ސްޕެނިޝް ފުޓުބޯޅައިގެ އެންމެ ގިނަ ދުވަސްވީ ފުޓުބޯޅަ މުބާރާތް، ސްޕެނިޝް ކޮޕަ ޑެލްރޭގެ ފޯރިގަދަ ސެމީ ފައިނަލް މެޗުތަކުގެ ދެ ލެގާއި ފައިނަލް މެޗު މިފަހަރު މީޑީއާނެޓު ކަސްޓަމަރުންނަށް ވަގުތުން އައިސް ޕްލަސް ޗެނަލް މެދުވެރިކޮށް ބަލާލުމުގެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފި އެވެ.
މި އަހަރުގެ ކޮޕަ ޑެލްރޭ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ އޮސަސޫނާ އާއި އެތުލެޓިކް ބިލްބާއޯ އާއި ބާސެލޯނާ އަދި ރިއާލް މެޑްރިޑް އެވެ. މި މެޗުތައް ޓީވީ ސްކްރީންތަކުންނާއި މީޑިއާނެޓުގެ ފޯނު އެޕްލިކޭޝަން، އެމްއެސް ޑިޖިޓަލް މެދުވެރިކޮށް ވެސް ބަލާލެވޭނެ އެވެ.
ސެމީ ފައިނަލް 1 : އޮސަސޫނާ – އެތްލެޓިކް ކްލަބް
ފުރަތަމަ ލެގު – މާޗު 2 ގައި ރާއްޖެ ގަޑިން ރޭގަނޑު 01:00
ދެވަނަ ލެގު – އޭޕްރިލް 5 ގައި ރާއްޖެ ގަޑިން ރޭގަނޑު 01:00
މި މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާ އެތްލެޓިކް ބިލްބާއޯ އަކީ ތާރީހަށް ބަލާއިރު ދެވަނައަށް މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ކްލަބުން ވަނީ 39 ފަހަރު ފައިނަލުގައި ކުޅެ 23 ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. އަނެއް ކޮޅުން ވާދަކުރާ އޮސަސޫނާ ފައިނަލަށް ދަތުރުކޮށްފައި ވަނީ 2005 ވަނަ އަހަރު އެކަންޏެވެ. އެފަހަރު އެ ޓީމުން ވަނީ މުބާރާތުގެ ރަނަރަޕުކަން ހޯދައިފަ އެވެ.
ދެ ޓީމުގެ ކުޅުންތެރިންނަށް ބަލާއިރު އެތުލެޓިކްއަކީ ސްޕެއިންއަށް ނިސްބަތްވާ މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ. އެގޮތުން، ސްޕެއިން ގައުމީ ޓީމުގެ ގޯލް ކީޕަރު އުނާއި ސިމޮން އާއި ފޯވާޑު ނީކޯ ވިލިއަމްސް އަދި ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ ފަދަ ޓީމުތަކުން ވިދާލި މިޑްފީލްޑަރު އަންޑެ ހެރޭރާ ފާހަގަކޮށްލެވެ އެވެ. މި ލިސްޓުގައި ގާނާގެ ވަރުގަދަ ވިންގަރު އިނާކީ ވިލިއަމްސްގެ ނަން ފާހަގަކޮށްލަން ޖެހެ އެވެ. އިނާކީ ފާހަގަކޮށްލެވެނީ ތިން ސީޒަނުގައި އެންމެ މިނެޓެއްވެސް ވައްޓައިނުލައި ހުރިހާ މެޗެއް ކުޅުނު ކުޅުންތެރިއަކަށް ވީމަ އެވެ.
އޮސަސޫނާ މިވަގުތު އޮތީ ސްޕެނިޝް ލީގުގެ ދިހަ ވަނައިގަ އެވެ. ގިނަ މެޗުތަކުގައި އެ ޓީމަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ކޮޕަ ޑެލްރޭ ގެ ސެމީ ފައިނަލަށް އެ ޓީމު ދަތުރުކޮށްފައި ވަނީ ވަރުގަދަ ސެވިއްޔާ ފަހަތަށް ޖައްސާލުމަށްފަހު އެވެ. ޓީމުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ކެޕްޓަން ޑޭވިޑް ގާސިއާއާއި ލޯނު އުސޫލުގެ ދަށުން ޓީމަށް ކުޅެމުން އަންނަ މުހިންމު ކުޅުންތެރިޔާ، ބާސެލޯނާގެ އަބްދޭ އަދި އާރޖެންޓީނާގެ ފޯވަޑު ޗިމީ އަވިލާ އެވެ.
ސެމީ ފައިނަލް 2 : ރިއާލް މެޑްރިޑް – ބާސެލޯނާ
ފުރަތަމަ ލެގް – މާޗު 3 ގައި ރާއްޖެ ގަޑިން ރޭގަނޑު 01:00
ދެވަނަ ލެގް – އޭޕްރިލް 6 ގައި ރާއްޖެ ގަޑިން ރޭގަނޑު 01:00
އެލް ކްލެސިކޯއަކީ އެއީ ދިވެހިންނާ ބީރައްޓެހި ނަމަކަށް ނުވާނެ އެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ދެ ޓީމު އަދި ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރާ ދެ ޓީމު ކަމުގައިވާ ބާސެލޯނާ އަދި ރިއާލް މެޑްރިޑުގެ ކުރިމަތިލުން ނުވަތަ އެލް ކްލެސިކޯ މިފަހަރު ދިމާވެފައި މިވަނީ ކޮޕަ ޑެލްރޭގެ ސެމީ ފައިނަލާ އެވެ. މި ދެޓީމު މި މެޗަށް ކުރިމަތިލާއިރު، ފާހަގަކޮށްލެވޭ އަނެއްކަމަކީ ސްޕެނިޝް ލަލީގާގައި ބާސެލޯނާ އެއްވަނައިގައި އަދި ރެއާލް މެޑްރިޑް ދެވަނައިގައި އޮވެ އެ ތަށި ހޯދުމަށް ހަނގުރާމަ ކުރަމުންދާ ކަމެވެ.
މި މެޗުގައިވެސް ޗެމްޕިއަންސް ލީގުގައި ލިވަޕޫލްއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އަދި ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ 2022 ވަނަ އަހަރު ބެލޮންޑިއޯ ކާމިޔާބު ކުރި ޕްރާންސްގެ ކަރީމް ބެންޒެމާގެ ހުނަރު ފެނިގެންދާނެ އެވެ. ކޯޗު، އެންޗެލޯޓީގެ ރޭވުންތައް ބޮޑެތި މެޗުތަކުގައި އަބަދުވެސް ފާހަގަކުރެވެނީ ތަފާތު މޮޅުކޮށެވެ. ޗެމްޕިއަންސް ލީގުގައި ފަހަތުން އަރައި ފަސް ގޯލު ޖަހައި ލިވަޕޫލް ބަލިކުރި މެޗުގައި އޭނާގެ ރޭވުންތެރިކަމުގެ މޮޅުކަން ފެނިގެންދިޔަ އެވެ.
ބާސެލޯނާގެ ހުނަރުވެރި މިޑްފީލްޑަރު، ޒުވާން ކުޅުންތެރިޔާ ޕެޑްރީ އަދި ހަލުވި ފޯވާޑު ޑެމްބެލޭ އިންޖަރީގައި ހުރުމަކީ ޓީމުގެ ކުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައުން އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހުނަރުން ފުރިގެންވާ ބާސެލޯނާ ޓީމުން އެތަން ފޫބައްދައި މޮޅު ކުޅުމެއް ދައްކާނެ ކަމީ ޝައްކެއްނެތް ކަމެކެވެ. ގޯލާ ރައްޓެހި ފޯވަޑު ލެވަންޑޯސްކީ އަދި ޒުވާން މިޑްފީލްޑަރު ގަވީގެ ބޭނުން އެންމެ ބޮޑަށް ހިފޭނެ ގޮތަކަށް ކޯޗު ޒަވީގެ ރޭވުންތެރިކަން ބައްޓަންކުރާނެކަމަށް ބެލެވެ އެވެ. މި ޓީމުގެ ވަރުގަދަކަން ސްޕެނިޝް ލަލީގާގެ ޓޭބަލް އެއް ވަނައިގައި 59 ޕޮއިންޓާއެކު އޮތުމުން އެނގިގެން ދެއެވެ.
ނަވާރަސަތޭކަ ތިންވަން އަހަރު ތައާރަފު ކުރި މި މުބާރާތަކީ ނޮކްއައުޓް އުސޫލުން ކުޅޭ، ސްޕެއިން ފުޓުބޯޅައިގެ ގަދަ ބާރުތައް ވާދަކުރާ މުބާރާތެކެވެ. ޖުމްލަ 126 ޓީމު ވާދަކުރާ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ލެގަށް ބަހާލައިގެން ގޯލުގެ ގޮތުން ކުރި ލިބޭ ދެޓީމު ފައިނަލް ކުޅޭގޮތަށެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ 31 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމުގައިވާ ބާސެލޯނާއެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ވެލެންސިއާގެ މައްޗަށް ޕެނަލްޓީން ކުރި ހޯދައިގެން ރިއާލް ބެޓިސް އެވެ.
މީޑިއާނެޓުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހިންގެ މެދުގައި މަގުބޫލު ކުޅިވަރު މުބާރާތްތައް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެގޮތުން މިހާރުވެސް ބޮޑެތި ފުޓުބޯޅަ ލީގުތަކުގެ ހުރިހާ މެޗުތަކެއްގެ އިތުރުން ކްރިކެޓު، ބެޑްމިންޓަން، ބާސްކެޓު އަދި ޓެނިސް މުބާރާތްތައް ވެސް މީޑިއާނެޓު ކަސްޓަމަރުންނަށް ޓީވީ އަދި ފޯނު މެދުވެރިކޮށް ބަލާލެވެ އެވެ.










