އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު މިހާތަނަށް 60 ޝަކުވާ ހުށަހަޅާފައިވާ އެ ޕާޓީގެ އިންތިހާބީ ކަންތައްތަކާ ބެހޭ ކޮމިޓީން ބުނެފި އެވެ.
އެ ކޮމެޓީގެ މެމްބަރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ޕްރައިމަރީއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހޮޓަލައިނެއް ގާއިމްކުރި ކަމަށާއި އޮންލައިންކޮށް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޕާޓީން ހުޅުވާލި ކަމަށެވެ.
"އޮންލައިންކޮށް 50 ޝަކުވާ ލިބުނު. ހޮޓްލައިނަށް 10 ޝަކުވާ ލިބުނު. މައިގަނޑު ގޮތެއްގައި ހުރީ ވޯޓާސް ލިސްޓުގައި ނަން ނެތިގެން، ދާއިމީ އެޑްރެސް ބަދަލުވުމާ ގުޅިގެން ލިސްޓާ ދިމާނުވާތީ އައިސްފަ ހުރި ޝަކުވާ،" އަނަސް ވިދާޅުވި އެވެ.
އޭގެ އިތުރުން އަދި ވޯޓް ކަރުދާސް ދެއްކުމަށްފަހު، މީހަކު ވޯޓްލާ ކަމަށް ބުނެ ކެންޑިޑޭޓެއްގެ މަންދޫބެއް ފޮޓޯއެއް ފޮނުވި ކަމަށާއި އެ ފޮޓޯ ބަލާލުމުން ކަރުދާސް ފަތް ޖަހާތަން ފެނުނު ކަމަށް އަނަސް ވިދާޅުވި އެވެ.
އެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން ރައީސް ސޯލިހަށް 61 އިންސައްތަ ކާމިޔާބު ކުރެވިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބުކުރެވުނީ 39 އިންސައްތަ އެވެ. މި އިންތިހާބުގައި ޖުމްލަ 40،887 މީހުން ވޯޓުލާފައިވެ އެވެ.














