ދިވެހިރާއްޖޭގެ އެންމެ ގިނަދުވަސްވީ މުވާސަލާތީ ހިދުމަތްދޭ ކުންފުނި، ދިރާގާއި އެޗް ވަން ސްރީލަންކާއާ ގުޅިގެން މައިކްރޮސޮފްޓް ސޮލިއުޝަންތަކެއް ރާއްޖޭގެ މާކެޓަށް ތައާރަފު ކުރުމަށް ނިންމައިފި އެވެ.
ސްރީލަންކާގެ ލީޑިން ޓިއާ އެކެއް މައިކްރޮސޮފްޓް ލައިސަންސިން ސޮލިއުޝަންސް އަދި ކްލައުޑް ސޮލިއުޝަންސް ޕާޓުނަރު، އެޗް ވަންއާ އެކު ހެދި އެ ޕާޓުނަޝިޕް މެދުވެރިކޮށް އެ ދެ ކުންފުނި ގުޅިގެން މައިކްރޮސޮފްޓުގެ އުފެއްދުންތަކާއި ހިދުމަތްތައް މި ސަރަހައްދުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.
އޭގެތެރޭގައި މޮޑާން ވާކް ކްލައުޑާއި މޮޑާން ވާކް ސެކިއުރިޓީގެ އިތުރުން އެޕްސް އެންޑް އިންފްރާ (އަޒުއާ) އާއި މޮޑާން އެޕް ޑިވެލޮޕްމަންޓު އަދި ޑޭޓާ އެންޑް އެނަލިޓިކްސް ފަދަ މައިކްރޮސޮފްޓް ޓެކްނޮލޮޖީތައް ހިމެނެ އެވެ.

އެޗް ވަން ސްރީލަންކާއާ އެކު ދިރާގުން އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ދިރާގު
އެ ޕާޓުނަޝިޕާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު ވިދާޅުވީ އެ ޕާޓުނަޝިޕުގެ ދަށުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭނީ ދިރާގުގެ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ މާކެޓަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށާއި އެފަދަ ޕާޓުނަޝިޕެއް އެޗް ވަން ސްރީލަންކާއާ އެކު ހެދުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އެޗް ވަން ސްރީލަންކާއާ އެކު ޕާޓްނާޝިޕް ގެނައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަޅުގަނޑުމެންގެ އަމާޒަކީ މި ދެ ކުންފުނީގެ ތަޖުރިބާއާއެކު، ކަސްޓަމަރުންގެ ފުޅާވަމުން އަންނަ ބޭނުންތައް ފުއްދައިދިނުމަށް ފަސޭހަ ވަން ސްޓޮޕް ސޮލިއުޝަނެއް ފޯރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
ޑައިލޮގް އެކްސިއާޓާ ޕީއެލްސީގެ ޑިރެކްޓަރު، ގްރޫޕް ޗީފް އެގްޒެކެޓިވް އަދި އެޗް ވަންގެ ޑިރެކްޓަރު ސުޕުން ވީރަސިންހަ ވިދާޅުވީ މައިކްރޮސޮފްޓް ޓެކްނޮލޮޖީގެ ތަޖުރިބާއާ ދިރާގުގެ ވަރުގަދަ ލޯކަލް ޕްރެޒެންސާއި ކަސްޓަމަރުންނާ އޮންނަ ގުޅުމާއެކު އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެ ޕާޓުނަޝިޕުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ވިޔަފާރީގެ ގޮންޖެހުންތަކަށް މައިކްރޮސޮފްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ސީދާ ހައްލުތަކެއް ފޯރުކޮށްދެވޭނެ ކަމަށް އެޗް ވަން އިން ބުނެ އެވެ. އެކަމުގައި ދިރާގުގެ މާކެޓް ރީޗާއި ވަރުގަދަ ކަސްޓަމާ އެންގޭޖްމަންޓުގެ އިތުރުން ކޮމްޕްލިމެންޓަރީ އައިސީޓީ އެހީއަކަށް ވާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ހަމައެކަނި ދިވެހި ކުންފުނި، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އިތުރު ހައްލުތަކެއް ހޯދައިދިނުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޑިޖިޓަލް ތަޖުރިބާ އިތުރުކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.










