ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ފެބްރުއަރީ 13) - ޑަލަސް އޯޕަން ފައިނަލުގައި ތަޖުރިބާކާރު ކުޅުންތެރިޔާ، ޖޯން އިސްނާ ބަލިކޮށް ވޫ ޔިބިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، އޭޓީޕީ ޓުއާގެ ތަށްޓެއް ހޯދި ޗައިނާގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފި އެވެ.
ވޫ ޔިބިން، 23، ޑަލަސް އޯޕަންގެ ފައިނަލުގައި އިސްނާ، 37، އަތުން މޮޅުވިއިރު، މެޗުގެ ސެޓުތައް ދިޔައީ 6-7, 7-6, 7-6 އިންނެވެ.
އަނިޔާގެ ސަބަބުން ވޫ ޔިބިން، ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ.
މިދިޔަ އަހަރު ވޫ ޔިބިން ކުޅުމަށް އެނބުރި އައިއިރު، އޭނާ ރޭންކް ކޮށްފައިވަނީ 1869 ވަނަ އަށެވެ. މިދިޔަ އަހަރެއްހާ ދުވަހު ދެއްކި މޮޅު ކުޅުމާ ހެދި ވޫ ޔިބިން، ޑަލަސް އޯޕަން އަށް ނުކުތްއިރު ރޭންކިންގައި އޮތީ 97 ވަނައިގަ އެވެ. ޑަލަސް އޯޕަންގެ މި ކާމިޔާބީއާ އެކު ވޫ ޔިބިން، ރޭންކިންގެ 58 ވަނަ އަށް ޖެހިލާނެ އެވެ.
"އަހަރެންގެ މި ކާމިޔާބީގެ ހާއްސަ ކަމަކީ، މިއީ އަހަރެންގެ ގައުމުގެ ތާރީހުގައި ލިޔެވިގެންދާނެ ކަމެއް. މިއީ ވަރަށް އާދަޔާހިލާފު މެޗެއް،" ތާރީހީ ކާމިޔާބަށް ފަހު، ވޫ ޔިބިން ބުންޏެވެ.
ޑަލަސް އޯޕަންގެ ކުރިން، ވޫ ޔިބިން، އޭޓީޕީ ޓުއާ ލެވަލްގައި މޮޅުވީ ހަ މެޗުންނެވެ.
މީގެ ކުރިން ދުނިޔޭގެ ރޭންކިންގެ އަށް ވަނަ އަށް ވެސް ޖެހިލި، އެމެރިކާގެ އިސްނާ ވަނީ މެޗަށް ފަހު ވޫ އަށް ތައުރީފުކޮށްފަ އެވެ.
އިސްނާ ބުނީ ވޫ ޔިބިންގެ ކިބައިގައި ޓެނިހުން ކުރިއަށްދެވޭނެ ހުނަރު އެބަހުރި ކަމަށާއި ބޭނުންވަނީ ފޯކަސް ގެއްލުވައިނުލައި ރަނގަޅަށް މަސައްކަތް ކުރުން ކަމަށެވެ.
ވީ ޔިބިން އަކީ ޖޫނިއާ ޓެނިސް ލެވަލްގައި ވެސް ކާމިޔާބު ކުޅުންތެރިއެކެވެ. އެ ގޮތުން، 2017 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ޖޫނިއާ ބައިގައި ވޫ ޔިބިން ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އަދި އެ އަަހަރުގެ ޔޫއެސް އޯޕަންގެ ޖޫނިއާ މެން ސިންގަލްސް ތަށި ހޯދީ ވޫ ޔިބިން އެވެ.












