އިންޑަސްޓްރިއަލް އައިލެންޑް ތިލަފުށީގެ މާސްޓާޕްލޭނާ އެއްގޮތަށް އެ ރަށު ފޭސް ދޭއްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ތިލަފުށީގެ މާސްޓާ ޕްލޭން ފަރުމާކޮށްފައި ވަނީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ.
އެޗްޑީސީން ބުނީ ތިލަފުށި ފޭސް ދޭއްގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ބަންޑް ވޯލް ހެދުމުގެ މަސަކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
މާލޭގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މަސައްކަތް ކުރުމަށާއި ވިޔަފާރިތައް ހިނގުމުގަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އާންމުން ދިރިއުޅޭ ސަރަހައްދުގައި ގަރާޖުތަކާއި ވެއާހައުސްތައް ހުރުމުން ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދދާ ކަމަށެެވެ. އަދި ރާއްޖޭގެ ވިޔަފާރި ސިނާއަތްތަކަށް ބޭނުންވާ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމަކީ ބޮޑު ސަރުކާރުން އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް އެޗްޑީސީން ބުނެ އެެވެ.









