ޓީ-ޖެޓީ އާއި ނޯތު ހާބަރުން ދޭ ހިދުމަތްތަކުގެ އަގަށް ގެނައި ބަދަލާއެކު، ހިދުމަތް ދިނުމުގައި ލަސްނުވާނެ ފަދަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން އަގަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރަން އެމްޕީއެލުން ނިންމައިފި އެވެ.
އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ވަނީ ޓީޖެޓީގެ ބައެއް ޓެރިފްތަކަށް އިއްޔެ އިން ފެށިގެން ބަދަލު ގެނައުމަށް ކުރިން ނިންމާފައިވީ ނަމަވެސް، އެ ބަދަލާ ގުޅިގެން ހިދުމަތްތައް ލަސްނުވާނެ ފަދަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން، އާ ޓެރިފަށް އަމަލުކުރުން މިއަދުން ފެށިގެން މަޑުޖައްސާލާފައިވާ ކަމަށެވެ.
މިއަދުން ފެށިގެން އެ ބަނދަރުން އަގު ނަގާނީ ކުރިން ވެސް އަމަލުކުރަމުން އައި އުސޫލުގެ މަތިން ކަމަށް އެ އެމްޕީއެލް އިން ބުންޏެވެ. ޓީޖެޓީ އަށް ވަންނަ ވެހިކަލްތަކުން ކުރިން ދުވާލަކަށް ނަގަނީ 10ރ. އެވެ. އެކަމަކު އިއްޔެ އިން ފެށިގެން ބަނދަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރަކަށް 5ރ. ނަގަން ނިންމި އެވެ.
ރޯދަ މަސް އަންނަން އެއް މަސް ދުވަހަށްވުރެ ކުޑަތަންވެފައިވާއިރު ޓީ-ޖެޓީ އާއި ނޯތު ހާބަރުގެ ޓްރެފިކް މި ދުވަސްކޮޅު ވަރަށް ބޮޑެވެ. ރޯދައަށް ހާއްސަކޮށް ގެންނަ މުދާ ކޮންމެ އަހަރަކު ވެސް އިތުރުވާއިރު އެންމެ ގިނައިން މުދާ ބާލަނީ މާލޭ ބަނދަރަށެވެ. ރަށްރަށަށް މުދާ ގެންދަނީ ޓީ-ޖެޓީ އާއި ނޯތު ހާބަރުންނެވެ.











