ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޓަވަރުތައް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ އޯޕަން އެކްސެސް ނެޓްވޯކްއާ ގުޅާލައިފި އެވެ.
އެޗްޑީސީ އިން ބުނީ އެމްޑަބްލިއުއެސްސީގެ އެޕާޓްމަންޓްތަކުގެ ވެރި ފަރާތްތަކާއި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން އިމާރާތައް ކަނެކްޝަން އަޅައި، ފެބްރުއަރީ 15 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިންޓަނެޓް އަދި ޓީވީގެ ހިދުމަތް ލިބޭނޭ ނިޒާމް ގާއިމްކުރެވިފައި ކަމަށެވެ.
އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތް ބަދަލުކޮށްލަން ބޭނުންވި ކަމުގައި ވިޔަސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަންވުމަށް މަގުފަހިވެގެން ދާނެ ކަމަށާއި އަދި ހިދުމަތް މެދުކެނޑުމަށް ދިމާވާ މައްސަލަތައް މަދު ކުރެވިފައިވާނެ ކަމަށް ވެސް އެޗްޑީސީއިން ބުނެ އެވެ.
އޯޕަން އެކްސެސް ނެޓްވޯކްގެ އަޕްޓައިމް ވޭތުވެދިޔަ އަހަރު ތެރޭގައި 100 ޕަސެންޓުގައި ހުރި ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެއީ ކުރިއާލާ ރާވައިގެން ކުރިއަށްގެންދެވޭ މެއިންޓެނަންސް އަދި އަޕްގްރޭޑިންގްގެ މަސައްކަތަކަށް ނޫން ގޮތަކަށް ނެޓްވޯކް ހިދުމަތް މެދުނުކެނޑުމެވެ.
އެޗްޑީސީ އިން ބުނީ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ 7000 ހިޔާ ފްލެޓާއި ސްޓެލްކޯގެ ބްލޫ ރިޖާއި އެމްއޭސީއެލްގެ ހިޔާ ފްލެޓަށް ރައްޔިތުން ބަދަލުވިއިރު އެ ކުންފުނީގެ ސްމާޓްކޮމް ޓީމުން އެއިން ކޮންމެ އިމާރާތެއްގެ ހުރިހާ ފްލެޓްތައް އޯޕަން އެކްސެސް ނެޓްވޯކްއާ ގުޅާލައި، އޯއެންޓީ ޑިވައިސް ހަރުކޮށް ހިދުމަތްތައް ދިނުމަށް ތައްޔާރުކޮށްފައިވާ ކަމަށެވެެ.










