ތައިލެންޑްގައި މިހާރު ކުރިއަށްދާ އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ރާއްޖެ ކުޅުނު ގްރޫޕްގެ ފަހު މެޗުން ބޫޓާން އަތުން ހަތަރު ވިކެޓުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
ރާއްޖެ އަށް ގްރޫޕް ސްޓޭޖުން މުބާރާތް ނިމުނީ ގްރޫޕްގެ ހަތަރު ވަނަ ލިބުމުންނެވެ. މި ގްރޫޕުން އެއް ވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް ފުރިހަމަ މޮޅެއް ހޯދި ބަހްރޭން އެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރުކުރީ ބޫޓާން އެވެ. އެއީ ބޫޓާނާއި އިރާން އަދި ރާއްޖެ ތިން ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ނެޓް ރަން ރޭޓަށް ބަލާއިރު، ބޫޓާނަށް ކުރި ލިބޭތީ އެވެ.
ލިމިޓެޑް އޯވަރަށް ކުޅޭ ޗެލެންޖާސް ކަޕްގެ މި ފަހަރުގެ މުބާރާތް ރާއްޖޭން ފެށީ އިރާން އަތުން 27 ލަނޑުން މޮޅުވެގެންނެވެ. އެކަމަކު، ރާއްޖެ އަށް މައްސަލަ ދިމާވީ ދެ ވަނަ މެޗުގައި 292 ލަނޑުން ބަހްރޭން އަތްދަށުވެ، ފޯމަށް އަސަރުކުރުމުންނެވެ.

އޭސީސީ ޗެލެންޖާސް މުބާރާތުގައި ވާދަކުރާ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.---
ތައިލެންޑްގެ އޭއައިޓީގައި މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ބޫޓާން ނިންމީ ހޮވާށެވެ. އެ ގޮތުން، ރާއްޖޭން ކުޅެން އަރައި، 42.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 105 ލަނޑެވެ. މި މެޗުގައި ވެސް ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޓީމުގެ ކެޕްޓަން އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ. އާދަޅޭ ވަނީ ފުރަތަމަ މެޗުގައި ރާއްޖޭން އިރާން ބަލިކުރިއިރު، ހާފް ސެންޗަރީ ހަދައި މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހޯދައިފަ އެވެ. ބޫޓާން ކޮޅަށް އާދަޅޭ ވަނީ 23 ލަނޑު ހަދައިފަ އެވެ. ރާއްޖޭން ދެން އެންމެ ސްކޯރިން ރަނގަޅީ، 20 ލަނޑު އެއްކުރި އިބްރާހިމް ނަޝާތު އެެވެ.
ޖަވާބުގައި ބޫޓާނުން ކުޅެން އަރައި 28.1 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 106 ލަނޑު ހަދައި މެޗުން މޮޅުވި އެވެ ބޫޓާނުގެ ކެޕްޓަން، ޖިގްމޭ ސިންގްޔޭ އެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިންއިރު، 24 ލަނޑު އެއްކުރި އެވެ. ރާއްޖެ އަށް މި އިނިންސްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ހަތަރު ވިކެޓް ނެގި ލީމް ޝަފީގު އެވެ. ރާއްޖެ އަށް އަނެއް ދެ ވިކެޓް ނަގައިިދިނީ ހަސަން އިބްރާހިމް އާއި ޝުނާން އަލީ އެވެ.
އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމެއް އޭޝިއަން ކަޕް ކޮލިފައިންގެ ދެ ވަނަ މަރުހަލާ ކަމަށްވާ އޭސީސީ ޕްރިމިއާ ކަޕަށް ދާނެ އެވެ. ސެމީ އަށް ވެސް ނުގޮސް ޗެލެންޖާސް ބައިން ރާއްޖެ ކެޓުމާ އެކު، މިއީ ގެއްލިގެންދިޔަ ރަނގަޅު ފުރުސަތެކެވެ.












