ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާ ދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 1:15 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައުލޫމާތާ އެކު ސީންއަށް އެޓެންޑުވެފައިވާ ކަމަށެވެ. އަދި، ޒަހަމް ވެފައި ވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ ޒުވާނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާ އެކު އެވެ. ފުލުހުން ގެންދަނީ މި މައްސަލައިގެ ތަހުގީގު ކުރަމުންނެވެ.
މިދިޔަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށުމާ އެކު، އެ ސަރަހައްދުން ގިނަ އަދަދެއްގެ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން، މަސްތުވާތަކެއްޗާއި މާރާމާރީގެ އިތުރުން ތޫނުއެއްޗެހި ބޭނުންކޮށްގެން ހަމަލާ ދިނުމުގެ މައްސަލަތައް ވަނީ ފެންމަތިވަމުންނެވެ.














