ކްރިކެޓްގެ ދުނިޔޭގެ އެންމެ ފޯރިގަދަ މުބާރާތް އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) މާޗު 31 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ ހުރިހާ މެޗެއް މިފަހަރު މީޑިއާނެޓުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އައިސް އެކްސްޓްރާ ޗެނަލުން ވަގުތުން ބެލޭނެ އިންތިޒާމުތައް ހަމަޖައްސައިފި އެވެ.
އައިޕީއެލްއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ހުނަރުވެރި ކްރިކެޓު ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދާ މުބާރާތެކެވެ.
އިންޑިއާގެ ސްޓޭޓްތަކަށް ނިސްބަތްވާ ފްރެންޗައިޒް 10 ޓީމެއް މިއަހަރުގެ މުބާރާތުގައި ފެނިގެންދާނެ އެވެ. 20 އޯވަރު އުސޫލުން ޖުމްލަ 74 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އިންޑިއާއަށް އުފަން އަދި އެހެން ގައުމުތަކުގެ ގިނަ ޒުވާން ކުޅުންތެރިންތަކަކަށްވެސް ވަނީ ފުރުސަތުދީފަ އެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މުބާރާތުގައި އަލަށް ބައިވެރިވި ގުޖުރާތު ޓައިޓަންސްގެ ޓީމެވެ. އަދި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ މުމްބާއީ އިންޑިއަންސްގެ ޓީމެވެ.
ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ކަމުގައިވާ އިންޑިއާގެ ވިރާތު ކޯލީ، އޮސްޓްރޭލިއާގެ ޑޭވިޑް ވާނާ، ސައުތު އެފްރިކާގެ ކުއިންޓަން ޑި ކޮކް، އިނގިރޭސިވިލާތުގެ ސޭމް ކުރަން އަދި ވެސްޓް އިންޑީޒްގެ އަންޑްރޭ ރަސެލް މިއަހަރުގެ މުބާރާތުގައި ވެސް ކުޅޭނެ އެވެ.
މީޑިއާނެޓުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ފޯރިގަދަ ކުޅިވަރު މުބާރާތްތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ.
މިއީ ދުނިޔޭގެ ކްރިކެޓް މުބާރާތެއް މީޑިއާނެޓުގެ އައިސް ނެޓްވޯކު މެދުވެރިކޮށް ގެނެސްދޭ ފުރަތަމަ ފަހަރެވެ. އެގޮތުން މިވަގުތުވެސް ވިމެންސް އައިޕީއެލްގެ މެޗުތައް، މީޑިއާނެޓު ކަސްޓަމަރުންނަށް އައިސްގެ ޗެނަލްތައް މެދުވެރިކޮށް އަންނަނީ ގެނެސްދެމުންނެވެ.









