ތެލޫގޫ ފިލްމް "އާރްއާރްއާރް" (ޓްރިޕްލް އާރް) އަށް ގޯލްޑަން ގްލޯބް އެވޯޑް ލިބިފައި ވަނިކޮށް އަނެއްކާ ވެސް ވަރުގަދަ އެވޯޑެއް ލިބިއްޖެ އެވެ.
ލޮސް އެންޖެލެސްގައި އޮތް ކްރިޓިކްސް ޗޮއިސް އެވޯޑްސްގެ އެންމެ މޮޅު "ފޮރިން ލެންގުއޭޖް" ފިލްމު އަދި އެންމެ މޮޅު ލަވައިގެ އެވޯޑް ލިބުނީ އެ ފިލްމަށެވެ.
ކްރިޓިކްސް ޗޮއިސް އެވޯޑްސްގައި އެ ފިލްމާ ވާދަކުރި "އާޖެންޓީނާ 1985" އަށް ގޯލްޑަން ގްލޯބްސްގައި އެންމެ މޮޅު "ފޮރިން ލެންގުއޭޖް" ފިލްމުގެ އެވޯޑް ލިބުނެވެ.
ފިލްމުގެ ޑިރެކްޓަރު އެސްއެސް ރާޖަމުލީގެ ސްޕީޗުގައި މަންމައަށް ޝުކުރު އަދާކޮށް ބުނީ، ސްކޫލް ތައުލީމާ އެއްވަރަށް ކޮމިކާއި ފޮތް ކިޔުމަށް މަންމަ ބާރު އެޅި ކަމަށެވެ.
އެއީ އިންޑިއާގައި އިނގިރޭސިންގެ ވެރިކަމާ ދެކޮޅަށް ދެ މީހަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ތަރިންނަކީ ރާމް ޗަރަން އަދި ޖޫނިއާ އެންޓީއާރް އެވެ.

އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމަކީ "އާރްއާރްއާރް" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބުނެވެ. އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް އެ ފިލްމު ހިނގި އެވެ.










