީ 145ރ. އެވެ. މި ޕެކްގައި މަސްހުނި އެކްސްޓްރާ ޗިލީ، މަސްހުނި، މަސްހުނި ޒީރޯ ޗިލީ، ހަބަނޭރޯގައި ހަދާފައިވާ ކަނޑުމަސް ދަޅުގެ އިތުރުން ސަންފްލާވާ އޮއިލްގައި ހަދައިފައިވާ ކަނޑުމަސް ދަޅު ހިމެނެ އެވެ.
މިއިން ކޮންމެ ވައްތަރަކުން ދެ ދަޅު މި ޕެކްގައި ހިމެނޭއިރު، ރޯދަ ހަދިޔާ ޕެކް 4 ގައި ހަދިޔާ ޕެކް 1، 2 އަދި 3 ގައި ހިމެނޭ ހުރިހާ ރަހައެއްގެ ކޮންމެ ވައްތަރަކުން އެއް ދަޅު ހިމެނެ އެވެ. ރޯދަ ހަދިޔާ ޕެކް 4 ގެ އަގަކީ 150ރ. ކަމަށް އުރީދޫ އިން ބުނެ އެވެ.










