މީޑިއާނެޓުގެ ވީޑިއޯ ކުލަބަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ވީޑިއޯ ކުލްބު އެނިވާސަރީ ޕްރޮމޯ ގެ ނަމުގައި އާ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއަދުން ފެށިގެން ފަސް ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި އެއް ފަރާތް ހޮވާނެ އެވެ.
ވީޑިއޯ ކުލަބަށް ސަބްސްކުރައިބު ކޮށްގެން ބައިވެރިވެވޭ އެ ޕްރޮމޯޝަނުގައި ނަސީބުވެރިންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް އިތުރު ބައިވެރިއަކާ އެކު، މާލެ އަތޮޅުގެ ގެސްޓްހައުސްއެއްގައި ހިލޭ ހުރުމާއި، ކެއުމުގެ އިތުރުން ދެކޮޅު ޓްރާސްފާ ލިބޭނެ އެވެ.
އެ ޕްރޮމޯޝަނުގައި ބައިވެރިވެ ވީޑިއޯ ކުލަބުގެ ކޮންޓެންޓުތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް މީޑިއާނެޓުގެ ވެބްސައިޓު މެދުވެރިކޮށް ރެޖިސްޓާ ކުރެވޭނެ އެވެ.
މީޑިއާނެޓުގެ މޮބައިލް އެޕްލިކޭޝަންގެ އިތުރުން، އެމްއެސް ޓީވީ އަދި އެމްއެސް ލައިޓް ބޭނުން ކުރާ ކަސްޓަމަރުންނަށް ވީޑިއޯ ކުލަބުގެ ހިދުމަތް ލިބޭނެ އެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގައި ވީޑިއޯ ކުލަބާއި އެކު ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައިވާ ގެސްޓު ހައުސްތަކަކީ
- ކ. މާފުށި، ކްރިސްޓަލް ސޭންޑްސް
- ކ. މާފުށި، މަލަޑިވާ ބީޗް އެންޑް ސްޕާ
- ކ. މާފުށި، ކުރެދި ބީޗް އިން
- ކ. ދިއްފުށި، ރަށު ހިޔާ
- ކ. ތުލުސްދޫ، ސީޒަން ޕެރެޑައިސް
ދެހާސް އެކާވީސް ވަނަ އަހަރު އުފެދުނު ވީޑިއޯ ކުލަބުގައި މިއަދާ ހަމައަށް ދެހާހަށްވުރެ ގިނަ ގަޑިއިރުގެ ކޮންޓެންޓް ހިމެނިފައިވެ އެވެ. އޭގެތެރޭގައި އިނގިރޭސި، ތުރުކީ، ޕާކިސްތާނު، ހިންދީ، އަދި ކުޑަކުދިންނާ ގުޅޭ އެކިއެކި ފިލްމު އަދި ސީރީސްގެ އިތުރުން މީޑިއާނެޓް އޮރިޖިނަލްސްގެ ދަށުން ދިވެހި އަމިއްލަ އުފެއްދުންތައް ހިމެނެ އެވެ.
ވީޑިއޯ ކުލަބުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައިވެސް ބެލުންތެރިންނަށް ކަމުދާ ގިނަ ކޮންޓެންޓު އެ ޕްލެޓުފޯމުގައި އިތުރު ކުރުން ކަމަށް މީޑިއާނެޓުން ބުނެ އެވެ.










