ރިސޯޓުތަކުގެ މުވައްޒަފުން ތުނބުޅި ބާލަން މަޖުބޫރުކޮށް ހަދާފައިވާ ރިސޯޓު ޕޮލިސީ ބަދަލުކުރުމަށް އެދި ޓުއަރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
"އަދަދު" ވަހަކަ ދަށްކަމުން ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރު ވިދާޅުވީ ޕެޓިޝަން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެެވެެެެެެ. އަދި މި ޕެޓިޝަން ހުށަހަޅާފައިވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ 1،500 ފިރިހެން މުވައްޒަފުންގެ ސޮޔާ އެކު ކަމަށެވެ.
މައުރޫފް ޒާކިރު ވިދާޅުވީ ޕެޓިޝަންގައި އެދިފައިވަނީ ބޭރުގެ ހޮޓެލް ޗެއިންތަކުގައި ވެސް މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމަށް ހުއްދަދީފައިވާ މިންގަނޑާ އެއްގޮތަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ތުނބުޅި ބެހެއްޓުމަށް ހުއްދަ ދިނުމަށެވެ.
މިހާރު ވެސް މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް ދާއިރު، މިކަމަށް އެދެވޭ ހައްލެއް ލިބެންދެން ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މައުރޫފް ޒާކިރު ވިދާޅުވި އެވެ.













