ރިޕޯޓު15 ކުދިންނާ އެކު ފެށި ޕްރޮގްރާމް ފުޅާވެ 700 ދަރިވަރުންނަށް؛ ހިފްޒު ކުރުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް

15 ކުދިންނާ އެކު ފެށި ޕްރޮގްރާމް ފުޅާވެ 700 ދަރިވަރުންނަށް؛ ހިފްޒު ކުރުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް

ގިނަ ބަޔަކަށް މި ފުރުސަތު ހުޅުވިގެންދިޔުމާއި އެކު މިއީ ކީރިތި ގުރުއާން ހިފްޒު ކުރުމަށް ބޭނުންވާ ކޮންމެ ދިވެއްސަކަށް ހުޅުވިފައި އޮންނާނެ ފުރުސަތަކަށް މި މަޝްރޫއު ވެގެން ދިޔުމަކީ އަޒްހީލްގެ ހުވަފެނެއް. މިވަގުތު ވެސް 700 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ މި ޕްރޮޖެކްޓުގައި ކިޔަވަމުން

15 ކުދިންނާ އެކު ފެށި ޕްރޮގްރާމް ފުޅާވެ 700 ދަރިވަރުންނަށް؛ ހިފްޒު ކުރުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް

ކީރިތި ޤުރުއާން ހިފްޒު ކުރުމަކީ އެތައް ދިވެހީންގެ ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެތައް އަހަރެއް ހޭދަކުރި ނަމަވެސް, ހުވަފެން ހަގީގަތަކަށް ނުވެ ދެރަވެ އިސްޖަހަން ޖެހޭ ފަހަރުވެސް ވަރަށް ގިނައެވެ. އެހެންނަމަވެސް, ސައުދީ އަރަބިއާގެ ހާފިޒެއް ހިފްޒު ކުރުމަށް ބޭނުންކުރި މެތަޑެއް ބޭނުންކޮށްގެން "ޖަމިޢިއްޔަތުލް ތަޙްފީޡިލް ޤުރުއާނިލް ކަރީމް" އިން ރާއްޖޭގައި ހިލޭ ސާބަހަށް މިހާރު ކުރިއަށް ގެންދާ މަޝްރޫޢުއަކީ , ހިފްޡު ކުރުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް, ކުރު މުއްދަތެއްގައި މުޅި ޤުރުޢާން ހިފްޡު ކުރުމަށް ކުރިއަށް ގެންދާ އެންމެ ކާމިޔާބު މަޝްރޫއުއެވެ.

މަޝްރޫއު ފެށިގެން މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު, މި ޕްރޮގްރާމްގައި ކިޔަވައިދޭ މުޤައްރަރުގެ އެހީގައި އެއް އަހަރު ދުވަސްތެރޭ މުޅި ހަތިމް އެއްކޮށް ހިތުން ދަސްކުރެވޭނޭ ކަމަށް ޕްރޮގްރާމްގެ ފަހަތުގައި ހުންނެވި ޖަމްޢިއްޔާގެ ރައީސް އަދި ޕްރޮގްރާމްގެ އިސް މުދައްރިސް އަޒްހީލް އަހްމަދު ވަނީ ޔަގީންކަން ދެއްވާފަ އެވެ.

ޕްރޮގްރާމްގެ މުގުލުގައި ހުންނެވި އަޒްހީލް އަހްމަދަކީ 2009 ވަނަ އަހަރު އޮސްޓްރޭލިޔާއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކޮށްފައިވާ ފަރާތެކެވެ. އަބަދުވެސް ޤުރުއާން ކިޔެވުމަށް ޝައުގުވެރިކަން ހުންނަ އަޒްހީލްއަށް މިފަދަ ޕްރޮގްރާމެއް ރާއްޖޭގައި ފެށުމުގެ ހިޔާލު އެންމެ ފުރަތަމަ އައީ ކޮވިޑް-19 ގެ ތެރޭގައެވެ.

ކޮވިޑުގެ ފުރަބަންދުގައި ފެށި ޕްރޮޖެކްޓަށް ބޮޑު ތަރުހީބެއް

"ކޮވިޑް-19 ގެ ފުރަބަންދުގައި ގޭގައި ހުންނަން ޖެހުނު ވަގުތު އޮންލައިންކޮށް ގުރުއާން ކިޔަވާ ދޭން ފެށީ. މިގޮތުން ކީރިތި ގުރުއާން ކިޔެވުމުގައި އަޑާއި ރާގު ހުނަރު ދަސްކޮށްދިނުމަށް ޕްރޮގްރާމްތަކެއް ހިންގަމުން އައިސް، އެކަމުގެ ތެރެއިން ކުދިންނަށް ހިފްޒު ކޮށްދިނުމަށް އެހީތެރިވެދިނުމަށް ޕްރޮގްރާމެއް ފަށަން ހިޔާލު އައީ. އަދި އެކަން އެހެން ގައުމުތަކުގެ މީހުން ކުރާ ގޮތާއި އެފަދަ ޕްރޮގްރާމް ހިންގާ ގޮތް ބަލާ ދިރާސާކޮށް ހޯދީ،" މި ޕްރޮގްރާމް ފެށިގެން އައި ގޮތާ ގުޅޭގޮތުން އަޒްހީލު ކިޔައި ދިނެވެ.

"ހިފްޒު ޕްރޮގްރާމެއް ގޮތުގައި އެކަށަ އަޅާ ސެޕްޓެމްބަރު 2021 ގައި 15 ކުދިންނާ އެކު ފުރަތަމަ ފެށީ އަޖުމަ ބެލުމަށް ބުރެއް. ތަޖްރިބާއިން އެނގުނީ މިއީ ހަމަ ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދެވިދާނެ ކަމެއްކަން،"

އެހިސާބުން, އޮންލައިންކޮށް ކުރިއަށް ގެންދާ އެ ޕްރޮގްރާމް އިތުރަށް ފުޅާކުރުމުގެ ހިޔާލު އައިސް, އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުންނަށް ބައިވެރިވުމުގެ ފުރުސަތާއެކު އެ ޕްރޮގްރާމް ފުޅާކޮށް ފެށި އެވެ. ފުރަތަމަ ފުރުސަތުގައި ވެސް އަށް އަހަރުން ފެށިގެން 65 އަހަރުން މަތީގެ މީހުން ހިމެނޭހެން ގިނަ ބަޔަކު އެ ޕްރޮގްރާމްގައި ރަޖިސްޓްރީ ވުމަށް އެދުނެވެ. ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މުޅިންވެސް އޮންލައިންކޮށް ކަމުން, ރާއްޖޭގެ އެކި ކަންކޮޅުތަކުން އެ ޕްރޮގްރާމްގައި ކުދިން ބައިވެރިވިކަމަށް އަޒްހީލް މައުލޫމާތު ދިނެވެ.

"ވަރަށް ގިނަ އަދަދެއްގެ ކުދިންނާއި ބޮޑެތި މީހުން ކުރިމަތިލި. އަދި ހިލޭ ހިންގުމަށް ގަސްތު ކުރި ޕްރޮގްރާމަކަށް ވާތީ، ތަރުހީބު ބޮޑުވިޔަސް އެވިސްނުމަށް ބަދަލު ގެނައުމަށް ބޭނުންނުވީ. އަދި އެކަމަށް ޝައުގުވެރިވެގެން އެޕްލައި ކުރި ހުރިހާ ކުދިންނަށް ފުރުސަތު ދީގެން ކުރިއަށް ގެންދަނީ،" ޕްރޮގްރާމާ ގުޅޭގޮތުން އަޒްހީލު ބުންޏެވެ.

ހިފްޒު ކްލާސް ކުރިއަށްގެންދިޔުމަށް އަޒްހީލް ގާއިމުކޮށްފައިވާ ސެޓަޕް. ގިނަ އަދަދެއްގެ ދަރިވަރުން މިހާރު ވެސް ހިފްޒު ކުރަމުންދޭ.
ހިފްޒު ކްލާސް ކުރިއަށްގެންދިޔުމަށް އަޒްހީލް ގާއިމުކޮށްފައިވާ ސެޓަޕް. ގިނަ އަދަދެއްގެ ދަރިވަރުން މިހާރު ވެސް ހިފްޒު ކުރަމުންދޭ.

ހިފްޒު ކްލާސް ކުރިއަށްގެންދިޔުމަށް އަޒްހީލް ގާއިމުކޮށްފައިވާ ސެޓަޕް. ގިނަ އަދަދެއްގެ ދަރިވަރުން މިހާރު ވެސް ހިފްޒު ކުރަމުންދޭ.

މި ޕްރޮގްރާމް ހިންގުމަށް ވިސްނީ 30 ވަރަކަށް ކުދިންނާއި އެކު އެހެންނަމަވެސް, ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އިއުލާން ކުރުމާ އެކު 100 އަށްވުރެ ގިނަ ކުދިން ބައިވެރިވާން އެދި ހުށަހެޅި އެވެ.

"ޕްރޮގްރާމްގެ ކަންކަން ޕްރޮގްރާމްގައި އުޅޭ ކުދިންގެ ފަރާތުންނާއި ނޫސްތަކުން އެނގި އާންމުންގެ ފަރާތުން މެސެޖާއި ފޯނުކޯލްތައް އަބަދުވެސް ލިބެމުންދޭ. އެހެންކަމުން ވަކި އަދަދަކަށް އާންމުންގެ ރިކުއެސްޓް ލިބުމުން އަނެއްކާވެސް ޕްރޮގްރާމްގައި ބައިވެރިވުމަށް އަޅުގަނޑުގެ ފޭސްބުކް ޕޭޖުގައި އެޕްލިކޭޝަން ހުޅުވާލަނީ،" އަޒްހީލް ކިޔައިދިނެވެ.

އެއްވެސް ބަޔަކު ބާކީ ނުކުރުމުގެ އަޒުމުގައި, ޕްރޮގްރާމްގެ ފުރަތަމަ ބުރުގައިވެސް ގިނަ ބަޔަކު ބައިވެރިކުރުވި ކަމަށް އަޒްހީލް ބުންޏެވެ.. ޕްރޮގްރާމް މާކެޓް ކުރުމަށް މާބޮޑު މަސައްކަތެއް ނުކުރި ނަމަވެސް, ޕްރޮގްރާމްގައި ބައިވެރިވާ ކުދިންގެ ތާއީދާއި, ބައެއް ނޫސްތަކުން ލިބުނު ހިއްވަރާ އެކު ޕްރޮގްރާމްގެ ތަރުހީބު މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. މިވަގުތުވެސް, މި ޕްރޮގްރާމްގައި ބައިވެރިވެ, 700 އަށްވުރެ ގިނަ ކުދިން އަންނަނީ ގުރުއާން ހިފްޒު ކުރަމުންނެވެ.

"އާންމުންގެ ބޮޑު ތަރްޙީބެއް އޮތުމާއި އެކު މިއީ ހަމަ ހިލޭ ފޯރުކޮށްދޭން ރަނގަޅު ހިދުމަތެއްގެ ގޮތުގައި ދެކި އެގޮތުގައި ކުރިއަށް މިދަނީ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި މީހުން މެސެޖް ކޮށް ހަދާ. ނަމަވެސް މިވަގުތުވެސް ޕްރޮގްރާމްގައި 700 ވަރަކަށް ކުދިން އެބަތިބި،"

ކާމިޔާބު އުކުޅެއް؛ ސަފްހާއެއް 15 މިނެޓުން ދަސްކުރެވޭ

މި ޕްރޮގްރާމްގައި އަޒްހީލް ދަސްކޮށްދޭ މެތަޑަކީ ސައުދީގެ ހާފިޒަކު ހިތުދަސް ކުރުމަށާއި އެހެން މީހުންނަށް ހިތުދަސް ކޮށްދިނުމަށް ބޭނުންކޮށް ކާމިޔާބީ ފެނިފައިވާ މެތަޑެކެވެ. އެހެން ޕްރޮގްރާމްތަކާއި ހިލާފަށް, މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދަރިވަރުން ހިތުން ދަސްކުރާކަށް ނުފަށާނެ އެވެ.

ޕްރޮގްރާމްގެ މުޤައްރަރު އެކުލަވާލެވިފައިވާ ގޮތުން, އެންމެ ފުރަތަމަ ދަރިވަރުން ތަމްރީން ކުރާނީ އެކުދިންގެ ވިޝުއަލް މެމޮރީއަށް ޤުރުއާން ނަގައިދިނުމަށެވެ. އެގޮތުން, ފުރަތަމަ އަށް ދުވަހު އެކަމަށް ހާއްސަ ތަމްރީންތަކެއް ފޯރުކޮށްދޭނެ އެވެ.

އެއަށްފަހު ސްކޭން ރީޑިން, ނުވަތަ ނުކިޔަވައި ގުރުއާނުގެ ދެލިގަނޑަށް ބަލައި އާޔަތްތައް އަތުރާލެވިފައިވާ ގޮތްތައް ނަގައިގަތުމަށް ދަރިވަރުން މަސައްކަތް ކުރާނެ އެވެ. އެކަމަށް ހަތަރު ހަފްތާ ހޭދަކުރާއިރު, ގުރުއާން އަށް ބުރަށް ސްކޭން ރީޑް ކުރާނެ އެވެ.

"މި ދެ މަރުޙަލާ ކުރިއަށް ގެންދިޔުމުން ކީރިތި ޤުރުއާންގެ ސްޓްރަކްޗަރ އަދި ދެލިގަނޑަށް ކުދިންގެ ސިކުނޑި ވަރަށް ބޮޑަށް ހޭނިފައި ތިބޭނީ،"

އެއަށް ފަހު ދެން ފަށާނީ ޤުރުއާންގެ އާޔަތްތައް ހިތުން ދަސްކުރުމަށެވެ. ހިތުދަސްކުރުމުގެ އެންމެ ފުރަތަމަ މަރުހަލާގައި ކޮންމެ އާޔަތެއްވެސް ބަލާފައި ހިތުން ކިޔުމަށް ދަރިވަރުން މަސައްކަތް ކުރާނެ އެވެ. އެގޮތަށް، މުޅި ގުރުއާން އަށް ބުރަށް ނިންމާނެ ކަމަށާއި, އެހިސާބަށް ދާއިރު ދެލިގަނޑު އަދި މުޅި ޚަތިމް ކިޔެވުމަށް ވަރަށް ބޮޑަށް ފަރިތަވެ ހިތުން ދަސްކުރުމަށް ކުދިން ތިބޭނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި އަޒްހީލް ފާހަގަކުރެއްވި އެވެ. މި މަރުހަލާއަށް ފަހު ހިފްޒު ކުރަން ދަރިވަރުން ފަށާއިރު, މި ޕްރޮގްރާމްގެ ތަޖުރިބާގައި ދުވާލަކު ހަތަރު ސަފްހާއަށް ވުރެ ގިނައިން ވެސް ބައެއް ދަރިވަރުން ހިތުންދަސްކުރެ އެވެ. ސަފްހާއެއް ދަސްކުރުމަށް ދަރިވަރުން ނަގަނީ 15 މިނިޓުގެ ވަގުތެކެވެ.

ޕްރޮގްރާމްގެ މުޤައްރަރު އެކުލަވާލާފައިވަނީ ގުރުއާން ހިތުދަސްކުރުމުގެ އިތުރުން, ކީރިތި ގުރުއާން ކިޔެވުމުގައި އަޑާއި ރާގުވެސް ކުދިންނަށް ދަސްކޮށްދޭ ގޮތަށެވެ. އެގޮތުން, ތިން ވަނަ ހަފްތާއިން ފެށިގެން ތަޖުވީދުގެ ކޮންމެ ހަމައަކަށް ވަކިވަކިން އަޑާއި ރާގު ހިމެނޭ ގޮތަށް ތަމްރީންތައް ނަގައިދެވެ އެވެ. މިކަމަށް ވެސް ހާއްސަ މުގައްރަރެއް ވަނީ އެކުލަވާލާފަ އެވެ. އޭގެ އިތުރުން ޕާސަނަލް ޑިވެލޮޕްމަންޓުގެ ބައިތަކާއި، ކީރިތި ގުރުއާންގެ މާނައަށް ދަރިވަރުން ހޭލުންތެރި ކުރުމާއި، ދިގުރާގު އުނގަންނައިދީ އަދި މުރާޖައާ ކްލާސްތައް ވެސް ކުރިއަށް ދެއެވެ.

މިވަގުތަށް އޮތް ޗެލެންޖަކީ ހަރަދުތައް ހަމަޖެއްސުން

ހިލޭ ސާބަހަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގައި މިވަގުތު ވެސް ހަތަރު ޓީޗަރުން މަސައްކަތް ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތަޖުވީދު އިލްމުން މާސްޓާސް ހާސިލްކޮށްފައިވާ ދެ ޓީޗަރަކާއި, ދެ ހާފިޒުންނެވެ. އަދި، ދަރިވަރުންގެ ކަންތައްތައް ބެލެހެއްޓުމަށް އިދާރީ ދެ މުވައްޒިފުން ވެސް މަސައްކަތް ކުރާ ކަމަށް އަޒްހީލް މައުލޫމާތުދެއެވެ.

ގިނަ މީހުން ބައިވެރިކޮށްގެން ޕްރޮގްރާމް ކުރިއަށް ގެންދާއިރު, ހަރަދުތައް ހަމަޖެއްސުމަކީ މިވަގުތަށް އޮތް ޗެލެންޖެއް ކަމަށް އަޒްހީލް ފާހަގަކުރެ އެވެ. ނަމަވެސް، ކުރިއާ އަޅާބަލާއިރު މި މަސައްކަތް މީހުން ބަލައިގަންނަވަރު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

އަޒްހީލްގެ އަމާޒަކީ ކުރިމަގުގައިވެސް ދަރިވަރުން އަތުން ފީއެއް ނެގުމަކާއި ނުލައި މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމެވެ. އެކަމަށްޓަކައި 2023 ފެބްރުއަރީ މަހުން ފެށިގެން ރާއްޖެއިން ބޭރުން ބައެއް ތަކެތި ގެނެސް ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އަޒްހީލް މައުލޫމާތު ދިނެވެ. އެމަސައްކަތުގެ ނަތީޖާ ރަނގަޅުވަމުން އަންނަކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

އަދި، މިހާރު މަސައްކަތް ކުރަމުންދަނީ އެ މަސައްކަތް އިތުރަށް ފުޅާކޮށް މުޅި މި ހިފްޒު ޕްރޮޖެކްޓުގެ ހަރަދުތައް އެ މަސައްކަތުން ލިބޭ ފައިދާގެ ބައެއް ބޭނުން ކޮށްގެން ހަމަޖެއްސޭނެ ކަމުގެ އުއްމީދާއި އެކުގައި ކަމަށް އަޒްހީލް ބުންޏެވެ.

14 ހާފިޒުން އުފެދިއްޖެ؛ އެ އަދަދު ބޮޑުތަނުން އިތުރުވާނެ

މި ޕްރޮގްރާމުން މިހާތަނަށް 14 ބައިވެރިން ވަނީ ގުރުއާން ހިތުދަސްކޮށްފަ އެވެ. އަދި، ހިތުދަސްކުރި ކުދިން މިހާރު ގެންދަނީ ކީރިތި ގުރުއާން މުރާޖައާ ކުރަމުންނެވެ. ފަސްމަސްދުވަހަށް މުރާޖައާ ކުރިއަށް ގެންދިޔުމަށްފަހު ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ހިފްޒު ކޮމެޓީއަށް ކިޔައިދިނުމަށް އެކުދިން ތިބޭނީ ރަނގަޅަށް ތައްޔާރުވެފަ އެވެ. ހިތުން ދަސްކުރި ކުދިންގެ މުރާޖައާ ގެންގޮސްދެއްވަނީ ތަޖްރިބާކާރު ޙާފިޒެއްގެ ބެލުމުގެ ދަށުންނެވެ.

"މި ޕްރޮގްރާމުގައި މިވަގުތު 9 ބެޗް އެބައޮތް. އޭގެ އިތުރުން ދިގު ރާގު ދަސްކުރާ ކުދިންގެ މައްޗަށް އެކުލެވޭ ބެޗެއް އެބައޮތް. ހިފްޒު ކޮށް ނިންމި ކުދިންނަށް ކޮންމެ ކުއްޖަކަށް ވަކި ވަކި ގަޑިތައް ހަމަޖައްސާ ހަފްތާ އަކު ފަސްދުވަހު އެކުދިން ހާފިޒަކާއި އެކު މުރާޖައާ ކުރަމުންދޭ. އެހެންކަމުން، މި ޕްރޮގްރާމްގެ އެތައް ކްލާހެއް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރިއަށް ދާނެ. ހުރިހާ ކްލާހެއް ކުރިއަށް ދަނީ އޮންލައިންކޮށް. އެޑްމިނިސްޓްރޭޓިވް ޓީމާއި، ޓީޗަރުންވެސް މަސައްކަތް ކުރަމުންދާނީ ރިމޯޓްކޮށް ހަމަ އޮންލައިންކޮށް. މުޅި ޕްރޮގްރާމްގެ ކަންކަން ދަނީ ރަނގަޅަށް އިންތިޒާމް ކުރެވި ރޭވިފައިވާ ވަކި ނިޒާމެއްގެ ތެރެއިން،" މި ޕްރޮޖެކްޓުގެ މަސައްކަތްތައް ރޭވިފައިވާ ގޮތް އަޒްހީލް ކިޔައި ދިނެވެ.

ގުރުއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ކޮންމެ އަހަރަކުވެސް ލިބެނީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ކުދިންނަށެވެ. އެގޮތުން 2021 ވަނަ އަހަރު މުޅި ރާއްޖެއިން ހާފިޒު ކަމުގެ ސަނަދު ހާސިލު ކޮށްފައިވަނީ 11 މީހުންނެވެ. ޖެހިގެން އައި 2022 ގައި ޖުމްލަ 13 މީހުންނެވެ.

"މި ޕްރޮގްރާމުން އެކަނި އެއް އަހަރު ދުވަހުގެ ތެރޭގައި 14 ކުދިން ހިފްޒު ކޮށް ނިންމައިފި. މިހާރު އެކުދިން އެ ތައްޔާރުވަނީ އަދި އިންތިޒާރު ކުރަނީ ގުރުއާނާއި ބެހޭ މަރުކަޒުގެ ހިފްޒު ކޮމެޓީއަށް ކިޔައިދިނުމުގެ ފުރުސަތަކަށް،" އަޒްހީލު ބުންޏެވެ.

އޭގެއިތުރުންވެސް, އަޒްހީލްގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޕްރޮގްރާމްގައި ބައިވެރިވާ ކުދިން ދޭ ފީޑްބެކެވެ. އެގޮތުން, ޕްރޮގްރާމާއި މެދު ދަރިވަރުން ދެކޭ ގޮތް ބެލުމަށް ޚިޔާލު ހޯދުމަށް ސާވޭތައް ކުރިއަށް ގެންދާއިރު, ސާވޭގައި ބައިވެރވާ ހުރިހާ ކުދިން ކަހަލަ ގޮތަކަށް ޕްރޮގްރާމާއި މެދު ހިތްހަމަ ޖެހޭކަން ފާޅުކުރާކަމެވެ. އަދި، ބެލެނިވެރިން ދެއްވާ ފީޑް ބެކްތައް ވެސް ވަރަށް ރަނގަޅެވެ

ގުރުއާން ހިފްޒު ކުރުމުގެ ފުރުސަތު ކޮންމެ ދިވެއްސަކަށް އޮތުމުގެ އުންމީދު

އެންމެ 15 ކުދިންނާ އެކު ފެށުނު ޕްރޮގްރާމް މިހާރު ފުޅާވެ 700 ދަރިވަރުން މިވަގުތުވެސް ތަމްރީންވަމުން ދާއިރު, އަޒްހީލްގެ އުންމީދަކީ މި މަސައްކަތް އަދިވެސް އިތުރަށް ފުޅާވެގެން ދިޔުމެވެ. ޖަމިއްޔާއެއް ރަޖިސްޓްރީކުރެވި ދީނީ ރޮނގުންނާއި, ކީރިތި ގުރުއާނުގެ ދާއިރާއިންނާއި, އެހެނިހެން ދާއިރާތަކުން މަތީ ފާސް ނަންގަވައިގެން ތިއްބެވި އިލްމީ ޓީމެއް މި މަސައްކަތުގެ ފަހަތުގައި މިހާރު ވާކަން އަޒްހީލް ފާހަގަކުރަނީ އުފަލާއެކު އެވެ.

މިވަގުތު އަޒްހީލްގެ ހުވަފެނަކީ ޕްރޮގްރާމަށް ލިބޭ މާލީ އެހީތެރިކަން އިތުރުވެ, މުރާޖައާ ބެލެހެއްޓުމަށާއި, އަދިވެސް މި ޕްރޮޖެކްޓުގައި މަސައްކަތް ކުރާނެ މުދައްރިސުން އިތުރުވެ, ގިނަ ބަޔަކަށް މި ފުރުސަތު ހުޅުވިގެންދިޔުމާއި އެކު މިއީ ކީރިތި ގުރުއާން ހިފްޒު ކުރުމަށް ބޭނުންވާ ކޮންމެ ދިވެއްސަކަށް ހުޅުވިފައި އޮންނާނެ ފުރުސަތަކަށް މި މަޝްރޫއު ވެގެން ދިޔުމެވެ.

މި މަޝްރޫއުގެ ހަރަދުތައް ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރެވި، އެކަމުން ރަނގަޅު ނަތީޖާއެއް ފެންނަން ފަށާފައިވާ ކަމަށް އަޒްހީލް ބުންޏެވެ. އަދި، މި މަޝްރޫއަކީ ކައިރި މުސްތަގުބަލެއްގައި ސްޕޮންސަރުންނަށް ބަރޯސާ ނުވެ މަޝްރޫއުގެ ހަރަދުތައް ހަމަޖެއްސުމަށް ކުރެވޭ މަސައްކަތުން އަމިއްލަ އަށް މެނޭޖުކޮށް ހިންގާ މަޝްރޫއަކަށް ވެގެން ދިޔުމަކީ އޭނާގެ އުންމީދެކެވެ.

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox