ރަޝިއާ ސަރުކާރުގެ ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޑެނިސް މަންޓުރޯވްގެ މަސައްކަތް ލަސްކަމަށް ވިދާޅުވެ، ރައީސް ލެޑިމިއަ ޕުޓިން ފާޑުވިދާޅުވެއްޖެ އެވެ.
ރަޝިއާ ސަރުކާރުން މި އަހަރު ބޭއްވި ފުރަތަމަ ރަސްމީ ބައްދަލުވުމުގައި ޕުޓިން ވިދާޅުވީ ވައިގެ އުޅަނދުތަކަށް އޯޑަރު ކުރުން ލަސްވެގެން އުޅެނީ މަންޓުރޯވްގެ ފަރުވާ ކުޑަކަމުން ކަމަށެވެ.
"މާ ގިނަ ވަގުތު. އެކަމަށް މާ ގިނަ ވަގުތު އެބަ ނަގާ. ސަކަރާތް ޖަހަން ތި ހުންނަވަނީ ކީއްކުރަންތޯ؟ އެއްބަސްވުންތަކުގައި ސޮއިކުރެވޭނީ ކޮން އިރަކުންތޯ؟" ޓީވީން ދެއްކި ބައްދަލުވުމުގައި ޕުޓިން ވިދާޅުވި އެވެ.
ސަރުކާރުގެ އޮފިޝަލުންގެ މަސައްކަތާ މެދު ހިތްހަމަނުޖެހޭ ނަމަ ބައްދަލުވުންތަކާއި އާއްމު ތަންތަނުގައި ވެސް އެ ވާހަކަ ހާމަކުރުމަކީ ޕުޓިން ވަރަށް ގިނައިން ކުރައްވާ ކަމެކެވެ.
އިންޑަސްޓްރީ މިނިސްޓަރަށް ބަހުގެ ހަމަލާތައް އަމާޒުވި އިރު، ޔޫކްރެއިން ހަނގުރާމައިގެ އިސް ކޮމާންޑަަރު ޖެނެރަލް ސާގެއި ސުރޮވިކިން އެންމެ ތިން މަސް ފަހުން ވަނީ އެ މަގާމުން ދުރުކުރައްވައިފަ އެވެ.
މަންޓުރޯވްއަކީ 2012 ވަނަ އަހަރުން ފެށިގެން ޕުޓިންގެ މިނިސްޓަރުންގެ ޓީމުގައި ހިދުމަތް ކުރައްވަމުން އަންނަ ވަފާތެރި އޮފިޝަލެކެވެ. ގިނަ ދަތުރުތަކުގައި އޭނާ ޕުޓިންއާ އެކު ބައިވެރިވެވަޑައިގަންނަވަ އެވެ.










