ހަށިގަނޑުގެ ގުނަވަންތަކާއި ސޮފްޓު ޓިޝޫގެ މަންޒަރު މާ ސާފުކޮށް ދައްކުވައިދޭ އެމްއާރްއައި މެެޝިނެއް އޭޑީކޭ ހޮސްޕިޓަލުގައި މިއަދު އިފްތިތާހުކޮށްފި އެވެ.
އޭޑީކޭއިން މިއަދު ހިދުމަތް ދޭން ފެށީ މެގްނެޓޯމް ލޫމިނިއާ ބްރޭންޑުގެ މެޝިނަކުންނެވެ. އެއީ އާދައިގެ އެމްއާރްއައި ހަދާ މެޝިނަކަށްވުރެ ދެ ގުނަ ބާރުގަދަ މެޝިނެކެވެ.
އެ ހިދުމަތް ތައާރަފުކޮށްފައި ވަނީ މިއަދު ހެނދުނު އެ ކަމަށް އޭޑީކޭ ގައި ބޭއްވި ރަސްމިޔާތެއްގަ އެވެ. އެ ހިދުމަތް ފައްޓަވައި ދެވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް ޑޮކްޓާ ޝާހް އަބްދުﷲ މާހިރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، އެމްއާރުއައި ހެދުމުގެ ހިދުމަތުގައި އޭޑީކޭ އިން މެދުނުކެނޑި 20 އަހަރު ހޭދަކޮށްފައިވާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަމުން އައީ އެންމެ ފެންވަރު ރަނގަޅުކޮށް އެ ހިދުމަތް ދިނުމަށް ކަމަށެވެ.
އަފްއާލް ވިދާޅުވީ މިއަދުން ފެށިގެން އޭޑީކޭގައި މަދުވެގެން ދުވާލަކު 90 އެމްއާރްއައި ހެދޭނެ ކަމަށާއި އަމާޒަކީ އެ އަދަދު 100 އަށް އިތުރު ކުރުން ކަމަށެވެ.
"މިހާރު އޭޑިކޭ ދުވާލަކު އެވްރެޖުކޮށް 45 އެމްއާރުއައި ހަދާ. އެކަމަކު މިއަދުން ފެށިގެން އޭޑީކޭގައި މަދުވެގެން ދުވާލަކު 90 އެމްއާރުއައި ހަދާނެ އަދި އަމާޒަކީ އެ އަދަދު 100 އަށް އިތުރު ކުރުން،" އަފްއާލް ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދަށްކަމުން އަފްއާލް ވިދާޅުވީ، ވަށާޖެހޭ ސިއްހީ ހިދުމަތެއް ތައާރަފު ކުރުމަށް އޭޑީކޭ އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޕެޓް ސްކޭންގެ ހިދުމަތް ދޭން ފަށަން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޕެޓް ސްކޭނަކުން ބައެއް ކަހަލަ ކެންސަރު ދަނެގެނެވެ އެވެ. އޭގެ އިތުރުން ހިތުގެ ބައެއް މައްސަލަތަކާއި ސިކުނޑީގެ ބައެއް މައްސަލަތައް ވެސް އެފަދަ ސްކޭނަކުން ދަނެގަނެވިދާނެ އެވެ.










