މި އަހަރުގެ އޮގަސްޓް މަހު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް އަށް ޓާގެޓްކޮށްގެން ތައްޔާރުވަމުން އަންނަ އެތުލެޓިކްސްގެ ގައުމީ ރިލޭ ޓީމް ތަމްރީންތަކަށް އިންޑިއާ އަށް ފުރަން ތައްޔާރުވެއްޖެ އެވެ.
އިންޑިއާގެ ބެންގަލޫރުގައި މި މަހުގެ 16 އިން ފެށިގެން މާޗު މަހުގެ 15 އާ ހަމައަށް ކުރިއަށްގެންދާ ތަމްރީންތަކުގައި ރާއްޖޭގެ ދިހަ އެތުލީޓެއް ވާދަކުރާނެ އެވެ. މާޗު މަހު ޓީމް އެނބުރި މާލެ އަންނާނީ ރޯދަ މަހަށް ތަމްރީންތައް މެދު ކަނޑާލުމަށެވެ. އޭގެ ފަހުން އައިއޯއައިޖީ އަށް ހޮވޭ ފައިނަލް ސްކޮޑާ އެކު ގައުމީ އެތުލެޓިކްސް ޓިމް މެއި މަހުގެ 1 އިން އޮގަސްޓް 15 އަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދާ ގޮތަށް ވަނީ ނިންމައިފަ އެވެ.
ކުރިއަށް އޮތް ދެ މަހަށް އިންޑިއާގެ ތަމްރީންތަކަށް ދާ އަންހެން އެތުލީޓުންނަކީ ޒިވާ މޫސާ ޝަފީއު، ރިފާ މުހައްމަދު، މަރިޔަމް އަލްހާ ހުސައިން، އައިޝަތު ޝަބާ ސަލީމް އަދި އާމިނަތު ޖާއިޝާ ޖުނީޒު އެވެ. ފިރިހެން ޓީމްގައި ހިމެނެނީ ހަސަން ސާއިދު، ހުސައިން ރިޒާ، އަހުމަދު ނަޖުދާން އަބްދުﷲ، ހުސައިން ޒީކް ސުއާދު އަދި އަބްދުލް ރަޝީދު އިސްމާއިލް އެވެ. ޓީމްގެ އޮފިޝަލުންގެ ގޮތުގައި މަފާޒާ މުސްތަފާ އަދި ޝިފާޒް ރާޝިދު ބައިވެރިވާއިރު، ޓީމްގެ ކޯޗަކީ އަހުމަދު ފާއިލް އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް ވިދާޅުވީ މި ތަމްރިން ދަތުރަކީ އެސޯސިއޭޝަނުން މިދިޔަ އަހަރު ކުރި "ރިކުއެސްޓަކަށް" އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން ދަތުރެއް ކަމަށެވެ.

ޖުމްލަ، 10 އެތުލީޓުންނަށް ފުރުސަތު ލިބުނުއިރު އެތުލީޓުން ހޮވުމުގައި ބަލާފައިވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެން ޑިސެމްބަރަށް ކުރިއަށްދިޔަ ގައުމީ ފެންވަރުގެ މުބާރާތްތަކާއި ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ ޓައިމް ޓްރަޔަލް އަށް ކަމަށް ވެސް މުންތަގިމް ވަނީ ފާހަގަކުރައްވައިފަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް އޮގަސްޓް މަހު ކުރިއަށްދިޔައިރު، ގައުމީ މުބާރާތް ކުރިއަށްދިޔައީ އޮކްޓޯބަރު މަހުގަ އެވެ. އޭގެ ފަހުން ނެޝަނަލް ގްރޯން ޕްރީ ކުރިއަށް ގެންދިޔައީ ނޮވެމްބަރު މަހުގަ އެވެ. މި ތިން މުބާރާތުގެ ޓައިމިން އާއި ޑިސެމްބަރު މަހުގެ ޓައިމް ޓްރަޔަލް އަށް ބަލާއިރު ބައެއް އަމިއްލަ ސަބަބުތަކާ ހުރެ ބައެއް ކުޅުންތެރިން މިފަހަރު ތަމްރީން ސްކޮޑުން އަމިއްލަ އަށް ވަކިވިކަން އޭނާ ފާހަގަކުރި އެވެ.
"ރިލޭ ޓީމްގައި ހިމެނޭ އަދި ވަރަށް ރަނގަޅަށް ކުރިއެރުން ހޯދަމުން އަންނަ ހަތަރު އެތުލީޓެއް އަމިއްލަ ސަބަބަކާ ހުރެ ބައިވެރި ނުވޭ މިފަހަރު ތަމްރީންތަކުގައި. އެ އެތުލީޓުން ބަދަލުގައި އެހެން އެތުލީޓުންނަށް ފަހު ވަގުތު ފުރުސަތުދޭން ޖެހުނު" އެސޯސިއޭޝަންގެ މުބާރާތްތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މުންތަގިމް ވިދާޅުވި އެވެ.
މި ފަހަރު ސްކޮޑުން އަމިއްލަ އަށް ވަކިވި އެތުލީޓުންނަކީ މަރިޔަމް ރޫޔާ އަލީ، އަހްނާ ނިޒާރު، ހައްވާ މުޒުނާ ފާއިޒު، އިބްރާހިމް ނާހިލް ނިޒާރު އަދި މުހައްމަދު މިންހާލް ޝާމިން އެވެ. ބެލެވޭ ގޮތުގައި މި އެތުލީޓުން ޓީމުން ވަކިވާން ނިންމީ ކުރިއަށް އޮތް ޖީސީއީ އޯލެވެލް އިމްތިހާނަށް އިސްކަންދިނުމުގެ ގޮތުން ދެ މަހަށް ކިޔެވުން މެދު ކަނޑާލަން ބޭނުން ނުވާތީ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރުގެ އައިއޯއައިޖީގެ ރިލޭ އިވެންޓުން މެޑަލް ހޯދުމެވެ. މި ގޮތުން އަންހެން އަދި ފިރިހެން ރިލޭ ޓީމަށް ފޯކަސްކޮށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މިދިޔަ އަހަރު ކުރިއަށްދިޔަ ކޮމަންވެލްތް ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ރިލޭ ޓީމް ބައިވެރިކުރަން ނިންމީވެސް އައިއޯއައިޖީީ އަށް ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެ މުބާރާތުގައިވެސް އަންހެން ރިލޭ ޓީމުން ވަނީ 4 ގުނަ 100 މީޓަރު ރިލޭގެ ގައުމީ ރެކޯޑު އާ ކޮށްފަ އެވެ.
ރާއްޖޭއިން އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ އައިއޯއައިޖީ އަށް ތައްޔާރުވުމަށް ނަގާ ފައިނަލް ސްކޮޑު އެކުލަވާލާނީ އަންނަ މާޗު މަހު އޮންނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕަށް ފަހުގަ އެވެ. މި މުބާރާތުގައި އެތުލީޓުން ހޯދާ ކުރިއެރުމާ ހާސިލްކުރެވުނު ޓައިމިން އަށް ބަލައި ރާއްޖެއިން މުބާރާތުގައި ވާދަކުރާ ފައިނަލް ސްކޮޑު އެކުލަވާލާނެ އެވެ. އެއީ ރިލޭ ޓީމާއި، އިންޑިވިޖުއަލް ސްޕްރިންޓް، މިޑްލް ޑިސްޓަންސް ދުވުންތެރިން އަދި މެރެތަން ދުވުންތެރިން ހިމެނޭ ގޮތަށެވެ.
އަންނަ އަހަރު އައިއޯއައިޖީ އިން ޖާގަ ދޭ ގޮތަށް ނިންމާފައި އޮތީ އެސޯސިއޭޝަނުން ހުށަހަޅާ ޓައިމިންތަކަށް ވާސިލްވެވޭ ދުވުންތެރިންނަށެވެ. އެ ޓައިމިންތަކަށް ވާސިލްވުމަށް ގިނަ އެތުލީޓުން މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް ފެންނަނީ އުއްމީދީ މަންޒަރެއް ކަމަށް އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.
ރޭވިފައިވާ ޕްލޭނާ އެއްގޮތަށް އެތުލީޓުން ކުރިއެރުން ހޯދައިދިނަމަ އައިއޯއައިޖީ އިން ރާއްޖޭގެ އަންހެން އަދި ފިރިހެން ދުވުންތެރިންވެސް މެޑަލް ހޯދާނެ ކަމުގެ އުއްމީދު ބޮޑުކަމަށް އެތުލެޓިކް އެސޯސިއޭޝަނުން ހާމަކުރެ އެވެ.
އެތުލެޓިކްސް އަކީ ރާއްޖެއިން މިދިޔަ ދެ އައިއޯއައިޖީއަށް އަށް ބަލާއިރުވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދި ކުޅިވަރެކެވެ. އެ ގޮތުން 2015 ގައި 100 މީޓަރު ރަން މެޑަލް އަދި 200 މީޓަރު ރިހި މެޑަލް ހަސަން ސާއިދު ހޯދި އެވެ. އެ ފަހަރު ސާއިދު ހޯދި ރަން މެޑައްޔަކީ މަލްޓި ސްޕޯޓްސް ގޭމްސް އަކުން ރާއްޖެއިން ހޯދި އެންމެ ފުރަތަމަ ރަން މެޑައްޔެވެ. އޭގެ ފަހުން 2019 ގައި ސާއިދު ވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް އަދި އޭނާ ހިމެނިގެން ފިރިހެން ރިލޭ ޓީމުން ވަނީ 4 ގުނަ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ.
އައިއޯއައިޖީ އަށް ޓާގެޓްކޮށްގެން ކުރެވޭ މަސައްކަތުގައި ރާއްޖޭގައި މިވަގުތު ތިބި އެންމެ އުއްމީދީ ދެ ދުވުންތެރިން އަންނީ ޖެމެރިކާގައި ތަމްރީން ހަދަމުންނެވެ. އެއީ އައިޝަތު ހިމްނާ ހަސަން އާއި އިބާދުﷲ އާދަމް އެވެ. ދެ އެތުލީޓުންވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އައިއޯއައިޖީ އަށް ފުރަން ތައްޔާރުވުމާ އެކުގަ އެވެ.











