ދިރާގުގެ ކަސްޓަމަރުންނަށް ރޯދަ މަހުގެ ކޮންމެ ދުވަހަކު ލިބޭ އިނާމުތަކާއި ކޮންމެ ހަފުތާއަކު "ބޮޑު ހަދިޔާ" އާއެކު ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަންތަކެއް އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނުކޮށްފި އެވެ.
ދިރާގު "ބޮޑު ހަދިޔާ" އާއެކު އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ރޯދަ މަހުގެ ކޮންމެ ހަފްތާއަކު 'މައިޑިއާ' ބްރޭންޑްގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. މި ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ދެ ދޮރު ލީ އައިސް އަލަމާރި، އަވަން، މައިކްރޮވޭވް އަދި ވެކިއުމް ކްލީނަރގެ އިތުރުން އެހެނިހެން ސާމާނުވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ކުންފުނީގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑު ގެންގުޅުއްވާ ހުރިހާ އެކްޓިވް ކަސްޓަމަރުންވެސް މީގައި ހިމެނޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ހަމައެހެންމެ، 'ބޯނަސް މެގަ ހަދިޔާ' ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑު ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެ މީހެއްގެ އުމުރާ ދަތުރެއް ދިނުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
އޭގެ އިތުރުން، ދިރާގު މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ރޯދަ މަހަށް ހާއްސަކޮށްގެން ޕްރޮމޯޝަންތަކެއް ވަނީ ފަށާފަ އެވެ. އޭގެ ތެރޭގައި؛
- ޑެއިލީ ގިފްޓު - ކޮންމެ ދުވަހެއްގެ ފަތިހު 4:00 އިން ހެނދުނު 9:00 އަށް ކަސްޓަމަރުންނަށް ހާއްސަ ލިމިޓެޑް ޓައިމް އޮފާ އެޑް-އޮން އެއް އެއް ކަލަންޑަރު ދުވަހަށް ކާމިޔާބު ކުރެވޭނެ،
- ބޯނަސް ގިފްޓް - ދިރާގު އެޕް މެދުވެރިކޮށް އެޑް-އޮންއެއް ނުވަތަ ބޫސްޓަރެއްއ ގަންނަ ކޮންމެ ކަސްޓަމަރަކަށްވެސް 24 ގަޑިއިރުގެ މުއްދަތަކަށް އިތުރު ހިލޭ އޮފާއެއް ލިބިގެންދާނެ،
- ރޯދަ ހަދިޔާ ފިހާރަ - ދިރާގު އެޕްގެ ޑިޖިޓަލް ރޯދަ ހަދިޔާ ފިހާރައިން ހާއްސަ އެކްސްކްލޫސިވް އޮފާތަކެއް ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ،
- ޑަބަލް ޑޭޓާ ބޫސްޓާ - ރޯދަ މަހުގެ ލިމިޓަޑް ޓައިމް އޮފާއެއްގެ ގޮތުން ހާއްސަ ފައިބާ ބްރޯޑްބޭންޑު އިންޓަނެޓު ބޫސްޓަރު ނަގާ ކޮންމެ ފަރާތަކަށް ވެސް ދެގުނު ޑޭޓާ ލިބޭނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ އެޕުން މި ހިދުމަތްތަކަށް ކަސްޓަމަރުންނަށް ސަބްސްކްރައިބު ކުރެވޭނެ ކަމަށެވެ.
ދިރާގުން ރޯދަ މަހަށް ކުރިއަށްގެންދާ ކެމްޕޭނުގެ ޝިއާރު ބޭނުންކޮށްފައި ވަނީ މަންމައިންގެ އަގު ވަޒަން ކުރުމަށާއި މަންމަޔާއެކު އޮންނަ ގުޅުން ބަދަހި ކުރުމުގެ މައްޗަށެވެ.
މި ޝިއާރުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަމްސް އެއިޑާ ގުޅުގެން އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް ދިރާގުން ވަނީ އެހީވެފަ އެވެ. މއޭގެ ތެރޭގައި އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިން ހިމެނެ އެވެ.
ހަމައެހެންމެ، މިޝަން ފޯ މައިގްރަންޓު ވޯކާސްއާ ގުޅިގެން މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންނަށް ރޯދަ ވީއްލުމުގެ އިންތިޒާމުތައް ވެސް ދިރާގުން ހަމަޖައްސާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވެ އެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިރާގު މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.










