އެހެން ރަށްތަކެކޭ އެއް ގޮތަށް ފުވައްމުލަކުގެ ޝަކުވާއަކީ ވެސް ރަށަށް ދިރުން ލިބޭ ކަންކަން މަދުވުމެވެ. ހާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަމުގައި އެ އިހުސާސް ބޮޑުވި އެވެ. އެހެންވެ، އިންތިހާބުކުރި އާ ކައުންސިލްގެ މޭޔަރުގެ މައިގަނޑު ވައުދަކަށް އޮތީ، 12,000 މީހުންގެ އާބާދީއެއް އޮތް ފުވައްމަލަކުގެ އިގުތިސޯދަށް ދިރުން ގެނެސް ރަށުގެ ހާލަތު ބަދަލުކުރުމެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަން އޭރު ދެއްކި ވާހަކަތައް، އޭރު ހުރި ވިސްނުން، ތަސައްވަރު، ވިޝަން އަދިވެސް ހަމަ ބަދަލު ނުވޭ. އެއީ ޕްރެކްޓިކަލީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތައް," "އަދަދު" ނޫހަށް އިންޓަވިއު ދެއްވަމުން ފުވައްމުލަކުގެ މޭޔަރު އިސްލާއީލް ރަފީގު ވިދާޅުވި އެވެ.
ގުދުރަތީ ރީތި މާހައުލެއް ލިބިފައިވާ ފުވައްމުލައް ތަރައްގީ ކުރުމުގައި ކަމަކަށް ކަމެއް ކުރެއްވުމުގެ ބަދަލުގައި އިސްމާއީލް ބޭނުން ވަނީ އަމާޒަކާއި ދިގު މުއްދަތުގެ ރޭވުމެއްގެ މައްޗަށް ތަސްވީރު ކުރައްސާލެއްވުމަށެވެ. ތިމާވެއްޓާ ރައްޓެހި، ފެހި ސިޓީއެއް ގޮތުގައި އަދި ސާފު، ރީތި ސިޓީއެއް ގޮތުގައި ފުވައްމުލަކު ތަރައްގީ ކުރެއްވުމަށް އޭނާ ބޭނުންވެ އެވެ.
މަގާމުގައި އަހަރަކާއި 10 މަސް ދުވަސް ވީއިރު، ކަނޑައެޅި އެ ތަސައްވަރަށް ބަދަލެއް ނައި ނަމަވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. ބަޖެޓުގެ ތާށިކަމާއި ކައުންސިލުގައި ވެސް ފަންނީ މީހުން މަދުވުމާއި ތަޖުރިބާކާރުން ލިބުމުގެ ދަތިކަން އެއީ މަސައްކަތް ކުރުމަށް އުނދަގޫވާ ބައެއް ސަބަބުތަކެވެ. ހާއްސަކޮށް ސިވިލް އިންޖީނިއަރިން، އާކިޓެކްޗާ، އާބަން ޕްލޭނިން ފަދަ ޓެކްނިކަލް ދާއިރާތަކުން ބޭނުންވާ ކަންކަން ކުރުމުގައި ގޮންޖެހުން އިސްމާއީލްއަށް ކުރިމަތިވެ އެވެ.
އެފަދަ ފަންނީ ދާއިރާތަކުން ބޭނުންވާ ކޮންސަލްޓެންސީ ނުލިބެނީ އެ ދާއިރާތަކުގެ މީހުންނަށް އާމްދަނީ ހޯދުމުގެ ގިނަ މަސައްކަތްތައް މާލޭގައި ފަހިވެފައި އޮތުމުންނެވެ. އެހެންވެ، ފުވައްމުލައް ސިޓީ ކައުންސިލުން މިހާރު މަސައްކަތްކުރަނީ ކޮންސަލްޓެންސީގެ މަސައްކަތް އައުޓްސޯސްކޮށްގެން ކުރިއަށް ގެންދިއުމަށެވެ.
"ބޮޑަށް ބަލަނީ ޕްލޭން ކޮށްގެން ތަރައްގީ ކުރެވޭ ސިޓީއަކަށް ހެދުމަށް. އެކަމުގައި ވަރަށް މުހިންމު ރަށުގެ މާސްޓާ ޕްލޭނާއި އާބަން ޕްލޭނެއް އޮތުން. އެކަމުގައި މިހާރުވެސް އަޅުގަނޑުމެން މިދަނީ އެޗްޑީސީއާއެކު ވާހަކަ ދައްކަމުން،" އިސްމާއީލް ވިދާޅުވި އެވެ.
އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިހާރު ވެސް ރަށުގެ ބަނދަރު ސަރަހައްދު ތަރައްގީ ކުރުމުގެ ޕްލޭނެއް ދަނީ އެކުލަވާލަމުންނެވެ. ބަނދަރު ސަރަހައްދުގެ ޕްލޭން ނިމިގެންދާނީ ތަފްސީލީ ކުރެހުންތަކާއެކު އެވެ.

ފުވައްމުލައް ސިޓީގެ މަގެއްގައި އެމްޓީސީސީގެ ބަހެއް މަޑުކޮށްލައިގެން -- ފޮޓޯ: މިރާޝް ނިޝާމް/ އަދަދު
މެއި، 2021 ގައި އާ ކައުންސިލް ހަވާލުވިއިރު، ކައުންސިލުން ޕްލޭންކޮށްގެން އައި އެހެން ކަންކަމުގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ފަސޭހަ ގޮތްތައް ހޯދައި ދިނުމާއި ރަށުގެ އިގްތިސޯދު ކުރިއެރުވުމަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ކައުންސިލަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބެލުން ހިމެނެ އެވެ. އަދި ކައުންސިލުގެ އުފެއްދުންތެރިކަމާއި ހިންގުން ހަރުދަނާ ކުރުން ހިމެނެ އެވެ.
އޭގެ އިތުރުން، ރަށުގެ މަސްވެރިންނަށް ބޭނުންވާ އައިސް ސްޓޯރޭޖް ގާއިމު ކުރުމަކީ ވެސް އާ ކައުންސިލުން ބޭނުންވި ކަމެކެވެ. ބާނާ މަސްކޮޅު ވިއްކާލެވެނީ ބޯޓު ބަނދަރުގައި އޮތް ނަމަ އެވެ. ނަމަވެސް އައިސް ސްޓޯރޭޖް ހެދުމުން ކޮންމެ ދުވަހަކުވެސް މަސްވެރިން ބާނާ މަސް ރަށުގައި ކިރާލެވޭނެ އެވެ. އެއީ މަސްވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް މޭޔަރު އިސްމާއީލް ދެކެވަޑައިގަންނަވަ އެވެ.
ދެން އޮތީ ދަނޑުވެރިކަމެވެ. ނެޝަނަލް އެގްރިކަލްޗާ ލެބޯޓްރީ އާއި ނާސަރީ މިރަށުގައި ގާއިމުކުރަން ނިންމާފައިވާއިރު، ރަށުގެ ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ކައުންސިލުން މަސައްކަތް އެބަ ކުރެ އެވެ.
ދަނޑުވެރިންގެ ހުރިހާ ކަންބޮޑުވުމެއް ހެން ގުޅިފައިވާ ދަނޑުބިން ކެނޑުމުގެ މަސައްކަތް މި ރޯދަ މަހަށް ފަހު ހައްލު ކުރަން އޮތީ ރާވައިފަ އެވެ.
ފުވައްމުލަކުގެ ފަތުރުވެރިކަމަށް ބަލާއިރު، އެކަމުގައި ވެސް ކައުންސިލުން ދަނީ ދައުރެއް އަދާކުރަމުންނެވެ. ފަތުރުވެރިންނަށް ވިއްކޭނެ އެތައް ކަމެއް ފުވައްމުލަކާއި ފުވައްމަލުކު ވަށައިގެން ހުރިއިރު، މިހާތަނަށް ކައުންސިލް އިސްވެ އެފަދަ މަސައްކަތް ނުކުރެ އެވެ. ނަމަވެސް އައިޓީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މޭޔަރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ފުވައްމަލު އިސްތިހާރުކުރުން އެހެން ލެވެލަކަށް ގެންދިޔުމަށެވެ. އެގޮތުން "ވިޒިޓް ފުވައްމުލައް" ވެބްސައިޓް ފަރުމާ ކުރަމުން ދާއިރު، ރާއްޖެއިން ބޭރުގައި އޮންނަ ފެއާތަކަށް ބައިވެރިވުމަށް ވެސް ވަނީ ރާވައިފަ އެވެ.
ފުވައްމުލަކާއި ފުވައްމަލުގެ ކަނޑުގެ މާހައުލު ރަނގަޅަށް އިސްތިހާރު ކުރެވި، ޓޫރިސްޓުންނަށް ފަސޭހައިން އާދެވޭނެ އިންތިޒާމުތަކެއް ހަމަޖެހިއްޖެ ނަމަ މި ރަށަކީ ދާދި އަވަހަށް ކުރިއަރައިގެންދާނެ މަންޒިލެކެވެ. މިހާރު ވެސް މިރަށަށް އަންނަ ޓޫރިސްޓުންގެ އަދަދާއި ހުޅުވާ ގެސްޓު ހައުސްގެ އަދަދު ދަނީ އިތުރުވަމުންނެވެ. ރަށުގެ ވަށައިގެން ސަފާރީތައް ނެތް ދުވަސްވަރެއް ނުދެ އެވެ.
ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކޮމިއުނިޓީ އާއި ސްޓޭކް ހޯލްޑަރުންނާ ގުޅިގެން ކައުންސިލުން ކުރެވެން ހުރި ކަންތައް ކުރަމުން ދާއިރު، މިއަހަރު ފަތުރުވެރިކަމާ ގުޅޭ ގޮތުން ހުރި ޕްލޭންތަކަށް އަމަލީ ސިފަ ގެންނާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމާ ދިމާކޮށް، ފުވައްމުލަކުގައި ޑައިވިންއަށް ފައިބާ މީހުން އަތުން ޑައިވް ފީއެއް ނެގުމުގެ ވިސްނުމެއް ވެސް ކައުންސިލުން ގެންގުޅުއްވަ އެވެ.
މޭޔަރުގެ ލިސްޓުގައި، ކައުންސިލުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ހިމެނެ އެވެ. އެގޮތުން އާ މުވައްޒަފުން ނެގުމާއި މުވައްޒަފުން ތަމްރީނުކުރުމާއި ހިދުމަތް އޮންލައިންކުރުން ހިމެނެ އެވެ.
"މި މަސް ތެރޭގައި [އޮންލައިންކޮށް] ހިދުމަތްދޭ ޕޯޓަލް ލޯންޗުވެގެންދާނެ. އެއާއެކު ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެ. އޮފީހަށް ނައިސް، ގޭގައި ތިބެގެން ކައުންސިލުގެ ހިދުމަތްތަކަށް އެޕްލައި ކުރެވޭނެ،"ރާއްޖޭގައި އެންމެ މަގުބޫލް އޮންލައިން ވިޔަފާރި ޕޯޓަލް، އައިބޭގެ ފައުންޑަރު އިސްމާއީލް ވިދާޅުވި އެވެ.
ހަމައެއާއެކު ޝަކުވާ ހުށަހަޅާ ޕޯޓަލެއްގެ މަސައްކަތް އެބަ ކުރެ އެވެ. ކައުންސިލުގެ އާ ފްރަންޓް އޮފީހަކާއި ކޯލް ސެންޓަރެއް ވެސް ހުޅުވާނެ އެވެ. ކައުންސިލްގެ ހާމަކަން ބޮޑުކުރުމާއި ރައްޔިތުންނަށް ކަންކަން އެނގުމުގެ މުހިންމު ކަމަކީ ވެސް އިސްމާއީލް އިސްކަން ދެއްވާ ކަމެކެވެ. އެހެންވެ، ކައުންސިލުން ކުރި ކަންކަން ރައްޔިތުންނަށް ބުނެދިނުމަށާއި ކައުންސިލް ޖަވާބުދާރީ ކުރުވުމުގެ ބޭނުމުގައި މަހަކު އެއްފަހަރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ރާވައިފަ އެވެ.
އާ ކައުންސިލުން އެންމެ ބޮޑަށް ވަކާލާތުކުރި އެއް ކަމަކީ ރަށުގައި ތިބެގެން ވަޒީފާ ހޯދޭނެ ގޮތެއް ހަމަޖައްސައިދިނުމެވެ. އެއީ މާލެ ސަރަހައްދަށް ޖަމާވުން ކޮންޓްރޯލްކޮށް، ލާމަރުކަޒު ކުރުމާއެކު ރަށުގެ އިގްތިސޯދު ކުރިއެރުވުމަށް ވެސް މުހިންމު ކަމެކެވެ. އެގޮތުން، މޭޔަރު ވިދާޅުވީ ރަށުގައި ވަޒީފާގެ ފުރުސަތު އިތުރު ކުރުމުގެ ގޮތުން ކުންފުނިތަކަށް ފުވައްމުލަކަށް އާދެވޭނެ މަގު ފަހިކޮށްދެމުންދާ ކަމަށެވެ.
މިހާރުވެސް ފުވައްމުލަކުގައި ދަނީ ހަތަރު ކޯލްސެންޓަރު ހިންގަމުންނެވެ. އޭގެ ތެރޭގައި މޯލްޑިވިއަން، އެޗްޑީސީ، ޓްރޭޑްނެޓް އަދި އެންސީއައިޓީ ހިމެނެ އެވެ.
"ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކައުންސިލުން ކުރާ މަސައްކަތުގައި ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ. އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން. ދޮޅު އަހަރުތެރޭ ރައްޔިތުންގެ އެކްސްޕެކްޓޭޝަން ވަރަށް ހައި، އެވަރަށް ނަތީޖާ ނުފެނުނަސް ކުރިއަށް އޮތްތަނުގައި އެ ނަތީޖާ ފެނިގެންދާނެ،" މޭޔަރު އިސްމާއީލް ވިދާޅުވި އެވެ.
އޭނާ ދެއްވި ޔަގީން ކަމަކީ މިއެވެ؛ "ދައުރު ނިމެންވާއިރަށް އަޅުގަނޑުމެން ވައުދުވި ގިނަ ކަންތައް ކޮށްފައި ރަައްޔިތުންނަށް ފެނިގެންދާނެ."












