ފުލުހުން ހިންގާ މުހިންމު އޮޕަރޭޝަންތަކުގައި ބޭނުންކުރާ ކަރަންޓު ޝޮކު ޖައްސާ ޓޭޒާ ބަޑި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ބޭނުންކުރަން ފަށައިފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޭޒާ ބަޑި ބޭނުން ކުރަން މިއަދު ފަށާފައިވާ ކަމަށާއި، އެ ބަޑި ބޭނުންކުރާނީ ސާޖެންޓު އަދި އެއަށް ވުރެ މަތީ ރޭންކުތަކުގައި އެކަމަށް ހާއްސަ ތަމްރީނު ދީފައިވާ ފުލުހުން ކަމަށެވެ.
އެ ތަމްރީނުތައް ފުރިހަމަ ނުކުރާ ފުލުހުންނަށް ޓޭޒާ ބަޑި ހަވާލު ނުކުރާނެ އެވެ. ޓޭޒާ ބަޑި ބޭނުންކުރުމަށް ފަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަންޖެހެ އެވެ.
ފުލުހުން ބުނި ގޮތުގައި ޓޭޒާ ބޭނުންކުރަން ޖެހޭ ފަދަ ހާލަތެއްގައި އެކަން ކުރާނީ ހަތަރު ފޫޓަށްވުރެ ދުރުމިނަކުންނެވެ. އެ ބަޑީގެ ރޭންޖު 25 ފޫޓާ ހަމައަށް ހުންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޓޭޒާ ކުރުމާއެކު އަމާޒުވާ މީހާގެ ހަރަކާތްތައް ފަސް ސިކުންތައް ހުއްޓާލެވޭނެ އެވެ. ފުލުހުން މީގެކުރިން ބުނީ ޓޭޒާ ބޭނުންކުރުމަށްފަހު ފަރުވާ ދޭންޖެހޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެކަން ކުރެވޭނެ ވަރަށް ފުލުހުން ތަމްރީނު ކުރެވޭނެ ކަމަށެވެ.

ފުލުހުން ބޭނުން ކުރަން ފަށާފައިވާ ޓޭޒާ ބަޑި އަކީ އެމެރިކާގައި ތައްޔާރުކޮށް، މިހާރު ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރަމުންދާ ވަސީލަތެކެވެ.
އެކްސަންގެ ޓޭޒާ 7 ބަޑި އަދި ބޮޑީ ކެމެރާ ބޭނުންކުރާ ގޮތުގެ ތަމްސީލެއް ފުލުހުން މީގެ ކުރިން ވަނީ ނޫސްވެރިންނަށް ދައްކާލާފަ އެވެ. އެގޮތުން، ޓޭޒާ ބަޑި ބޭނުންކުރަން ފަށާ ވަގުތުން ފެށިގެން ފުލުސް އޮފިސަރުގެ ނަމާއި ސާވިސް ނަމްބަރާއެކު ފުލުހުންގެ އިދާރާއަށް ލައިވް ވީޑިއޯ ފީޑު ލިބިގެންދާނެ އެވެ.












