އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ ހޯޕް ކޮންފަރެންސްގެ ތެރެއިން, 'ބުންވަރު' ހިނގާލުން ބާއްވައިފި އެވެ.
މިއަދު ހަވީރު ޕީޕީއެމް އޮފީސް ކުރިމަތިން ފެށި 'ބުންވަރު' ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ އެވެ. އަދި މި ހިނގާލުމުގައި އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެފައި ވެއެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި, ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ އިތުރުން, ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުاللهގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ވެސް މި ހިނގާލުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލައި މިއަދު ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހިނގާލުމުގައި ވަނީ ކުރީގެ އިދިކޮޅު ލީޑަރު އަދި ރައީސް އަބްދުالله ޔާމީން މިނިވަންކޮށްލުމަށް ގޮވާލާފަ އެވެ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވިކަން ސާބިތުވެ, ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަކީ ހަރާން ހުކުމެއް ކަމަށްބުނެ, އިދިކޮޅުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.
މިއަދު ހަވީރު ބޭއްވި 'ބުންވަރު' ހިނގަލުމަކީ, އިދިކޮޅުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހޯޕް ކޮންފަރެންސްގެ ތެރެއިން ކުރިއަށް ގެންދިޔަ އެއް ހަރަކާތެވެ. 1500 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ ހޯޕް ކޮންފަރެންސްއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅުން ބާއްވާ ކޮންފަރެންސްއެކެވެ.
ހޯޕް ކޮންފަރެންސްގެ ތެރެއިން, ރައީސް ޔާމީން ވެރިކަން ކުރެއްވި ގޮތާއި, މިހާރު މުޖުތަމައުގައި ހުރި އިޖްތިމާއީ ކަންކަމާއި ރާއްޖޭގެ އިގްތިސޯދާ ބެހޭގޮތުން ވެސް މަޝްވަރާ ކުރުން ހިމެނެ އެވެ. އަދި އަންހެނުންނާއި, މަސްވެރިން އަދި ޒުވާނުންގެ ކުރިމަގާ ބެހޭގޮތުން ވެސް މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.














