އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އޭޝިއަން ކަޕް 2023 ގެ ކޮލިފައިން ފުރަތަމަ ބުރުގައި ކުޅޭ އޭސީސީ ޗެލެންޖާސް ކަޕަށް ރާއްޖޭގެ ގައުމީ ފިރިހެން ކްރިކެޓް ޓީމު ތައްޔާރީތައް ފަށައިފި އެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި އަންނަ މަހުގެ 24 އިން މާޗް ހަތަކަށް ބޭއްވުމަށް ހަމަޖެހިފައިވާ ޗެލެންޖާސް ކަޕްގައި 10 ގައުމަކުން ވާދަކުރާނެ އެވެ. އޭސީސީ ޗެލެންޖާސް ކަޕްގައި ޓީމްތައް ދެ ގްރޫޕަށް ބަހާލައިގެން މެޗުތައް ކުޅޭއިރު، ގްރޫޕުގެ ގަދަ ދެ ޓީމް ސެމީ ފައިނަލަށް ކޮލިފައިވާނެ އެވެ. އަދި ފައިނަލަށް ހޮވޭ ދެ ޓީމް ކޮލިފައިވާނީ އޭޝިއަން ކަޕް ކޮލިފައިންގެ ދެ ވަނަ މަރުހަލާ ކަމަށްވާ އޭސީސީ ޕްރިމިއާ ކަޕަށެވެ. މި މުބާރާތް އޮންނާނީ އަންނަ އޭޕްރީލް މަހުގެ ތެރޭގަ އެވެ
ޖުމްލަ އެކު، 50 އޯވަރަށް ކުޅޭ މި މުބާރާތުގައި ވާދަކުރާނެކަން މިހާރު ޔަގީންވެފައިވާ އަށް ގައުމަކީ ރާއްޖެ، ބަހްރެއިން، ސައުދި އަރަބިއްޔާ، ބޫޓާން، ޗައިނާ، ތައިލެންޑް، މިޔަންމާ އަދި އިރާން އެވެ. ބާކީ އޮތް ދެ ޓީމު އަންނަ މަހު ފައިނަލް ވާނެ އެވެ.
ލިމިޓެޑް އޯވާ ކްރިކެޓްގެ ވަން ޑޭ އިންޓަނޭޝަނަލް ނުވަތަ (އޯޑީއައި) މެޗެއް ރާއްޖެއިން މި ކުޅެނީ 10 އަހަރު ފަހުންނެވެ. މިހާރު އާންމުކޮށް ރާއްޖޭގައި ކުޅޭ މުބާރާތްތަަކާއި ގިނައިން ރާއްޖެ ވާދަކުރާ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް ކުޅެނީ ޓީ20 ފޯމެޓަށެވެ.
ގައުމީ ޓީމްގެ ފަރިތަކުރުންތައް މިހާރު ފަށާފައިވާއިރު މި ވަގުތު ތިބި ކުޅުންތެރިންނާ އެކު ފިޓްނަސް ރަނގަޅުކުރުމުގެ ގޮތުން ޖިމް ސެޝަންތަކާއި، އިންޑިވިޖުއަލް ޕްރެކްޓިސްތަކުގެ އިތުރުން ޕްރެކްޓިސް މެޗުތަކެއް ވެސް ގައުމީ ޓީމުން އަންނަނީ ކުޅެމުންނެވެ.
ގައުމީ ޓީމުން މުހިންމު މުބާރާތަކަށް ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި ކެޕްޓަން ޔޫސުފް އަޒްޔާން ހުރީ އަނިޔާގަ އެވެ. އޭނާގެ ކޮނޑުހުޅަށް އަނިޔާވީ އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ކުލަބެއް ކަމަށްވާ ފްރެންކްސްޓަން ޕެނިންސޫލާ ކްރިކެޓު ކުލަބަށް ކުޅެނިކޮށެވެ.
އަނިޔާގެ ސަބަބުން އަޒްޔާން، މި ވަގުތު ކުޅުމާ ދުރުގައި ހުރިއިރު، އަންނަ މަހުގެ ފަހުކޮޅު އޮންނަ މުބާރާތުގައި އޭނާ ކުޅުމުގެ ފުރުސަތު ކުޑަ އެވެ.
އަޒްޔާން އަށް އަނިޔާވެ ޓީމާ އެކު ބައިވެރިވެވޭނެ ކަމުގެ ޔަގީންކަން ކުޑަ ނަމަވެސް ގައުމީ ޓީމުގެ ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް އަންނަނީ އޮސްޓްރޭލިއާގެ ކުއީންސް ލޭންޑް ޕްރިމިއާ ކްރިކެޓް ލީގުގައި ކުޅެ ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.
ކުއީންސް ލޭންޑް ޕްރިމިއާ ކްރިކެޓް ލީގުގެ ވެސްޓަން ސަބާބްސް ޑިސްޓްރިކްޓް ކްލަބަށް ސެކަންޑް ގްރޭޑް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ފެށި ނަމަވެސް މިހާރު އޭނާ ވަނީ ކުލަބުގެ އެންމެ ޓޮޕް 11 ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.












