އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް މަރާލުމަށް ގޮވާލި މީހެއްގެ މައްސަލަ އެ ޕާޓީގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މިއީ ފޭސްބުކްގައި މީހަކު ދިން އިޒާރަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. އިޔާޒުގެ ފޮޓޯ ހިމެނޭ އޭނާގަ ހަބަރެއް ފޭސްބުކްގައި ޕޯސްޓު ކުރުމަށް ފަހު އެ މީހާ ވަނީ އިޔާޒު ދަންޖައްސާ މަރާލުމަށް ބުނެފަ އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތުގެ ތަރުޖަމާނު އަލީ ނަޒީރު ވަނީ މިރޭ ޓްވިޓެއް މެދުވެރިކޮށް ހާމަކޮށްފަ އެވެ.
ޑރ. އިޔާޒަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ބޭފުޅެކެވެ. އަދި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާ ގުޅޭގޮތުން އަބަދުވެސް އޭނާ ހިޔާލު ފާޅުކުރައްވަ އެވެ.
ބައެއް ފަހަރު މި ހިޔާލުތަކުގެ ސަބަބުން އޭނާއަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ އެވެ. މަރުގެ އިންޒާރު މިފަހަރު ދިނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއުގައި އޭނާ ފާޅުކުރި ހިޔާލަކާ ގުޅިގެންނެވެ.














