އިންޑިއާއަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއްސަމަދު އެ ގައުމުން ޑީޕޯޓްކޮށްލި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ގާނޫނު އަސާސީން ދިވެހީންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކޮށް، ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދެއްގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން، ބައެއް ގައުމުތަކުން އެ މީހުންނާ މެދު ޒާތީ ގޮތެއްގައި ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިވެހިންގެ ރައްކާތެރިކަން ޔަގީންކުރުމަށް ފިޔަވަޅުތަކެއް ނޭޅުމަކީ ރާއްޖޭގެ ސަރަހައްދުގެ އެތެރެއާއި އެ ސަރަހައްދުން ބޭރުގައި ދިވެހިންގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ދިވެހި ދައުލަތަށް މަތިކޮށްފައިވާ ދުސްތޫރީ އަދި އަދި އަހުލާގީ ޒިންމާއަށް ހިޔާނާތްތެރިވުން ކަމަށް ދެކެން،" ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ވަނީ، މިފަދަ ކަންކަމުގައި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅު ނޭޅި ގޮސްފިނަމަ، އޭގެ ރައްދުގައި ރާއްޖޭގައި އެ ގައުމެއްގެ ރައްޔިތުންނާ މެދު ނަފުރަތު އުފެދި އޭގެ ޖަޒުބާތުގައި ހިނގައިގެން ނުވާނެ ނުރަނގަޅު ކަމެއް ހިނގައިދިއުމުގެ އިހުތިމާލެއް އެބަ އޮތް ކަމަށެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު މަޖިލީހުން ނެގި ވޯޓުގައި 36 މެންބަރުން ވޯޓު ދިނީ ބަލައިގަންނަން ނުފެންނަ ކަމަށެވެ. ބަލައިގަތުމާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ ހަ މެންބަރުންނެވެ.

ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއްސަމަދު އެ ގައުމުގެ އިމިގްރޭޝަންގެ ދަށަށް ގެންގޮސް ފަހުން އެ ގައުމުން ވަނީ ޑީޕޯޓުކޮށްލައިފަ އެވެ.
އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގައި ބައިވެރިވެ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަރާތަކުން އޭނާ ހައްޔަރުކޮށްފައިވެސްވެ އެވެ.
މީގެކުރިން ވެސް ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މީހުން އިންޑިއާގައި ހުއްޓުވައި ސުވާލުކޮށްފައިވެ އެވެ.













