ބޮލީވުޑްގެ އެކްޓަރު އަރްޝަދު ވަރްސީ އާއި އިތުރު ބަޔަކު އިންޑިއާގެ ސްޓޮކް މާކެޓުގައި ބައިވެރިވުން މަނާކޮށްފި އެވެ.
މާކެޓް ރެގިއުލޭޓް ކުރާ އިދާރާއިން ބުނީ އެގޮތަށް ނިންމީ ހިއްސާގެ އަގުތަކަށް ނުރަނގަޅު ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ތަހުގީގު ކުރުމަށް ފަހު ކަމަށެވެ.
އެ އިދާރާއިން ބުނީ ހަތަރު ޔޫޓިއުބް ޗެނަލެއްގައި ހުރި ވީޑިއޯ ބޭނުންކޮށްގެން ބައެއް ހިއްސާގެ އަގު މަތިކޮށްފައިވާ ކަމަށެވެ.
އެކްޓަރު އަރްޝަދް ވަރްސީ އާއި އޭނާގެ އަންހެނުން ތުހުމަތުތައް ދޮގުކުރެ އެވެ.
ސެކިއުރިޓީޒް އެކްސްޗޭންޖް ބޯޑް އޮފް އިންޑިއާއިން ބުނީ އިންފްލުއެންސަރު މަނީޝް މިޝްރާގެ "ދަ އެޑްވަައިޒާ" އަދި އަދި "މަނީވައިޒް" ޔޫޓިއުބް ޗެނަލުން ސެލެބްރިޓީން ބޭނުންކޮށް ދެ ކުންފުންޏެއްގެ ހިއްސާ ރީޓެއިލް އިންވެސްޓަރުންގެ މެދުގައި މަގްބޫލް ކުރި ކަމަށެވެ.

އޭގެ އިތުރުން "މިޑްކެޕް ކޯލްސް" އަދި ޕްރޮފިޓް ޔަތްރާ" ޗެނަލުން ވެސް ވީޑިއޯތައް އާއްމުކުރި އެވެ. ވީޑިއޯތަކުގައި "ޝާޕްލައިން ބްރޯޑްކާސްޓް" އަދި "ސަދްނާ ބްރޯޑްކާސްޓް" ގެ ހިއްސާގެ އަގުތައް މަގްބޫލު ކުރީ ދޮގު މައުލޫމާތު ހިމަނައިގެންނެވެ.
އެތައް މިލިއަން ބަޔަަކު އެ ޗެނަލްތައް ފޮލޯކުރި އެވެ. ހިއްސާގެ އަގު "މެނިޕިޔުލޭޓް" ކުރި ފަރާތްތަކުން ވަނީ ހިއްސާގެ އަގު އުފުލުމާ އެކު އެ މީހުންގެ ހިއްސާތައް ވިއްކާލައި ބޮޑު ފައިދާއެއް ހޯދައިފަ އެވެ.
ބެލެވޭ ގޮތުގައި ހިއްސާގެ އަގުތައް "މެނިޕިޔުލޭޓްކޮށްގެން" ނާޖައިޒް ގޮތުގައި ހޯދި ފައިދާގެ އަގު 6.5 މިލިއަން ޑޮލަރަަށް އަރަ އެވެ. ތުހުމަތު ކުރެވޭ ގޮތުގައި ވަރްސީއަށް 2.9 މިލިއަން ރުޕީޒްގެ ފައިދާއެއް އަދި އޭނާގެ އަންހެނުން މާރިއާ ގޮރެއްޓީއަށް 3.7 މިލިއަން ރުޕީޒްގެ ފައިދާއެއް ލިބުނެވެ.










