މާދަމާ ހުޅުވުމަށް ތައްޔާރުވެފައިވާ އެމްޑަބްލިއުއެސްސީގެ 'މަލަސް' ރެސިޑެންސް، އެޗްޑީސީގެ އޯޕަން އެކްސެސް ނެޓުވޯކާ ގުޅާލައި ހިދުމަތްދޭ ފަރާތްތަކަށް ވަގުތުން ހިދުމަތް ދެވޭނެ މިންވަރަށް ތައްޔާރު ކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އޯޕަން އެކްސެސް ނެޓްވޯކަކީ ފޭސް ދޭއްގައި ތަރައްގީކުރާ ކޮންމެ އިމާރާތަކީ ވެސް އެތަނެއްގައި މީހުން ދިރިއުޅެން ފަށާއިރު، ސީދާ އެޕާޓުމަންޓާ ހަމައަށް ފައިބަރު ނެޓުވޯކު އަޅާފައި ބެހެއްޓުމަށްޓަކައި އެޗްޑީސީން ތައްޔާރުކޮށްފައިވާ ނެޓުވޯކެކެވެ.
އެ ނެޓްވޯކުން ގުޅާލައިފައިވާ އިމާރާތަކަށް ބަދަލުވުމަށްފަހު ކޭބަލް ޓީވީ ނުވަތަ އިންޓަނެޓުގެ ހިދުމަތަށް އެދޭތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހިދުމަތް ލިބޭނެ އެވެ.
އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ މަލަސް ރެޒިޑެންސުން ފްލެޓު ލިބޭ މީހުންނަށް ތަޅުދަނޑި ހަވާލު ކުރުމުގެ ކުރިން، މި މަހުގެ 15 ވަނަ ދުވަހު ޓީވީ އަދި އިންޓަނެޓުގެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސާފައި ވާނެ ކަމަށެވެ.
ފޭސްދޭއްގައި އެޅި ހިޔާ ފުލެޓުތަކާއި ސްޓެލްކޯގެ ބްލޫ ރިޖާއި އެމްއޭސީއެލްގެ ހިޔާ ފުލެޓުތަކަށް މީހުން ބަދަލުވީއިރު ވެސް އެޗްޑީސީގެ ސްމާޓުކޮމް ޓީމުން ވަނީ އެއިން ކޮންމެ އިމާރާތެއް ވެސް އޯޕަން އެކްސެސް ނެޓުވޯކާ ގުޅާލައި އެޕާޓުމަންޓުތަކުގައި އޯއެންޓީ ޑިވައިސްތައް ހަރުކޮށް ހިދުމަތް ދިނުމަށް ތައްޔާރުކޮށްފަ އެވެ.
އެ ހިދުމަތުގެ ސަބަބުން ހިދުމަތް ފޯރުކޮށްދޭ ކުންފުނި ބަދަލުކޮށްލަން ބޭނުންވިޔަސް އެކަން ވެސް ވަގުތުން ކޮށްލެވޭނެ ކަމަށާއި އެ ނެޓުވޯކުގެ ސަބަބުން ހިދުމަތް މެދުކެނޑުމަށް ދިމާވާ މައްސަލަތައް ވަރަށް ބޮޑަށް މަދު ކުރެވިފައިވާ ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޯޕަން އެކްސެސް ނެޓްވޯކާ އެކު އެކި ހިދުމަތްދޭ ފަރާތްތަކުން މަގުކޮނެ ކޭބަލް އެޅުމުގެ މަސައްކަތް ހުއްޓުމަކަށް ގެނެވި، މަސައްކަތުގެ ތެރޭގައި އެހެން ކޭބަލުތަކަށް ގެއްލުން ލިބި ކަނެކްޝަންކެނޑެން ދިމާވާ ހާލަތްތައް މަދުކުރެވިފައިވާ ކަމަށެވެ.
އޭގެ ހެތްކެއްގެ ގޮތުގައި އޭނާ ދެއްކެވީ އޯޕަން އެކްސެސް ނެޓްވޯކުގެ އަޕްޓައިމް ވޭތުވެދިޔަ އަހަރު ތެރޭގައި 100 އިންސައްތައިގައި ހުރުމެވެ. މާނައަކީ ކުރިއާލައި ރާވައިގެން ކުރިއަށް ގެންދެވޭ މެއިންޓެނަންސް އަދި އަޕްގުރޭޑިންގެ މަސައްކަތަކަށް ނޫން ގޮތަކަށް މިދިޔަ އަހަރު ނެޓްވޯކުގެ ހިދުމަތް މެދުނުކެނޑިފައި ނެތުމެވެ.
ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޯޕަން އެކްސެސް ނެޓްވޯކަކީ އޭގެތެރެއިން އެންމެ މުހިންމު އެއް މަސައްކަތެވެ.









