މިލާން (ފެބްރުއަރީ 11) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން އޮލިވިއޭ ޖިރޫ ޖެހި ގޯލުން 1-0 އިން ޓޮރިނޯ ބަލިކޮށް އޭސީ މިލާނުން މޮޅެއް ހޯދަން ކުރަމުންދިޔަ އިންތިޒާރަށް ހަތް މެޗަށް ފަހު ނިމުން އަތުވެ، އެ ޓީމަށް ހަމަނޭވައެއް ލެވޭގޮތްވެއްޖެ އެވެ.
މިދިޔަ އަހަރު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި މިލާން ރޭގެ މެޗުގެ ކުރިން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅެއް ނުލިބި ދިޔައިރު، ލީގުގައި ވަނީ ޖެހިޖެހިގެން ތިން މެޗުން ބަލިވެފަ އެވެ.
"މިއީ މެންޓަލީ ވެސް އަހަރެެމެންނަށް ކުރިއަށް ފިޔަވަޅެއް އަޅަން ބޭނުންހިފޭނެ ނަތީޖާއެއް. އަހަރެމެންނަށް މޮޅެއް ނުލިބި ޕްރެޝަރުގައި ކުޅެން ޖެހުމުން ވަރަށް ގޯސް ހާލަތަކަށް ޓީމު ދަނިކޮށް ލިބުނު މޮޅެއް މިއީ،" މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ، ރޭ ޓޮރިނޯ އަތުން މޮޅުވި މެޗަށް ފަހު ބުންޏެވެ.
ރޭގެ މޮޅާ އެކު މިލާން ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 22 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. މިލާނަށް ވުރެ ކުރީގައި އޮތީ 21 މެޗުން 56 ޕޮއިންޓް ހޯދައިގެން އެއް ވަނައިގައި އޮތް ނަޕޯލީ އާއި 21 މެޗުން 43 ޕޮއިންޓާ އެކު އޮތް އިންޓަ މިލާނެވެ. މި ހަފްތާގައި ލީގުގެ މި ބުރުގެ މެޗުތައް ހަމަކުރާއިރު، ރޯމާ އާއި އެޓަލަންޓާ އަދި ލާޒިއޯ އަށް މިލާނަށް ވުރެ ކުރިއަށް ޖެހިލެވޭނީ އެ ޓީމު ކުޅޭ މެޗުތަކުން މޮޅުވެގެންނެވެ.
މިލާން ދަނޑުގައި ރޭ ކުޅުނު މެޗުގައި ޓޮރިނޯގެ ފޯވާޑް އެންޓޯނިއޯ ސަނާބްރިއާ އަށް ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑެއް ޖަހައިދޭން ލިބުނު ދެ ފުރުސަތުގެ ވެސް ބޭނުމެއް ނުހިފުނެވެ.
ރޭގެ މެޗުގައި މިލާނަށް ރަނގަޅަށް ކުޅެވޭގޮތްވީ ދެ ވަނަ ހާފުގަ އެވެ. މި ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ، މިލާނުން ކައުންޓަ އެޓޭކެއްގައި ރަނގަޅު ފުރުސަތެއް ހޯދި އެވެ. ޖިރޫ ހުސްކޮށްލާފައި ރަފައެލް ލެއާއޯ އަށް ދިނުމުން އޭނާ ފޮނުވާލި ބޯޅަ ޓޮރިނޯ ކީޕަރު ވަންޖާ މިލިންކޮވިޗް-ސަވިޗް ވަނީ މަތަކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން އޭރިއާތެރެއިން ޖިރޫ ޖެހި ބާރު ބޯޅަ ވެސް ކީޕަރު މިލިންކޮވިޗް-ސަވިޗް ވަނީ ހުއްޓުވައިފަ އެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ ވެސް ޖިރޫ އެވެ. މިއީ މެޗުގެ 61 ވަނަ މިނިޓްގައި މިލާންގެ ތެއޯ ހެނާންޑޭޒް ނަގައިދިން ހުރަހަކުން ޖިރޫ ބޮލުން ޖެހި ގޯލެކެވެ. ޖިރޫ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
މިލާނަށް ދެ ވަނަ ގޯލެއް ޖަހައިދޭން ކައުންޓަ އެޓޭކެއްގައި މެޗުގެ 75 ވަަނަ މިނިޓްގައި ޓޮރިނޯ އޭރިއާތެެރެއިން ތެއޯ ހެނާންޑޭޒް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ނަތީޖާ ހަމަހަމަކުރަން ޓޮރިނޯ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
މިލާނުގެ ފޯވާޑް، ޒަލަޓާން އިބްރަހިމޮވިޗް، 41، ރޭގެ މެޗަށް ބެންޗަށް ގެނަ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހުގެ ފަހުން އިބްރަހިމޮވިޗް މެޗު ސްކޮޑަކަށް އެރި ފުރަތަމަ ފަހަރެވެ. އިބްރަހިމޮވިޗް، ކުޅުމާ ދުރަށް ދާން ޖެހުނީ ކަކުލުގެ ސީރިއަސް އަނިޔާއަކާ ހެދި އެވެ. މި ސީޒަނުގެ ނިޔަލަށް މިލާނާ އެކު އިބްރަހިމޮވިޗްގެ ކޮންޓްރެކްޓް ހަމަވާނެ އެވެ.












