މ.މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝްކުރުމުގެ މަޝްރޫއު ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިއުމާ ގުޅިގެން އެ މަސައްކަތް ކުރި މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފި އެވެ.
އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް މަޑިފުށީ ބީޗް ނަރިޝްކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވާ މައްސަލަ އީޕީއޭން ބަލާފައިވާ ކަމަށެވެ.
އެގޮތުން މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝްކުރުމުގެ މަޝްރޫއުގެ އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި އަދި ތިމާވެށީގެ ކްލިއަރެންސް ހޯއްދެވުމަކާ ނުލައި ކޮށްފައިވާކަން އެ އިދާރާއަށް އެނގިފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންވެ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑް 20،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
އަދި އެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ތިރީސް ދުވަހުގެ ތެރޭގައި އީޕީއޭ އަށް ދެއްކުމަށް މޯލްޑިވްސް އިންފްލައިޓް ކޭޓަރިންއަށް ވަނީ އަންގާފަ އެވެ.













