މިލާން (ޖެނުއަރީ 15) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން ލެޗޭ އިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް އޭސީ މިލާނުން ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް، ޕޮއިންޓެއް ހޯދައިފި އެވެ.
ރޭގެ ނަތީޖާއާ އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށެވެ. މިލާން މޮޅުވިނަމަ ނަޕޯލީގެ ލީޑު ހަތް ޕޮއިންޓަށް ކުޑަވާނެ އެވެ. އެކަމަކު، މިލާނަށް ރޭގެ މެޗުން ޕޮއިންޓެއް ލިބުމާ އެކު، ނަޕޯލީ މި ވަގުތު ލީގުގެ ކުރީގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ.
ނަޕޯލީ އަށް 18 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، މިލާނަށް ވަނީ 18 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް، ތިން ވަނައިގައި އޮތީ 18 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް އިންޓަ މިލާނުން ރޭ ވަނީ 1-0 އިން ހެލަސް ވެރޯނާ ބަލިކޮށްފަ އެވެ. އިންޓަ އަށް ވެސް ވަނީ 18 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ.
ލެޗޭ ދަނޑުގައި ރޭ ކުޅުނު މެޗުގެ ތިން ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ މިލާނުގެ ތެއޯ ހެނާންޑޭޒް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ ލެޗޭގެ ކުޅުންތެރިއަކު ޖަހަަން އެރި ބޯޅައެއް ހުއްޓުވަން ތެއޯ އެރި ވަގުތުގައި އޭނާ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. މިލާނަށް އެއްވަރުކޮށްދޭން އޭރިއާތެރެއިން، ތޮމާސޯ ޕޮބޭގާ ޖެހި ބޯޅަ ލެޗޭ ކީޕަރު ވްލަޑިމީރޯ ފަލްކޯނޭ ވަނީ މަތަކޮށްފަ އެވެ.
ފުލުފުލުގައި އެޓޭކްތަކެއް ކުރި ލެޗޭ އިން މެޗުގެ 23 ވަނަ މިނިޓްގައި ލީޑުފުޅާކުރި އެވެ. ލެޗޭގެ ކެޕްޓަން، މޯޓެން ހިއުލްމަންޑް ނެގި ހުރަހަކުން އޭރިއާތެރެއިން ފެޑެރީކޯ ބަޝަރީޓޯ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. ތިން ވަނަ ލަނޑެއް ޖަހަން ވެސް ފުރަތަމަ ހާފުގައި ލެޗޭ އަށް ފުރުސަތު ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ.
މިލާނުން ގޯލުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 58 ވަނަ މިނިޓްގައި ލެޗޭ އޭރިއާތެރެއިން މިލާނުގެ ރަފައެލް ލެއާއޯ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ހަނި އޭންގަލުން އެތެރެއަށް ފޮނުވާލައިފަ އެވެ. މެޗުގެ 70 ވަނަ މިނިޓްގައި މިލާނަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޑަވިޑޭ ކަލާބްރިއާ އެވެ. މިއީ މިލާންގެ އޮލިވިއޭ ޖިރޫ ބޮލުން ޖައްސާލި ބޯޅައަކުން ކަލަބްރިއާ ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.












