ޖެނޯއާ، އިޓަލީ (ފެބްރުއަރީ 14) - އިޓާލިއަން ލީގުގައި ރޭ ސަމްޑޯރިއާ ދަނޑުގައި ކުޅުނު މެޗުން ލަނޑެއް ނުޖެހި، 0-0 އިން އެއްވަރުވެ، ލީގަށް ވާދަކުރުމުގެ ރޭހުގައި އިންޓަ މިލާނުން އިތުރު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ދެ ވަނައިގައި އޮތް އިންޓަގެ މި ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި ނަޕޯލީ އަށް ވަނީ 15 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ނަޕޯލީ އަށް 22 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އަށް 22 މެޗުން ލިިބިފައިވަނީ 44 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ އާއި ހަތަރެއްގައި އޮތް ރޯމާ އަދި ފަސް ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 22 މެޗުން 41 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި ލާޒިއޯ އޮތީ 22 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.
ސަމްޑޯރިއާ ދަނޑުގައި ކުޅުނު މި މެޗަށް އިންޓަ އިން ނުކުތީ ރޮމެލޫ ލުކާކޫ އާއި ލަޓާރޯ މާޓީނޭޒް، ފޯވާޑް ލައިނަށް ލައިގެންނެވެ. މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ލުކާކޫ އެވެ. ނިކޯލޯ ބަރޭލާ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ލުކާކޫ ޖެހި ބޯޅަ ސަމްޑޯރިއާ ކީޕަރު، އެމީލް އޮޑޭރޯ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، މާޓީނޭޒް ޖެހި ޝޮޓް ވެސް އަމާޒުވީ ކީޕަރު އޮޑޭރޯ އަތަށެވެ.
އިންޓަގެ ހަކަން ޗަނޮނޮގްލޫ، އޭރިއާބޭރުން ޖެހި ބޯޅައެއް ގޯލުގެ ދަނޑިކައިރިން ދިޔައިރު، އޭރިއާތެރެއިން މަޓެއޯ ޑާމިއަން ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. ދެ ވަނަ ހާފުގައި ވެސް އިންޓަ އިން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ގޯލެއް ޖެހޭ ގޮތެއްނުވެ، މެޗު އެއްވަރުވުމުން، މުހިންމު ޕޮއިންޓްތަކެއް ގެއްލުނީ އެވެ.
މެޗަށް ފަހު އިންޓަގެ ކޯޗު ސިމޯން އިންޒާގީ ބުނީ މި ނަތީޖާ އަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށާއި ލިބުނު ފުރުސަތުތަކަށް ބަލާއިރު، މިއީ ފަސޭހައިން ހޯދަން ޖެހޭ ތިން ޕޮއިންޓް ކަމަށެވެ. އެކަމަކު، ބޭނުންކުރަން ޖެހޭ ފުރުސަތުތައް ނަގާލެވުމުގެ ނަތީޖާ އަކަށްވީ ޓާގެޓަށް ވާސިލްވުމުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވީ ކަމަށް އިންޒާގީ ވަނީ ބުނެފަ އެވެ.












