ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން 16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމެއް އެކުލަވާލަން މާލެ އާއި ފުވައްމުލަކުގައި ޓްރަޔަލްއެއް ބޭއްވުމަށް ނިންމައިފި އެވެ.
މިއީ އަންނަ މެއި މަހު، އޭޝިއަން ކްރިކެޓް ކައުންސިލުން ބާއްވާ 16 އަހަރުން ދަށުގެ ޗެލެންޖާސް ކަޕަށް ސްކޮޑެއް އެކުލަވާލުމުގެ ގޮތުން ބާއްވާ ޓްރަޔަލް އެކެވެ.
އެ ގޮތުން، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މިހާރު ނިންމާފައިވަނީ މި މަހު 12 ވަނަ ދުވަހު ހަވީރު، 5-6 އަށް މާލޭ އެކުވެނި ކްރިކެޓް ދަނޑާއި ފުވައްމުލަކު ކްރިކެޓް ދަނޑުގައި ޓްރަޔަލްތައް ކުރިއަށް ގެންދިއުމަށެވެ.

ޓްރަޔަލްތަކުގައި ބައިވެރިވުމުގެ ގޮތުން ސީބީއެމް އިން ވަނީ ހޮޓްލައިނެއް ވެސް ކަނޑައަޅައިފަ އެވެ. އެ ގޮތުން، ފުވައްމުލަކުން ޓްރަޔަލްގައި ބައިވެރިވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ގުޅަންޖެހޭ ނަމްބަރަކީ 9648183 އެވެ.
އަދި މާލޭން ޓްރަޔަލްގައި ބައިވެރިވާން ޝައުގުވެރިވާ ކުދިންގެ ކަންކަން ހަމަޖެއްސުމަށްޓަކައި ގުޅަން ޖެހޭ ނަމްބަރަކީ 7774761 އެވެ.
"ހިތާއި ރޫހުން ކުޅޭށެ ކްރިކެޓް"ގެ ނަމުގައި މިހާރު އޮތް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ލީޑަޝިޕުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކްރިކެޓްގެ ކަންކަން ފުޅާކުރަން މަސައްކަތް ކުރަމުންނެވެ.
އެ ގޮތުން, މި ފަހަރު ގައުމީ 16 އަހަރުން ދަށުގެ ޓީމު ނަގަން ބާއްވާ ޓްރަަޔަލްސްގެ އެއް ބައި ކުރިއަށްދާ ފުވައްމުލަކީ ނިސްބަތުން ބަލާއިރު، އަހަރެއްގެ މައްޗަށް ކްރިކެޓްގެ ގިނަ ހަރަކާތްތައް ހިނގާ ތަނެކެވެ.












