މިލާން (ފެބްރުއަރީ 6) - އިޓާލިއަން ލީގުގައި ރޭ ސްޕެޒިއާ އަތުން 3-0 އިން މޮޅުވެ، އެއް ވަނައިގައި ނަޕޯލީން ބޮޑު ލީޑެއް ދެމެހެއްޓިއިރު، ދެ ވަނައިގައި އޮތް އިންޓަ މިލާނުން 1-0 އިން އޭސީ މިލާން ބަލިކޮށްފި އެވެ.
ލީގުގެ އެއް ވަނައިގައި ނަޕޯލީ އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ނަޕޯލީ އަށް 21 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ވަނީ 21 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން ތިން ވަނައިގައި ރޯމާ އޮތީ 21 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ލާޒިއޯ އަށް 20 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް އެޓަލަންޓާ އާއި ހަ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މިލާނަށް ވަނީ 21 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ.
ސްޕެޒިއާ ދަނޑުގައި ނަޕޯލީން ތިން ގޯލު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ. ނަޕޯލީގެ ފުރަތަމަ ގޯލު ޖެހީ ޕެނަލްޓީ އަކުން އެ ޓީމަށް ކުޅޭ ޖިއޯޖިއާގެ ވިންގް، ކްވިޗާ ކްރަވަޝްކާލިއާ އެވެ. މިއީ ސްޕެޒިއާގެ އަރްކަޑިއުޒް ރޭސާ އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީ އެކެވެ.
އޭގެ ފަހުން، ނަޕޯލީން އިތުރު ދެ ގޯލު ޖެހި އެވެ. މި ލަނޑުތައް ކާމިޔާބުކުރީ ނަޕޯލީގެ ނައިޖީރިއާ ފޯވާޑް، ވިކްޓަ އޮސީމެން އެވެ. އޮސީމެން ދެ ވަނަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ކްރަވަޝްކާލިއާ އެވެ. މި ދެ ގޯލާ އެކު، އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮސީމެން އޮތީ 16 ގޯލު ޖަހައިގެންނެވެ.
މިލާން ކޮޅަށް އިންޓަ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 34 ވަނަ މިނިޓްގައި ލަޓާރޯ މާޓީނޭޒް އެވެ. މިއީ ހަކަން ޗަނޮނޮގްލޫ ނެގި ކޯނަރަކުން މާޓީނޭޒް ބޮލުން ޖެހި ގޯލެކެވެ. އިންޓަގެ ކެޕްޓަން ބޭންޑް އަޅައިގެން ރޭ ކުޅުނު މާޓީނޭޒް ވަނީ ލީގުގައި މިހާތަނަށް 12 ގޯލު ޖަހައިފަ އެވެ. މިލާން ޑާބީތަކުތަކުގައި މާޓީނޭޒް ވަނީ ޖުމްލަ އަށް ގޯލު ޖަހައިފަ އެވެ.
އިންޓަގެ ގޯލުގައި ހުރި އަންދްރޭ އޮނާނާ ހާސްކޮށްލެވޭ ވަަރުގެ މާ ރަނގަޅު ހަަމަލާތަކެއް މި މެޗުގައި މިލާނަށް ފޮނުވައެއް ނުލެވުނެވެ. ޖެހިޖެހިގެން ލީގުގެ ތިން މެޗުން މިލާން ބަލިވެފައިވާއިރު، ލީގު ތަށި ދިފާއުކުރަން އެ ޓީމުން މިހާރު ކުރަން ޖެހޭ މަސައްކަތް ވަނީ ވަރަށް އުނދަގޫވެފަ އެވެ.












