މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުންދިޔަ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު ފެނިފައިވަނީ އެއާޕޯޓް ޓާމިނަލް ތެރެއިން ކަމަށް ފުލުހުން ބުނެފި އެވެ.
އާސިރު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އާސިރު ފެނިފައިވާއިރު އޭނާ ހޯދުމަށް އެއާޕޯޓުގައި ހަރުކޮށްފައިވާ އެކި ކެމެރާތަކުގެ 150 ގަޑިއިރަށް ވުރެ ގިނަ ފޫޓޭޖު ބެލި އެވެ.
ގެއްލިގެން ހޯދަމުންދާތާ 12 ދުވަސް ފަހުން އާސިރު ފެނުނު ކަމަށް ފުލުހުން އެ ރޭ ބުނި ނަމަވެސް, އިތުރު މައުލޫމާތެއް ނުދެ އެވެ. އެކަމަކު, މިއަދު ފުލުހުން ބުނި ގޮތުގައި އާސިރު ފެނުނީ އެއާޕޯޓް ޓާމިނަލްގެ ތެރެއިންނެވެ.
އޭގެ އިތުރަށް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އާސިރު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދިޔައިރު އެ މުއައްސަސާއިން ބުނެފައިވަނީ އޭނާ އެންމެ ފަހުން ފެނިފައި ވަނީ ގެއްލުނު ރޭގެ 7:20 ހާއިރު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރަނިކޮށް ކަމަށެވެ.
އަދި ޓެކްސީ ގޮސް މަޑުކުރުމުން އެއާޕޯޓަށް ފައިބާ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.













