މި އަހަރުގެ ފުރަތަމަ މަހު އެއާޕޯޓު ޑިވެލޮޕްމަންޓު ފީ (އޭޑީއެފް) އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް 102 މިލިއަން ރުފިޔާ ލިބިފައިވާ ކަަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފި އެވެ.
އެ މިނިސްޓްރީއިން ކޮންމެ ހަފުތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ ޖެނުއަރީ މަހުގެ 26 އާއި ހަމައަށް ޑިޕާޗާ ޓެކުހުގެ ގޮތުގައި 50.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މީގެ ކުރިން ނަގަމުންދިޔަ އެއާޕޯޓް ސާވިސް ޗާޖު އުވާލާ އޭގެ ބަދަލުގައި ޑިޕާޗާ ޓެކްސް ނަގަން ސަރުކާރުން ނިންމާ އަމަލުކުރަން ފެށީ 01، ޖެނުއަރީ 2022 ގަ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ޖެނުއަރީ 26 ގެ ނިޔަލަށް އޭޑީއެފްގެ ގޮތުގައި ލިބިފައިވަނީ 52.2 މިލިއަން ރުފިޔާ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ އަދި ޓްރާންސިޓްވާ ފަސިންޖަރުގެ އަތުން ނަގާ މި ފީ އަކީވެސް ސަރުކާރުން 2022 އިން ފެށިގެން ނަގަމުން އަންނަ ފީއެކެވެ.
މި ދެ ޓެކްސް ނަގާ ރޭޓުތަކަކީ އިކޮނޮމިކް ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު، ބިދޭސީންގެ އަތުން 30 އެމެރިކާ ޑޮލަރު، އަދި ބިޒްނަސް ކުލާހުން ދަތުރުކުރާ މީހުން އަތުން 60 ޑޮލަރުގެ އިތުރުން ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުން އަތުން 120 ޑޮލަރެވެ.
މި ދެ ޓެކުހުގެ ޖެނުއަރީ މަހުގެ އަދަދުތައް މިދިޔަ އަހަރަށްވުރެ ހުރީ މަތީގަ އެވެ.










