އަންނަ އަންގާރަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ގައުމީ ސްކޮޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުހައްމަދު އިރުފާން (އިރޭ) އާއި ނާއިޒު ހަސަން (ދާދު) އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ އަށް ފުރުސަތު ދީފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުން ބާކީވީ މުހައްމަދު އުމެއިރު އާއި މުހައްމަދު މިރާޝް އިމްތިޔާޒް އަދި އިޔާން އަބްދުލް އަލީމް (ޗިކީ) އެވެ.
ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޯލަށް ކުޅުނު މީސަމް އަށް މީގެ ކުރިން ވެސް ވަނީ ގައުމީ ސީނިއާ ޓީމުގެ ސްކޮޑުން ފުރުސަތު ލިބިފަ އެވެ. އިރޭ، އެންމެ ފަހުން ގައުމީ ސްކޮޑަށް ނެގި ފަހަރުތަކުގައި މެޗުތަކަށް ސްކޮޑު ފައިނަލް ކުރިއިރު، ބާކީކުރަން ޖެހުނީ އަނިޔާގެ ސަބަބުންނެވެ. އެންމެ ފަހުން ގައުމީ ޓީމުގެ ސްކޮޑުން ދާދު ބާކީކުރަން ޖެހުނީ އަމިއްލަ ސަބަބަކާ ހެދި ޓީމާ އެކު ދެވެން ނެތުމުންނެވެ.
ރާއްޖޭގައި ރަސްމީ ލެވަލްގެ މެޗެއް ނުކުޅޭތާ ހަތް މަހެއްހާ ދުވަސް ފަހުން، ކުޅޭ މި މެޗަށް ނެގިއިރު، ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން މި ވަގުތު ޕްރެކްޓިސް ކުރަމުން އަންނަނީ މާޒިޔާ އާއި އީގަލްސް އިން އެކަންޏެވެ. އަނެއް ހަ ކްލަބަށް ޕްރެކްޓިސް ފެށޭނެ ދުވަހެއް ސީދާ ބުނަން ނޭނގެ އެވެ. ދިހަ އަހަރު ތެރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށް ޕާކިސްތާނުން އަންނަނީ ދުރާލާ ޕްރެކްޓިސް ފަށައިގެން ތައްޔާރުވަމުންނެވެ. ޕާކިސްތާނުން މި މެޗަށް ނެގި ސްކޮޑުގައި ޔޫރަޕްގައި ކުޅޭ ދެ ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ.
ޕާކިސްތާން މެޗަށް ނެގި ސްކޮޑުގައި މާޒިޔާ އަށް ކުޅޭ 12 ކުޅުންތެރިން ހިމެނެ އެވެ. އަދި އީގަލްސް އަށް ކުޅޭ ފަސް ކުޅުންތެރިން ހިމެނެ އެވެ.
ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅޭއިރު، މިއީ ގަލޮޅު ދަނޑާއި ސ. ހިތަދޫ ޒޯން ސްޓޭޑިއަމް ފިޔަވައި އިތުރު ދަނޑެއްގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ.
ޕާކިސްތާން މެޗަށް ނެގި ރާއްޖޭގެ 23 ކުޅުންތެރިންގެ ސްކޮޑު
ކީޕަރުން:
ހުސެއިން ޝަރީފް، ހަސަން އަލީފް އިބްރާހިމް، ޔޫސުފް މީސަމް އަބްދުﷲ
ޑިފެންޑަރުން:
ސަމޫހު އަލީ (ސަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، ހަސަން ޝިފާޒް (ޑުންގާ)، ޝިފާން ހަސަން (ޝިފާންޓެ)، ހުމައިދު ހުސެއިން، އަހުމަދު މާއިޝް ރަޝީދު
މިޑްފީލްޑަރުންނާއި ފޯވާޑުން:
އިބްރާހިމް އައިސަމް، ހަސަން ރާއިފް އަހުމަދު (ހަންނަ)، ހުސެއިން ނިހާން (ނިހާޓް)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، ހަމްޒާ މުހައްމަދު (ހަމްޕު)، ހަަސަން ސުފިއާނު، ނިޝާމް މުހައްމަދު ރަޝީދު، މުހައްމަދު ސަހާއު (ބޭލް)، އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު އިރުފާން (އިރޭ)، ނާއިޒު ހަސަން (ދާދު)،












