މިލާން (މާޗް 11) - އިޓާލިއަން ލީގުން ރެލިގޭޝަނުގެ ބިރާ ކުރިމަތިލާން ޖެހިފައި އޮތް ސްޕެޒިއާ އިން 2-1 އިން، ލީގުގެ ދެ ވަނައިގައި އޮތް އިންޓަ މިލާން ބަލިކޮށްފި އެވެ.
ސްޕެޒިއާ ދަނޑުގައި ރޭ ކުޅުނު މެޗުން އިންޓަ ބަލިވުމާ އެކު، ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރަން ނަޕޯލީ އަށް އަނެއްކާ ވެސް ފުރުސަތު ފަހިވީ އެވެ. ނަޕޯލީ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 25 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް ވަނީ 26 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.
ސްޕެޒިއާ ދަނޑުގައި އިންޓަ އަށް ލީޑުނަގައިދޭން މެޗުގެ 14 ވަނަ މިނިޓްގައި ލަޓާރޯ މާޓީނޭޒް ޕެނަލްޓީ އަކުން ފޮނުވާލި ބޯޅަ ސްޕެޒިއާ ކީޕަރު، ބާޓްލޮމިއޭ ޑްރަގޯސްކީ ވަނީ މަތަކޮށްފަ އެވެ. މިއީ އިންޓަގެ ޑަނީލޯ ޑިއަމްބްރޯސިއާ އަށް އޭރިއާތެރެއިން ސްޕެޒިއާގެ މަޓީއަ ކަލްޑާރާ ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މެޗުގެ 41 ވަނަ މިނިޓްގައި މާޓީނޭޒް، އަމިއްލަ ހާފުގެ ތެރެއިން ހިފައިގެން އައި ބޯޅައެއް ގޯލަށް ފޮނުވާލުމުން، މި ފަހަރު ވެސް ކީޕަރު ޑްރަގޯސްކީ ވަނީ މަތަކޮށްފަ އެވެ. މާޓީނޭޒް ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މިނިޓެއް ތެރޭ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީއޭއާރް އިން ނިންމީ އޮފްސައިޑް ކަމަށެވެ.
އިންޓަ ސިއްސުވާލުމަށް ފަހު، ސްޕެޒިއާ އިން ލީޑުނެގީ 54 ވަނަ މިނިޓްގައި ޑަނިއަލް މަލްޑީނީ ޖެހި ގޯލުންނެވެ. ލެޖެންޑަރީ ޑިފެންޑަރު، ޕައޮލޯ މަލްޑީނީގެ ދަރިފުޅު، ޑަނިއަލް މަލްޑީނީ އޭރިއާތެރެއިން ތިިރިތިރިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
ނަތީޖާ ހަމަހަމަކުރަން އިންޓަ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 82 ވަނަ މިނިޓްގަ އެވެ. މިއީ ޕެނަލްޓީ އަކުން ރޮމެލޫ ލުކާކޫ ޖެހި ގޯލެކެވެ. މިއީ، އިންޓަގެ ފުލްބެކް، ޑެންޒެލް ޑަމްފްރީސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އޭގެ ހަތަރު މިނިޓް ފަހުން، ޑަމްފްރީސް ކުރި ފައުލަކަށް ސްޕެޒިއާ އަށް ޕެނަލްޓީ އެއް ދިނެވެ. އެ ޕެނަލްޓީ ގޯލަށް ވައްދާލައި، އެމްބާލާ އެންޒޮލާ ވަނީ ސްޕެޒިއާ މޮޅުކޮށްދީފަ އެވެ.
އިންޓަ ބަލިވުމާ އެކު، ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީން މިރޭ އެޓަލަންޓާ ބަލިކޮށް ލީގުގެ އެއް ވަނައިގައި 18 ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.












