މެކްސިކޯ ސިޓީ (11 ފެބްރުއަރީ) - ވޯލްޑް ކަޕް 2026 ހޯސްޓްކުރާ ގައުމެއް ކަމަށްވާ މެކްސިކޯގެ ގައުމީ ޓީމުގެ ކޯޗަކަށް އާޖެންޓީނާގެ ކޯޗު ޑިއޭގޯ ކޯކާ ހަމަޖައްސައިފި އެވެ.
މެކްސިކޯގެ ކޯޗަކަށް ކޯކާ މި ހަމަޖެއްސީ މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕުން މެކްސިކޯ ކެޓުމާ ގުޅިގެން، ޓީމުގެ ކޯޗުކަމުން އާޖެންޓީނާގެ ޖެރާޑޯ މާޓިނޯ (ޓަޓާ) ވަކިވުމުންނެވެ.
ކޯކާ، 50، އަކީ މެކްސިކޯގެ ގައުމީ ޓީމާ ހަވާލުވާނެ 45 ވަނަ ކޯޗެވެ. އަދި އެ މަގާމަށް ހަވާލުވާ އާޖެންޓީނާގެ ފަސް ވަނަ ކޯޗެވެ.
ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ކޯކާ ހުރީ މެކްސިކޯގެ ކްލަބެއް ކަމަށްވާ ޓިގްރޭސްގެ ކޯޗެއްގެ ގޮތުގަ އެވެ. އެކަމަކު، ގައުމީ ޓީމުގެ މަގާމު އޭނާ އަށް ލިބުމާ އެކު، އެ ކްލަބުން ވަނީ އެންމެ ފަސް މެޗަށް ފަހު އޭނާ ދޫކޮށްލައިފަ އެވެ.
"މިއީ ދޫކޮށްލެވޭ ވަރުގެ ފުރުސަތެއް ނޫން،" ކޯކާ ބުންޏެވެ.
"މެކްސިކޯގެ ގައުމީ ޓީމުން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފަހުރެއް."
ކޯކާގެ އެންމެ ބޮޑު ޒިންމާ އަކަށް ވާނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް މެކްސިކޯގެ ޓީމު ތައްުޔާރު ކުރުމެވެ. އެ އަހަރުގެ ވޯލްޑް ކަޕްގެ އެއް ހޯސްޓަކީ މެކްސިކޯ އެވެ. ދެން ހޯސްޓިންގައި ބައިވެރިވަނީ އެމެރިކާ އަދި ކެނަޑާ އެވެ.
ގަތަރުގައި މިދިޔަ ނޮވެމްބަރާއި ޑިސެމްބަރު މަހު ހޯސްޓް ކުރި ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން މެކްސިކޯ އަށް މުބާރާތް ނިމުނުއިރު، މިއީ 1978 ވަނަ އަހަރަށް ފަހު މެކްސިކޯ އިން ކުޅުނު ނުވަ ވޯލްޑް ކަޕުގެ ތެރެއިން، އެ ޓީމަށް ގަދަ 16 ޓީމުގެ ތެރެއިން ޖާގައެއް ނުލިބުނު ފުރަތަމަ ފަހަރެވެ.












