ފާޑެއްގެ ތޫނެއް އިހުސާސް ކުރެވެން ފެށުނެވެ. ހީވީ ހިމަހިމަ ތޫނު ދިގުދިގު ކަށްޓެއް ދަށްފަޔަށް ހަރައިލިހެންނެވެ. އެކަށި ފުންނާބުން ފެށިގެން ކޮށްޕަމުން ކޮށްޕަމުން ގޮސް ދެ ފައިގެ ކަށިމައްޗާ ހަމައަށް ހެރެމުން ދިޔަ ކަމުގެ އިހުސާސްކުރެވުނެވެ. އަހަންނަށް ބަލައިލެވުނީ ފަޔާ ދިމާއަށެވެ. ފެނުނީ ކުއިލްޓު ކެހި ހާމައަށް ފެންނަން އޮތް ފައި ތިލައެވެ. ލޮލުގައި އަޅައިގަތީ ބޮޑުވާ އިނގިލީގައި އަޅައިފައިވާ ބޭސްގަނޑެވެ. ހަނދާންނަށް އައީ ނިޔަފަތި ކެނޑުނު ގޮތުން ބޮޑުވާ އިނގިލީގެ ކަންވަދެ ދޮސްއަރައި ނިޔަރޮދި ބިހެއްހެން ފުއްޕައިގެން މަންމަގެ ދިވެހިބޭސްވެރިކަމުގެ ފަރުވާއެއްކުރެވުނު ހަނދާނެވެ.
ޗޮކެއް ކަނޑައިލެވުނީ ހީއެއްކަމަށް ވިސްނައިގެންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެއްކަލަ ހިމުން ތަދުގެ އިހުސާސް ފަލަމަސްގަނޑާ ހަމައަށް ފޯރަމުންދިޔައެވެ. ފަލަމަސްގަނޑު މައްޗަށް އެ ކަށި ހެރެމުން އައިސް އުކުޅުވަޅު ހުރަސްކޮށް ދަށްބަނޑުން މައްޗަށް އަރަމުންދާކަމުގެ އިހުސާސްކުރެވުނެވެ. ހަށިގަނޑުގެ ދެ ފަރާތުން އެ އިހުސާސްކުރެވެމުންދާ ވަރަކަށް ނޭވާ ކުރުވަމުންދާ ކަމުގެ އިހުސާސް ވެސް ކުރެވެމުން ދިޔައެވެ.
އެންމެފަހުން ކިހިލިފަތްދަށާ ދިމާއަށް ތަދުގެ އިހުސާސް ވާންފެށިއެވެ. އަހަންނަށް ތެޅިގަނެވުނީ އެހައި ހިސާބުންނެވެ. މީހާ ބިރުން ރޫރޫއަޅާންފެށިއެވެ. ހީއެއްކަމަށް ވިސްނައިގެން އޮއްވާ އެ ހިމަ ތަދު މައްޗަށް އަރަމުން އައިސް މިހާރު ކޮނޑުހުޅުން ފޫދާން ކައިރިވާހެން ހީވަމުން ދިޔައެވެ. އެހެންވެ ދެފަރާތުން ދެ ކޮނޑަށް އަތް ހުރަސްކޮށްލީމެވެ. ދެ އަތުން ކޮނޑުގައި ހިފައި ބާރުކޮށްލީމެވެ. އިސާހިތަކު އެ ތަދުގެ އިހުސާސް ކޮނޑާ ހަމައިން ކެނޑުނެވެ. ނޭވާ ހިފަހައްޓާލައިގެން އިރުކޮޅަކު އޮވެވުނެވެ. ހަށިގަނޑަށް އާދަޔާ ޚިލާފުގޮތެއް ވޭތޯއެވެ. ނުވެއެވެ. އެއްވެސް އައުކަމެއް ނުވެއެވެ. ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. ދަތްދޮޅީގެ ތިރިން ކަރާދިމާއިން ތުނބުޅީއާ ދިމާއިން ހިންޏެއް ކަހަލަ އެއްޗެއް ހިރޭހެން ހީވުމުން ބޭއިޚްތިޔާރުގައި އެދިމާއިން ކަހައިލެވުނެވެ. އެއާއެކު އެއްކަލަ ތޫނު ކަށީގެ އިހުސާސް ކުރެވެން ފެށުނެވެ. އެންމެފަހުން ކަނދުރައިގެ ދެ ފަރާތުން އެ ކަށި އަރައިގެން އައިސް ސިކުނޑިއާހަމައަށް ފޯރީއެވެ.
ދެންވީ މުޅީން އެހެން ގޮތެކެވެ. މުޅި މަންޒަރު ހުދުވީއެވެ. އެއްވެސް އަޑެއްބަޑެއް ނީވި ބޫން އަޑަކުން މުޅި ތަން ބަންވީއެވެ. އަހަންނަށް ނޭވާ ލެވެއެވެ. އެސްފިޔަ ހަރަކާތް ކުރެވެއެވެ. އަތްފައި ވެސް ގުޑުވެއެވެ. ނަމަވެސް އެއްވެސް ތަނެއް ނުފެނެއެވެ. ބޫންއަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. އެސްފިޔަ ޖަހައިލެވުނެވެ. އެއާއެކު ފެވިގެން ދިޔައީ ކަޅު އަކުރުތަކެކެވެ. އަކުރުތަކަށް ސަމާލުވެލަމުން ބަލައިލެވުނެވެ. ކަޅުކުލައިގެ ފަރުމާއަކަށްވާ ދިވެހި އަކުރުތަކެކެވެ. ހިތުން އެ ނަން ކިޔައިލެވުނެވެ. އޭގައި އޮތީ "ލޮލަކަށް" އެވެ. އާއެކެވެ. އަހަރެންގެ ވާހަކަ ނިމެނީ ވެސް އަދި ފެށެނީ އެހައި ހިސާބުންނެވެ.
އަހަންނަކީ އުމުރުން އަށާވީސް އަހަރުގެ ފިރިހެނަކީމެވެ. ޒުވާންކަމުގެ ލޭގައި ޢަމަލީ މައިދާނަށް ނުކުމެ އުޅޭ މީހަކީމެވެ. މަދަނީ ޚިދުމަތްތެރީންގެ ފައުޖުގައި އަވަދިނެތި ޤައުމީ ޚިދުމަތުގައި ދެމި ހުރި މީހަކީމެވެ. ޤައުމު އަހަންނަށް ގޮވަނީ އެންމެ ކަމަކަށެވެ. ޤައުމު އަހަރެންގެ ކިބައިން އެދެނީ އެންމެ ކަމަކަށެވެ. އެއީ ޤައުމު ބިނާކުރާނެ ދަރީން އުފެއްދުމަށެވެ. އަހަރެންގެ ދާއިރާއަކީ ވެސް އެއީއެވެ. ލޯބިކުރަނީ ވެސް އެކަމަށެވެ. އެއީ އަހަންނަށް މުނިފޫހިފިލުވައިދޭ ވަޒީފާއެކެވެ. ހިތްހަމަ ޖައްސުވައިދޭ ޒިންމާއެކެވެ.

ކިޔަވައިދެވުމުން އެ ލިބެނީ ބަޔާން ނުކުރެވޭ އުފަލެކެވެ. އެ ކުރެވެނީ ބުނެދޭން ނޭނގޭ އިހުސާސެކެވެ. ކުދިންގެ ކާމިޔާބީތަކުން އަހަންނަށް ފުދެއެވެ. ހިތްހަމަޖެހެއެވެ. މުސާރައިގެ ވާހަކަ ބާއްވާށެވެ. ބުރަކަމުގެ ވާހަކަ ނުދައްކާށެވެ. އެއީ ތަރާދުން މީޒާންކުރެވޭނެ ކަމެއް ނޫންތާއެވެ.
އެއް ނަޒަރަކުން ބަލާއިރު މިއީ ސައުވީސް ގަޑީއިރުގެ ޒިންމާއެކެވެ. ހަފުތާގެ ހަތްދުވަހު ކުރާންޖެހޭ ކަމެކެވެ. ހުކުރެއް ޢީދެއް ނެތި އަބަދުމެ އުޅެން ޖެހެނީ ސުކޫލު ބޮލަށް ލައިގެންނެވެ. ކިހިލީގައި ފޮތްބަޔެއް، ފަސްބައިގައި ކުދީންތަކެއް އެލުވައިގެން ނޫން ގޮތަކަށް ދުވަހެއް ނުނިމެއެވެ. އަހަރެއް ނިމޭނީ ބޮލުން ދުންއަރައަރާ ތިއްބައެވެ. އަހަރެއް ފެށޭނީ ވެސް އެ ހާލުގައި އުޅެނިކޮށެވެ.
ކޮވިޑް 19ގެ ފަހުން ސްކޫލުތައް ހުޅުވި ހުއްޓުނު ހަރަކާތްތައް އަލުންބަލުން ފެށިގެން ދިޔުމާއެކު ހީވީ ހެއްލާ އުނދޯއްޔެއް ހުއްޓި ނުލައި ދެކޮޅަށް ހެއްލިގަތް ހެންނެވެ. އަހަންނަށް ކުރެވެމުން ދިޔައީ އެކަހަލަ އިހުސާސެކެވެ. އެފަދަ އުނދޯއްޔެއް ހެއްލާތަން ފެނުނަސް އަހަންނަށް ގޮތްގޮތްވެއެވެ. މޭނުބައިކޮށް އޯކަށް ދެމޭ ގޮތްވެއެވެ. މިހާރު ވެސް އެ އިހުސާސްވާން ފަށައިފިއެވެ. މޭބޮޑުވެ ހޮޑުލަވާ ގޮތްވާން ފަށައިފިއެވެ. ދޫދަށުން ކުޅު ގިނަ ކަރުބުޑުގައި ކުޅު ގިނަވާ ގޮތްވާން ފަށައިފިއެވެ.
އަބަދުވެސް އަހަރެން ސިކުނޑިއަށް ވިސްނައިދޭ ކަމެއް އޮންނާނެއެވެ. ކަންކަމާ ކުރިމަތިލުމެވެ. ކުރިމަތިލުމާއެކު އެކަމެއް ނިމިގެންދާނެ ކަމެވެ. ކުރިމަތި ނުލައިފިނަމަ އެއްވެސް ކަމެއް ނިމިގެން ނުދާނެކަމެވެ. ކޮންމެ ކަމެއް ކުރާން ޖެހުނަސް ނިމެނީ އެކަމެއް ފެށުމުން ކަމެވެ. އެހެންވެ ސްކޫލުގައި އަހަރެން ފާހަގަވާނީ ކަންކަން މޮޅަށް ތަރުތީބުން ކުރާ މީހެއްގެ ގޮތުގައެވެ. އެކަމަކު އެއީ ލައްކަ ހިތްވަރުކަމެއް އެކަކަށް ވެސް ނުވިސްނެއެވެ. އެންމެންނަށް ވެސް ފެންނާނީ ތީރެއްހެން ނިމިގެންދާ ކަންކަމެވެ. އޭގެ ފަހަތަށް، ފަރުދާގެ ފުރަގަހެއް އެކަކަށް ވެސް ނުފެންނާނެއެވެ. ފެންނާކަށް ނުވެސް ޖެހޭނެތާއެވެ.
ދިރާސީ އަހަރުގެ ކަލަންޑަރުގެ ގަނޑުތައް އުކެމުންދިޔަ ވަރަކަށް އަހަންނަށް މަތިވަމުންދާ ޒިންމާތައް ދިޔައީ ގުނަވަމުންނެވެ. ދެގުނައެއް ނޫނެވެ. ފަސްގުނަ ހަގުނަ އިތުރުވަމުންނެވެ. އެއްވެސް ކަމެއް ދޫކޮށްނުލައި ހުރިހާ ކަމެއް ތަރުތީބުން ކުރަމުން ފަހަރަކު ކަމެއް ނިންމަމުން ނިންމަމުން ދިޔައީމެވެ. ނޭފަތުން ހަމަ ނޭވާ ނުލެވި ބަރާބަރު ދެ މަސް ދުވަސް ހޭދަވިއެވެ. އުއްމީދުކޮށްގެން ހުރީ މިޑް ޓާމުގެ ބަންދު ލިބުމުން ލުޔެއް ލިބޭނެ ކަމަށެވެ. ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ.
ރަށުގެ ތަރައްޤީގެ މަޝްރޫތަކެއްގެ ފެށުމުގެ ހަފުލާގެ ހުރިހާ ކަމެއްގައި ސްކޫލަށް މަތިވި އެންމެހާ ކަންކަމުގައި އެ ދުވަސްތައް ގުރުބާންކުރާން ޖެހުނީއެވެ. އާއްމު ހާލަތަށްވުރެ ބަންދު ހަފުތާގެ މަސައްކަތް ބުރަވާގޮތްވީއެވެ. ރީތިކޮށް ބުނާނަމަ ދެ ބުންބާއިން ވެސް އަޑިނުވާ ވަރަށް މަސައްކަތްތައް އިތުރުވަމުން ދިޔައީއެވެ. ހަފުތާގެ ނިދި ގުރުބާންކޮށްލަން ޖެހުނެވެ. އެ ހަފުތާ ނިމިގެން ދިޔައިރު މުޅި މީހާ ހުރީ އަލުންރާވަން، ރިކާބަނާކުރާން ޖެހޭ ހާލަތަށް ގޮހެވެ. އުއްމީދުކުރީ އެ ހަރަކާތް ނިމޭއިރަށް ލުއި ލިބޭނެ ކަމަށެވެ. ދެންވީ މުޅީން އެހެން ކަމެކެވެ. ސްކޫލު ހުޅުވުނު ހަފުތާއަށް ތާވަލުކޮށްފައި އޮތް ކޭންޕެއް ގައި އަވަދިނެތި އުޅޭން ޖެހުނީއެވެ. ކޭންޕުގެ ކަންކަމުގައި އަނެއްކާ ވެސް އަވަދިނެތި ނިދި ނަގައިލައިގެން ހޭލާ ހުންނަން މަޖުބޫރުވީއެވެ.
"އިންތީ! އޭތް އިންތީ!"
އަހަންނަށް މީހަކު ގޮވާހެން ހީވިއެވެ. ލޯ ހުޅުވާލެވޭނެހާ ހިތްވަރެއް ނުލިބުނެވެ. އަނެއްކާ ވެސް މީހަކު ގޮވާލިހެން ހީވިއެވެ. މޫނަށް ފިނިކަން އިހުސާސްކުރެވުނެވެ. ކުޑަކޮށް ތާޒާވަމުން ދިޔައެވެ.
"އިންތީ! ލޯ ހުޅުވާލަބަލަ! އޯކޭ ތަ މިހާރު؟"
އަހަންނަށް ކަމެއް ދިމާވީ ހެއްޔެވެ؟ ގޯހެއް އުޅެނީ ހެއްޔެވެ؟ އަހަންނަށް ލޯ ނުހުޅުވެނީ ކީއްވެ ހެއްޔެވެ؟ ހަށިގަނޑަށް ބުރަކަމެއް ވެރިވެ މީހާ ލޮޑުވެފައި މިވަނީ ކީއްވެ ހެއްޔެވެ؟
އެންމެންގެ އަޑު އަހަންނަށް އިވެއެވެ. މާހައުލުގައި ވާނުވާ އަހަންނަށް އެބަ އިހުސާސް ކުރެވެއެވެ. ނަމަވެސް ލޮލެއް ނުހުޅުވެއެވެ. ހަރަކާތެއް ނުކުރެވެއެވެ.
"އެންބިއުލަންސް އެ ކައިރިކުރީ." އަހަންނަށް އިވުނީ މޯޑުގެ އަޑެވެ.
މޯޑަކީ އަހަންނާއެކު ސްކޫލުގައި އުޅޭ ޓީޗަރެކެވެ. އަހަރެން އެންމެ ރަނގަޅަށް އެނގޭނީ ވެސް މޯޑަށެވެ. ކައިވެނީގެ ގޮށް ޖެހިއިރު ހެކިވެރިއަކަށް ހުރެދިނީ ވެސް މޯޑެވެ. އެކައިވެނީގެ ގޮށް މޮހައިލަން ލަފާ ދިނީ ވެސް މޯޑެވެ. އަންހެނުންނަށް ކުރެވޭ ނަފުރަތު ބަދަލުކުރާން އެންމެ ބޮޑަށް ފައި ވިއްދައިގެން ދޭތެރެދޭތެރެއިން އަހަންނަށް ނަސޭހަތް ލައިދޭނީ ވެސް މޯޑެވެ. މޯޑަކީ ސަޅި މީހެކެވެ. އޯގާތެރި މިތުރެކެވެ. ނިޔަނެތި ހިތެއްގެ އަޚެކެވެ.
"އިންތީ! އޯކޭތަ؟" އަނެއްކާ ވެސް މޯޑުގެ އަޑު އިވުނެވެ.
އޭނާ ހުރީ ހާސްވެފައިކަން އަހަންނަށް ޔަގީންވިއެވެ. ކޮންމެ ވެސް ކަމެއް ވެގެން އުޅޭކަން އަހަންނަށް މިހާރު ޔަގީންވެއްޖެއެވެ. ވީކަމެއް ވެގެން އުޅެނީ ވެސް އަހަންނަށެވެ. އަޖައިބަކީ އަހަންނަށް ހުރިހާ ކަމެއް އެނގޭތީއެވެ. އަހަންނަށް ކަމެއް ދިމާވިނަމަ މިއިން އެއްވެސް އަޑެއް އިވިގެން ނުވާނެތާއެވެ.
ރަށުގެ ސިއްހީ މަރުކަޒަށް އަހަރެން ގެންދިޔަކަން އެނގެއެވެ. ދެން ވީނުވީއެއް ނޭނގުނެވެ. އަރާމު ނިންޖަކުން ނިދައިލެވުނެވެ. ހީވީ ނިދިން ފުރިފައިވާ ރަޖާގަނޑެއް އަހަރެންގެ ގައިގައި އޮޅައިލިހެންނެވެ. އެހައި އަރާމުކޮށް އަހަންނަށް ނިދުނީއެވެ.
މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. ލޮލުގައި އަޅައިގަތީ އެނބުރެމުން ދިޔަ ފަންކާއެވެ. ހުދުކުލައިގެ ފަންގިފިލައެވެ. ހުދުކުލަ ހުންނަންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ކޮޓަރީގެ ފަންގިފިލާގައި ހުންނާނީ ނޫކުލައެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އަތް ހިއްލައިލެވޭތޯ ބެލީމެވެ. އަތް ހާދަބަރެވެ. ގުޑުވާލެވޭ ވަރެއް ނޫނެވެ. އޮތީ އައްސާފަ ކަންނޭނގެއެވެ. ދެން އުޅުނީ ބޯ އަރިކޮށްލާ ބަލައިލާށެވެ. އެކަން ވެސް ނުވި އެވެ. ކަޅިހިންގައިލެވުނެވެ. ދެ ލޯ ބޮޑުކޮށްލަމުންނެވެ. ފުސްމޫނެއް ފެނުނެވެ. އެއީ ކާކު ހެއްޔެވެ؟ ހުދުކުލައިގެން ޔުނީފޯމެއްގައި ހުރި އަންހެނެއް ކަން ނޭނގެއެވެ.
"ހެލޯ! ރަނގަޅުތަ؟" ކޮށި ދިވެހިބަހުން އެމީހަކު ތުއި ރާގެއްގައި ބުނެލިއެވެ.
ބަދަލުގައި އަހަރެން އަނގައިން ވެސް ނުބެނެ އޮތީއެވެ. މަޑުމަޑުން ލޯ މަރައިލީމެވެ. ދެން އިވުނީ ދޮރު ލެއްޕުނު އަޑެވެ. އެ ތުއި މީހާ ދިޔައީ ކަންނޭނގެއެވެ. އެހެންވެ ލޯ ހުޅުވާލީމެވެ. ލޮލުގައި އަޅައިގަތީ ދަގަނޑު މަތިމަހެކެވެ. ކަންފަތަށް ޖަހައިލައިފައިވަނީ ޑޮކުޓަރުން ގެންގުޅޭ ރަސްމީ ކަށިގަނޑެވެ. އެއީ ޑޮކުޓަރެއްކަން ކަށަވަރުވީ އެހައި ހިސާބުންނެވެ. މޫނަށް ދެތިން ރޫ އަރުވާލަމުން ޑޮކުޓަރު އިނގިރޭސިބަހުން ވާހަކަދެއްކިއެވެ.
އަހަންނަށް ހުރިހާ ކަމެއް ސާފު ނުވިނަމަވެސް ކޮންމެވެސް ބޮޑުކަމެއް ވެއްޖެ ކަމުގެ އިހުސާސްވިއެވެ. ޑޮކުޓަރު ވެސް ނުކުމެގެން ދިޔަކަން އެނގުނެވެ. އަނެއްކާ ދޮރުހުޅުވުނު އަޑު އިވުނެވެ. ޔަގީންވީ ފިޔަވަޅުތައް އަހަންނާ ކައިރިއަށް އަންނަކަމެވެ.
"އިންތީ." އުފާވެރި ރާގެއްގައި ވާހަކަދެއްކީ މޯޑެވެ.
މޯޑުގެ އުފާވެރި މޫނު ފެނިފައި އަހަރެންގެ ހިތް ވެސް އުފަލުން ފޮޅުނު ކަހަލައެވެ. ނަމަވެސް އެކަން ހަރަކާތުން ފާޅެއް ނުކުރެވުނެވެ. ތުންފަތަށް ލުއި ގޮތެއް ހަދައިލުން ފިޔަވާ އިތުރު ކަމެއް ނުވިއެވެ.
"އިންޝާﷲ ހުރިހާ ކަމެއް އޯކޭވާނެ. ހާސްނުވޭ. އަހަރެން ހުންނާނަން އިންތިއާއެކު." މޯޑު އަހަރެންގެ ވައަތުގައި ފިރުމައިލިއެވެ.
ކިހިއްވީހޭ އަހައިލާ ކަހަލަ ބީދައަކުން އަހަރެން މޯޑުގެ ދެ ލޮލަށް ބަލައިލީމެވެ. މޯޑަށް އެކަން ރަނގަޅަށް ދޭހަވިއެވެ.
"އިންތި ވެއްޓުނީ. ވެއްޓުނު ގޮތަށް ޖެހި އަތް ބިނދުނީ. އެހެންވެ އަތުގައި ޕްލާސްޓަރު އަޅައިފަ. ދެން ބޮލަށް ގެއްލުމެއްވިތޯ ޔަގީންކުރަން އެމް.އާރު.އޭއެއް ހަދަން އެ އުޅެނީ. އެހެންވެ ބޯ ވެސް ނުގުޑުވޭހެން ތިއޮތީ. އަދި ނޭނގެ ވެއްޓުނީ ކީއްވެކަމެއް."
އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ހިތުގައި ފުނިޖެހެމުން ދިޔަ ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނެވެ. އަތާއި ބޯ ގުޑުވާ ނުލެވުނީ ކީއްވެގެންކަން ސާފުވިއެވެ.
ކަންކަން ސާފުވަމުން ގޮސް ހިތުގައި އުފެދުނު ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބިގެން ދިޔައެވެ. މަހެއްހައި ދުވަސްކުރިން މޭގައި އުފެދެމުން ދިޔަ ތަދާއި ރިހުމަށް އަޅައި ނުލެވި އެއީ މައްސަލައެއް ނޫންކަމަށް ހެދިގެން އުޅެވުނީތީ އެކަމުން ދިމާވި ކަންކަން މިއަދު އަހަންނަށް ވިސްނިއްޖެއެވެ.
"އެންޖިނާ މި ކިޔަނީ. އެއީ ހިތަށް ލޭ ދައުރުވުން މަދުވުމުގެ ސަބަބުން ސިކުނޑީގައި ރިއްސުމުގެ ބާވަތެއް. އާއްމުކޮށް ރިއްސާނީ މޭގައި. އާދަޔާ ޚިލާފަށް ބުރަވެ ނިދި މަދުވުމުގެ ސަބަބުން މިކަން މެދުވެރިވެދާނެ. އާއްމުކޮށް މި ބާވަތުގެ މޭގައި ރިހުން ރެސްޓްކޮށްލުމުން ފިލައިގެންދާނެ،" ޑޮކުޓަރު އަހަންނަށް އޮޅުންފިލުވައިދިނެވެ. "މާ ބުރަކޮށް އުޅެނީދޯ؟"
އަހަންނަށް ބަލައިލެވުނީ މޯޑުގެ މޫނަށެވެ. އޭނާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އަނެއްކާ ވެސް ޑޮކުޓަރުގެ މޫނަށް އަހަރެން ބަލައިލީމެވެ. އެއީ ދިވެހި ނަސްލުގެ ޑޮކުޓަރެކެވެ. އޯގާތެރި ހިތެއްގެ ވެރި ޑޮކުޓަރެކެވެ.
"ޓެސްޓްތަކުން މާބޮޑު މައްސަލައެއް ފެންނާކަށް ނެތް. ބޮޑަށް ލަފާކުރެވެނީ ނިދިމަދުވުމުން ހަށިގަނޑަށް ކޮންޓްރޯލް ނުކުރެވިގެން ހަށިގަނޑަށް ނިދުނީހެން. މި ވެސް ވަރަށް މަދުން ދިމާވާ ކަމެއް،" އަނެއްކާ ވެސް ޑޮކުޓަރު ފެށިއެވެ. "މި ދެންނެވީ މީހާ ހޭލާ ހުންނަން ބޭނުންވާތީ ގަދަކަމުން ސިކުނޑިއަށް މަޖުބޫރުކޮށްގެން ހޭލާ ހުންނަނީ. އެކަމަކު އަހަރެން ހައްދަވާފައި މިވަނީ ނިދިލިބިގެން ނޫނީ ދިރި ނޫޅެވޭ ގޮތަށް. ކޮންމެ ދުވަހަކު ހަށިގަނޑުން ހަލާކުވާ ބައިތައް ރިކަވަރ މިވަނީ ނިދީގަ. ނިދި މުހިއްމު ވަނީ އެހެންވީމަ."
އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ.
"ވިސްނައިލަ ފޯނަކަށް. ފޯނުގެ ޗާޖު ހުސްވަމުންދާއިރު ބައެއް ފަންކުޝަންތައް މަސައްކަތްކުރުން އޮޓޮމެޓިކުން ހުއްޓައިލާނެ."
ހަނދާނަށް އަންނަމުން ދިޔައީ އަހަރެން ހޭލާ އޮއްވާ ފައިގެ ފުންނާބުން ފެށިގެން ތޫނު އެއްޗެއް ހެރެމުންހެރެމުން ގޮސް ސިކުނޑިއާ ހަމައަށް އެ ދިޔަ ގޮތުގެ އިހުސާސް ކުރެވުނު ވަގުތެވެ. އެއީ ވެސް ނިދި މަދުވުމުން ހަށިގަނޑުގެ ނާރުތަކުގެ މަރާމާތުގެ މަސައްކަތް ހަށިގަނޑު ކުރަމުންދާއިރު ކުރެވިދާނެ އިހުސާސެއްކަމަށް ޑޮކުޓަރު އޮޅުންފިލުވައިދިނެވެ. ނަމަވެސް އެކަހަލަ އިހުސާސް އަހަރުމެންނަށް ކުރެވޭނީ ވަރަށް ބޮޑަށް ނިދި މަދުވެ ސިކުނޑިއަށް ވަރަށް ބުރަބޮޑުވީމަކަމަށް ޑޮކުޓަރު ކިޔައިދިނެވެ.
"ޒިންމާ ތަކާ ހަވާލުވާންވާނީ ތިމާއަށް ކުރެވޭ ވަރަކުން. އިސްކުރާންވީ ޒިންމާއެއް ނޫން، އަމިއްލަ ސިއްހަތު." އަހަރެންގެ ބޮލުގައި ޑޮކުޓަރު ފިރުމައިލިއެވެ.
ޑޮކުޓަރު ކޮޓަރިން ނުކުމެގެން ދަމުން ވެސް އަހަންނަށް ބަލައިލިއެވެ. ލުއި ހިނިތުންވުމަކާއެކުގައެވެ.
"ކޮބާ ހީވެއްޖެ؟ މަ ބުނި ތަން މި އައީ." މޯޑުގެ ރަސްމީ ރާގުގައި އަހަންނާ ދިމާކޮށްލިއެވެ.
އާއެކެވެ. މިއަދު އަހަންނަށް ވިސްނިއްޖެއެވެ. ކުރެވޭތީ ކަންކަން ކުރުމަކީ ހެދޭ ބޮޑު ގޯހެކެވެ. ޒިންމާތަކާއި އަމިއްލަ ސިއްހަތާ ދެބައި ހަމަހަމަކޮށް އުޅެގެން ނޫނީ އަރާމު އުފާވެރި ދިރިއުޅުމެއް ނޫޅެވޭނެއެވެ. މިއީ އަހަރެންގެ ހަޔާތުން އަހަންނަށް ދޫކޮށްލެވެން އޮތް ފިލާވަޅެވެ. ލޮލަކަށް ނިންޖެއް ނާދޭ ކިޔައި ޒިންމާތައް ކިހިލި ޖަހައިލުމުން ކުރެވުނު ތަޖުރިބާތަކެވެ. (ނިމުނީ)








